މިއަހަރުތެރޭ ހިންދީ ސިނަމާގެ ގިނަ ޕްރޮޖެކްޓްތަކެއްގައި އެންމެ އަވަދިނެތި އުޅުނު އެއް ފަރާތަކީ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރެވެ.
އިންޑިއާގެ ސަރުކާރުން ދޭ އެންމެ ޝަރަފްވެރި އެވޯޑް ޕަދްމާޝްރީ އެވޯޑްވެސް ހާސިލްކޮށްފައިވާ އެކްޓަރު ދާދިފަހުން ވަނީ އޭނާ ފިލްމު ކުޅެދޭ އަގު މިހާރަށްވުރެ ބޮޑުކޮށްފައެވެ.
އެންމެ ފުރަތަމަ އަކްޝޭ ފިލްމުތައް ކުޅެމުންއައީ 99 ކްރޯޑް ރުޕީސްއަށް ނަމަވެސް، އޭގެ ފަހުން އޭނާވަނީ ފިލްމު ކުޅެދޭ އަގު 117 ކްރޯޑް ރުޕީސްއަށް ބަދަލުކޮށްފައެވެ.
އަލަށް އޭނާ ކަނޑައަޅާފައިވާ އަގާއެކު ދެން އަކްޝޭ ކުމާރު ފިލްމު ކުޅެދޭނީ ފިލްމެއް 135 ކްރޯޑް ރުޕީސްއަށްކަމަށް އިންޑިއާގެ މީޑިއާއިންވަނީ ބުނެފައެވެ.
އަކްޝޭ ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފައިވަނީ ކުރިއަށް އޮތް އަހަރުވެސް އޭނާގެ ޝެޑިއުލް އެއްކޮށް ފުރިފައިވާކަމަށް މީޑީއާއިން ބުނެފައިވަނިކޮށެވެ.
ޚަބަރު ލިބޭގޮތުގައި އަކްޝޭ ކުމާރު އަލަށް ކަނޑައެޅި އަގު އޭނާ ނަގާނީ 2022 ވަނަ އަހަރު ސޮއިކުރާ ފިލްމުތަކުންނެވެ.
މުނިފޫހިފިލުވުމުގެ ދާއިރާގެ އެނަލިސްޓުން އަންދާޒާކުރާ ގޮތުގައި އަލަށް ހަމަޖެހުނު އަގާއެކު ފިލްމުގެ ޕްރިންޓިންއާއި ޕަބްލިސިޓީއާއެކު، އަކްޝޭއަށް ޖުމްލަ އާމްދާނީގެ ގޮތުގައި 80 ކްރޯޑާއި 90 ކްރޯޑާ ދެމެދުގެ އަދަދަކަށް އޭރުން ލިބޭނެއެވެ.
ކާމިޔާބު ފިލްމުތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ބަތަލަށް މިއަދަދަކީ ބޮޑު އަދަދަކަށް ނުވާނެ ކަމަށްވެސް އެނަލިސްޓުން ބުނެއެވެ. ސަބަބަކީ އޭނާގެ ގިނަ ފިލްމުތަކަކީ ވިޔަފާރީގެ ގޮތުން ބޮޑު އާމްދާނީއެއް ހޯދައިދޭ ފިލްމުތަކަށްވާތީއެވެ.
އެންމެފަހުން އަކްޝޭ ފެނިގެން ގޮސްފައިވަނީ ޑިޒްނީ ހޮޓް ސްޓަރއިން ޕްރިމިއަކުރި ފިލްމު "ލަކްޝްމީ" އިންނެވެ.
އަކްޝޭގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސޫރިޔަވަންޝީ"، ޔާޝް ރާޖް ފިލްމްސްގެ "ޕްރިތްވީ ރާޖް" އަދި އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުންދާ ފިލްމު "އަތްރަންގީރޭ" ހިމެނެއެވެ.