އެމޭޒަން ޕްރައިމްއިން މިއަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ޝަކުންތަލާ ދޭވީ" ގެ ޑައިރެކްޓަރު އަނޫ މެނަން އަދި ޕްރޮޑިއުސަރު ވިކްރަމް މަލޯތްރާއާ ދެމީހުން އާ ޕްރޮޖެކްޓަކަށް ތައްޔާރުވެއްޖެއެވެ.
ބަތަލާ ވިދްޔާ ބާލަންގެ މޮޅު އެކްޓިން ފެނިގެންދިޔަ މިފިލްމަކީ މިއަހަރު ޑިޖިޓަލް ޕްލެޓްފޯމެއްގައި ރިލީޒުކުރި ފިލްމުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
ހަމަ އެއާއެކު ބެލުންތެރިންގެ ޕޮޒިޓިވް ރިވިއުވެސް މިފިލްމަށްވަނީ ލިބިފައެވެ.
މިފިލްމަކީ އިންޑިއާގައި އުފެދުނު ހިސާބުގެ އިލްމުން ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ޝަކުންތަލާ ދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށްގެ ގެނެސްދީފައިވާ ފިލްމެކެވެ.
މިފިލްމުގެ ޑައިރެކްޓަރާއި ޕްރޮޑިއުސަރ އަލަށް ފަށަން ގަސްތުކޮށްފައިވާ ފިލްމަކީ މާޑަރ މިސްޓްރީއެއްކަމަށް އިންޑިއާގެ މީޑީއާއިން ބުނެފައިވެއެވެ.
ފިލްމުގެ ސްކްރިޕްޓް މިހާރު ތައްޔާރުކުރުމުގެ މަރުހަލާގައި ވާއިރު މިފިލްމުވެސް ގެނެސްދޭނީ "ޝަކުންތަލާ ދޭވީ" ފިލްމު ގެނެސްދީފައިވާ އަބަންދާންތިއާ އެންޓަޓެއިންމެންޓްއިންނެވެ.
ޑައިރެކްޓަރ އަނޫ މެނަން އުއްމީދުކުރަނީ ކުރިން ގެނެސްދިން ފިލްމުގެ ވާހަކައަށްވުރެ ކުރިއަށް އޮތް ފިލްމުގެ ވާހަކަ ތަފާތުވިނަމަވެސް ފިލްމު "ޝަކުންތަލާ ދޭވީ" އަށް ލިބުނުފަދަ ކާމިޔާބީ ނުވަތަ ތަރުހީބު، ކުރިއަށް ނެރެން ގަސްތުކުރާ ފިލްމަށްވެސް ލިބިގެންދިއުމެވެ.
މިފިލްމުގެ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވެނީ ފެށޭ އަހަރުގެ އޭޕްރީލް ނުވަތަ މެއިމަހުގައެވެ.