ޑައިރެކްޓަރ ރިބޫ ދަސްގުޕްތާގެ ކުރިއަށް އޮތް ތްރިލަރ ފިލްމު ކުޅެން ބަތަލާ ޕަރިނީތީ ޗޯޕްރާ ސޮއިކޮށްފިކަމަށް އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ނޫސްތަކުން ބުނެފިއެވެ.
ޚަބަރު ލިބޭގޮތުގައި ބަތަލާ ޕަރިނީތީ މިފިލްމުގައި ފެނިގެންދާނީ ރެސްކިއު އޮޕަރޭޝަނެއް ނުވަތަ މިޝަންއެއްގެ އަންޑަރކަވަރ އެޖެންޓެއްގެ ރޯލުންނެވެ.
ޕަރިނީތީގެ އިތުރުން ފިލްމުން ދެން ފެނިގެންދާނެކަމަށް ބެލެވެނީ އެކްޓަރު ރަޖިތް ކަޕޫރުގެ އިތުރުން އެކްޓަރު ކޭކޭ މެނަންއެވެ.
އަންނަ އަހަރުގެ މާރޗް މަހުތެރޭ ފިލްމުގެ ޝޫޓިންގ ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، ފިލްމުގެ ޕްރޮޑަކްޝަން ޓީމުންދަނީ ކޮވިޑް-19 ގެ ގައިޑްލައިންއާ އެއްގޮތަށް ޝޫޓިންގ ފެށުމުގެ ހުއްދަތައް ކަމާބެހޭ ފަރާތްތަކުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޑައިރެކްޓަރ ރިބޫ ދަސްގުޕްތާގެ މިފިލްމު ޕްރޮޑިއުސްކުރުމަށް ހަމަޖެހިފައިވަނީ ރިލަޔަންސް އެންޓަޓެއިންމަންޓުންނެވެ.
ޕަރިނީތީވަނީ ޑައިރެކްޓަރ ރިބޫގެ ކުރިއަށް އޮތް ހިންދީ ރިމޭކް "ދަ ގަލް އޮން ދަ ޓްރެއިން" ގެ ފިލްމުގެ މަސައްކަތް މިދިޔައަހަރު ލަންޑަންގައި ނިންމާފައެވެ.
ޕަރިނީތީގެ އިތުރުން މިފިލްމުން ފެނިގެންދާނީ ބަތަލާ އަދިތީ ރާއޯ އަދި އެމޭޒަންގެ ކާމިޔާބު ވެބް ސީރީސް "ފޯ މޯ ޝޮޓްސް" ގެ ބަތަލާ ކްރިތީ ކުލާރީއެވެ.
ޕަރިނީތީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލްގެ ކުޅިވަރުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ކުޅޭ ފިލްމު "ސެއިނާ" ފާހަގަކޮށްލެވެއެވެ.
މިއަހަރުގެ މާރޗް މަހުތެރޭ ފިލްމު ރިލީޒްކުރެވޭނެ ކަމަށް އަޑު ފެތުރުނުނަމަވެސް ކޮވިޑް ޕެންޑަމިކްގެ ސަބަބުން ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް އަދި ހަމައެއް ނުޖެހެއެވެ.
ބަތަލާ ޕަރިނީތީ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު އަކްޝޭ ކުމާރުއާއެކު ކުޅުނު ފިލްމު "ކޭސަރީ" އަދި ސިދާތު މަލޯތްރާއާއެކު ކުޅުނު "ޖަބަރިޔާ ޖޯޅީ" އިންނެވެ.
2011 ވަނަ އަހަރު ފިލްމު "ލޭޑީސް ވީއެސް ރިކީ ބަލް" އިން ބޮލީވުޑަށް ތައާރަފްވި ޕަރިނީތީގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި، ބަތަލު އަރުޖުން ކަޕޫރާއެކު ކުޅުނު ފިލްމު "އިޝްގްޒާދޭ" އަދި ބަތަލު ސުޝާންތު ސިންގް ރާޖްޕުތްއާއެކު ކުޅުނު ފިލްމު "ޝުދް ދޭސީ ރޮމޭންސް" އެވެ.
މިކަހަލަ ރީތި ކުދިން އަސްލުގަވެސް ޖާސޫސް ކޮށްލަން މޮޅުވާނެ
ތި ފިލްމުގެ އިންތިޒާރުގެ މިތިބީ