ޤާނޫނު އަސާސީ އިސްލާހުކޮށް، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލަކީ މިއަދު އަތޮޅުތަކަށް ތަރައްޤީ އާއި ކުރިއެރުން ލިބުމުގައި އޮތް އެންމެބޮޑު ފުރުސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރަީ ދުވަހުގެ މުނާސަބަތާ ގުޅިގެން އަޑުގެ "ބާއްޖަވެރި ހެނދުނެއް" ޕްރޮގުރާމްގައި ބައިވެރިވެ ވަޑައިގެން މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ޒަމާންވީ ދިގު ތާރީޚުގައި މަރުކަޒީކޮށް ހިންގަމުންދިޔަ ސިޔާސަތަށް ބަދަލުގެނެސް ލާމަރުކަޒީ އުސޫލުން ހިންގުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާޙަކީ މިއަދު އަތޮޅުތަކުގެ ރަށްރަށް ތަރައްޤީކުރުމުގައި ލިބުނު އެންމެބޮޑު ކުރިއެރުންކަމަށެވެ.

ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ މަރުހަލާގައިވެސް ލާމަރުކަޒީ ނިޒާމު ޤާޢިމުކުރުމާ މެދު އެންމެ ފުރަތަމަ ލިބުނު ފުރުސަތުގައި ޤާނޫނު އަސާސީގައި ލިޔެފައި ވަނީ އެންމެ މާއްދާއެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ލާމަރުކަޒީ އުސޫލުން އިދާރީދައިރާތައް ހިންގުމަށް ކުރިމަތިވި ހުރަސްތަކާއި ގޮންޖެހުންތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އޭރު އެމްޑީޕީގެ ފަރާތުން 800 އަށްވުގެ ގިނަ އިސްލާހު ހުށަހެޅުމުން ތިން ދުވަސް ވަންދެން މަޖިލީހުގެ ޖަލްސާ ބާއްވާއި އެހުރިހައި އިސްލާޙުތަކެއް މަޖިލީހުން ބޭރުކޮށްލާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ރާއްޖޭގެ އަތޮޅުތައް ލާމަރުކަޒުކުރުން ކަމަށާ މަރުކަޒުކުރުމުގެ ސަބަބުން ރަށްތަށަށ އަންނަންވާ ތަރައްގީ އޮތީ މަޑުޖެހިފައިކަމަށެވެ. އެހެންކަމުން ރާއްޖެ ތަރައްގީކުރުމަށް ލާމަރުކަޒީ ނިޒާމްގެތެރެއިން ރަށްރަށަށް ބާރުތައް ދޫކުރެވެންޖެހޭ ކަމަށާ އަދި ވިޔަފާރީގެ ބާރުތައް ވެސް ރަށްރަށަށް ދޫކުރެވެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިއްހީދާއިރާ އާއި ތައުލީމީ ދާއިރާވެސް ބައްޓަންކުރެވެންޖެހެނީ ލާމަރުކަޒީ ނިޒާމުގެތެރެއިން ކަމަށެވެ، އެހެންކަމުން ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ މާލެއަށް މަރުކަޒު ކުރެވިފަ އޮތް ބާރުތައް ރަށްރަށަށް ދޫކޮށްލުން ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުވެސް ލާމަރުކަޒީ އައު ގާނޫނެއް ފާސްކޮށްފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އޭގައި ވަރަށް ގިނަ ބާރުތައް ދޫކޮށްލެވިފައި ހުންނާނެ ކަމަށާ މިޙާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދަނީ ސިއްހީ ނިޒާމް ލާމަރުކަޒު ކުރުމުގެ މަސައްކަތް ކަމަށެވެ. އޭގެ ނަތީޖާވެސް މިހާރުފެންނަމުންދާ ކަމަށާ ލޮކްޑައުންގެ ތެރޭގައި މާލެއަށް ސިއްހީ ޚިދުމަތް ހޯދުމަށް އަންނަންޖެހުން ދަތިވުމުގެ ސަބަބުން އަތޮޅުތެރޭގައި ހުރި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގެ ބޭނުން ރައްޔިތުން ހިފަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.