2021 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ހަވީރު ހަތަރަކުން، ރޭގަނޑު އަށަކަށް މާލެ އަދި ވިލިމާލޭގައި ވެލިކަލް ދުއްވުން މަނާކޮށްފިއެެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މިއަހަރަކީ ކޮވިޑް-19 ގެ ސަބަބުން މާލެ ސިޓީގެ ގިނަ ރައްޔިތުން ފުރަ ބަންދުވެ، ދަތުރުފަތުރުކުރުން ހުއްޓިފައިވާ ހާލަތުގައި ދުވަސްތައް ހޭދަކުރަން ޖެހިފައިވާ އަހަރެއް ކަމަށެވެ.

އަދި މިއަދާ ހަމައަށްވެސް އާންމު ހާލަތަށް ނުދެވިވާތީ މިހާލަތުގައި، ރައްޔިތުންނަށް ހިތްހަމަޖެހުމެއް ގެނެސްދިނުމަށް ކައުންސިލުން ބޭނުންވާ ކަމެވެ.

މިގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މާލެ ސިޓީގެ މާލެ އަދި ވިލިމާލޭގައި ފައިމަގުގައި ހިނގާ ވަގުތުކޮޅެއް ހަމަޖައްސައި ދިނުމަށްޓަކައި ކައުންސިލުން ވަނީ 2021 ވަނަ އަހަރުގެ ޖެނައަރީ މަހުގެ 1 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑޫ 8:00 އަށް މާލެ ސިޓީގެ މާލެ، ވިލިމާލޭގެ މަގުތަކަކީ ފައިމަގުގައި ހިނގާއުޅޭ ވަގުތެއްގެ ގޮތުގައި ހަމަޖެއްސުމަށް ނިންމާފައި ކަމަށެވެ.

އެހެންކަމުން އެވަގުތުތަކުގައި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަދީފައިވާ އުޅަނދުތައް ފިޔަވައި އެހެން އުޅަނދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ދުއްވުމަކީ މަނާކަމެއްކަމަށް ކައުންސިލުން ބުނެފައިވެއެވެ.

ހާއްސަ ހުއްދަ ދީފައިވާ އުޅަނދުތައް:

  • ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު
  • އެމްބިއުލެންސް
  • ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަ ކުރެވިފައިވާ ސައިކަލް
  • ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންދާ ބަހުގެ ޚިދުމަތް
  • އެދުވަހުގެ އެގަޑީގައި ދުއްވުމުގެ ހުއްދަދެވޭ އުޅަނދުތައް

އެހެންކަމުން އެގަޑިތަކުގައި ހުއްދަނެތި ވެހިކަލް ދުއްވާ ފަރާތްތައް އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމުގައި ކައުންސިލުން ބުނެފައިވެއެވެ.