ގައުމަށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުުޅު މުޅި ގައުމު ބަލައިގަންނަ ކަމަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ "އެއްބައިވަންތަކަން ދެމެހެއްޓުމުގައި ސިފައިން" މި ނަމުގައި ސިފައިންގެ އައްޑަނަ މަޖައްލާއަށް ލިޔުއްވި ލިޔުއްވުމުގައެވެ.

މި ލިޔުއްވުމުގައި ވަނީ ގައުމަށް ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދިވެހި އަސްކަރިއްޔާ އަދާކުރަމުންގެންދާ އިސްދައުރުގެ މޭސްތިރިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ހިކުމަތްތެރި ވިސްނުންފުުޅު މިއަދު މުޅި ގައުމު ބަލައިގަންނަ ކަމަށާއި ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ސިފައިންގެ ލީޑަރޝިޕްގައި ތިއްބެވި ބޭކަލުންގެ އިރުޝާދާއެކު މުޅި މުއައްސަސާއިން ފެނިގެންދިޔަ ކެތްތެރިކަމާ ހިތްވަރަކީ އެއްބައިވަންތަކަމުގެ ލާމަސީލު ނަމޫނާއެއް ކަމަށެވެ.

އާއިލާއާއި ގާތް ރަހުމަތްތެރިންނާ ދުރުގައި އެތައް ދުވަހެއް ސިފައިން މި "ޕެންޑަމިކް" އާ ގުޅިގެން މިއަދުވެސް ހޭދަކުރަމުން އަންނައިރު މި ދަނޑިވަޅުގައިވެސް ރައްޔިތުންގެ މެދުގައި އެއްބައިވަންތަކަމާއި ހަމަޖެހުން ކަށަވަރުކުރުމަށް ގައުމީ ދިފަޢީ ބާރުން ކުރި ބުރަ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައިގަތީ ހިނިތުންވުމާއި އުފަލާއެކު."
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މީގެ 16 އަހަރު ކުރިން ސުނާމީ ކާރިސާގެ ހަނދާން އައު ކުރަންވީ ހަމައެކަނި އެ ދުވަހުގެ ބިރުވެރި ކަމަކަށް ނޫންކަން ފާހަގަ ކުރައްވާ މިނިސްޓަރ ވިދާޅުވީ އެ ދުވަހުގެ ހަނދާން އައުކުރަން މަޖުބޫރު ކުރުވަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ނަމޫނާގެ ސަބަބުުން ކަމަށެވެ.

ކުޑަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ދެއްކި ނަމޫނާ ދިވެހިން ފަޚުރުވެރި ކުރުވައި ކަމަށާއި ވަކިން ޚާއްސަކޮށް ދިވެހި އަސްކަރިއްޔާއިން އެ ދުވަހު ދެއްކި އެއްބައިވަންތަކަމުގެ ރޫޙު ދިވެހި ތާރީޚުގެ ސަފްޙާތަކުގައި ތާއަބަދަށް ލިޔެވިގެންދާ ދިޔުމާމެދު އެކަމަނާ ނުހަނު އުފާކުރައްވާ ކަމަށްވެސް މިނިސްޓަރުގެ ލިޔުމުގައިވެއެވެ.