ކާމިޔާބު ކަމާއެކު ކޮރޯނާ ވައިރަސްގެ ފުރަތަމަ ދެ ވެކްސިން، މިހާރު ދަނީ ދުނިޔޭގައި ބޭނުން ކުރަމުންނެވެ.

މި ވެކްސިންތަކަކީ ސައިންޓިސްޓުން ނަރުފިލާގަނޑަކުން ދަމައިލި ފަދައިން ފިކުރުތަށް ހުސްކޮށްލި ތަހުލީލު ތަކަކަށް ވެގެން ގޮސްފައި ވެއެވެ. ޞިއްޙަތާއިބެހޭ އިސް ބޭފުޅުން ގެންދަވަނީ މިވެކްސިންތަކަކީ 95 އިންސައްތަ ކާމިޔާބު އެއްޗެއްކަމަށް އަންދާޒާ ކުރައްވަމުންނެވެ. އަދި ރައްކާތެރިކަމާބެހޭ މާބޮޑު ކަންބޮޑުވުމެއް ނުވާކަމަށް ވެއެވެ.

އެހެން ނަމަވެސް މި ވެކްސިން އެންމެނަށް ލިބޭވަރެއް ނުވެއެވެ. އެކަށީގެންވާ މިންވަރަށް އުފެއްދިފައި ނެތީއެވެ. އަދި ދެން އުފައްދާ ވެކްސިންތަކަކީ އެންމެ ކާމިޔާބު ވެކްސިނަށް ނުވެ އާދައިގެ މިންވަރެއްގެ އެއްޗަކަށްވީމާ ދެން ވާނެ ގޮތެއް އަދި ނޭނގެއެވެ. ކަންބޮޑުވެފައި ތިބި ޢާންމުން އަލަށް ނެރޭ ވެކްސިން ޖެހުމަށް ދެކޮޅުހަދަންފަށައިފިނަމަ ވާނެ ގޮތެއްވެސް ނޭނގެއެވެ.

ނަމަވެސް ސަރުކާރުތަކުގެ އެންމެ އިސް ވާޖިބަކަށްވާނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމެވެ.

ވެކްސިން އުފައްދާ އަސްޓްރާޒެނީކާއާއި ޖޯންސަން އެންޑް ޖޯންސަންއިން ގެންދަނީ ވެކްސިންގެ ރައްކާތެރިކަމާއި ކާމިޔާބީގެ ތަފާސް ހިސާބުތައް ހާމަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އުއްމީދުކުރަނީ ޖެނުއަރީމަހު އެ މަޢުލޫމާތު ޢާންމުކުރުން ކަމަށް ކަމާގުޅޭ އޮފިޝަލުން ވިދާޅުވެއެވެ. އެހެން ނަމަވެސް މޮޑާރނާއާއި ފައިޒަރއިން އުފެއްދި ވެކްސިނަށްވުރެ އަސްޓްރާޒެނީކާގެ ވެކްސިންގެ ކާމިޔާބީގެ ނިސްބަތް ދަށްކަމުގެ ނިޝާންތައް މިހާރުވެސް ދަނީ ފެންނަމުންނެވެ. ނޮވެމްބަރު މަހު ޢާންމު ކުރު ތަފާސްހިސާބުތަކުގެ މަޢުލޫމާތުތަކުން ދައްކާ ގޮތުގައި އަސްޓްރާޒެނީކާއިން ދޭ ވެކްސިން ޑޯޒްގެ ކާމިޔާބީއަކީ 62 އިންސައްތައެވެ.

ސައިންޓިސްޓުންނާއި ޢާންމު ޞިއްޙަތާބެހޭ ތަޖުރިބާކާރުން ގެންދަވަނީ ވެކްސިން ބޭނުންކުރާ މީހުން ކާމިޔާބުގެ ނިސްބަތަށް ބަލައި ދަށް ނިސްބަތެއްގެ ވެކްސިން ބޭނުން ކުރުމަށް ދެކޮޅުހަދައިފާނެ ކަމުގެ ކަންބޮޑުވުން އޮތްކަމަށް ވިދާޅުވަމުންނެވެ. ސަބަބަކީ މިހާރުވެސް ޢާންމުންނަށް މިވަނީ އެހެން ވެކްސިންތަކާ ފުރަތަމަ ބޭނުންކުރި ވެކްސިންތަކާއި ދެމެދު ފަރަޤެއް އޮތްކަމަށް މަޢުލޫމާތު ދީފައެވެ. އެއްބަޔަކު ކަނޑައެޅި މިންގަނޑެއް އަނެއް ބަޔަކަށް އެޅިފައިނުވާ ކަމަށް ބުނަމުންނެވެ. އަދި އެ ފަރަޤުހުރި ވެކްސިނަކީ އެމީހުނަށް ލިބެންހުރި ހަމައެކަނި ވެކްސިން ކަމުގައިވިޔަސް ކާމިޔާބެއް ނެތިއްޔާ ރައްޔިތުން ގެންދާނީ އެކަމާ ދެކޮޅުހަދަމުންނެވެ. އެހެން ގޮތެއް ނެތިގެން ނޫނީ ބަލައިވެސް ނުލާނެހެން ހީވާކަހަލައެވެ.

މިހާރުވެސް އެމެރިކާގައި ކޮވިޑް-19 ގެ ވެކްސިން ޖެހުމަށް، ފުރާވަރުން ފެށިގެން މަތީގެމީހުން ފަސްޖެހޭ ކަމަށް 40 އިންސައްތައާއި ގާތްކުރާ ޢަދަދަކަށް ވޯޓުތަކުން ދައްކައެވެ. އެފަދަ ދެކޮޅުހެދުމަކަށް ބާރުލިބިދޭ ކޮންމެ އެއްޗަކީ ޤައުމެއްގެ ރައްޔިތުންގެ ދުޅހެޔޮ ޞިއްޙަތު ދެމެހެއްޓުމުގެ ޤާބިލްކަމަށް އޮތް ވަރަށްބޮޑު ހުރަހަކަށް ވާނެއެވެ. އަދި މިފަދަ ވަބާއެއްގެ ނިމުން ގެނައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަށްވެގެން ދާނެއެވެ.

ޖޯރޖްޓައުން ސެންޓަރ ފޯރ ގްލޯބަލް ހެލްތު ސައިންސް އެންޑް ސިކިއުރިޓީގެ ވައިރޮލޮޖިސްޓު އެންޖެލާ ރަސްމުންސެން ވިދާޅުވީ އަސްޓްރާޒެނީކާގެ ވެކްސިންގެ ދުޅަހެޔޮކަމުގެ ނިސްބަތް އެންމެ ފަހު މަރުޙަލާގައި ފައިޒަރ އާއި މޮޑާރނާގެ ކާމިޔާބީއާއި އަޅުވައި ކިޔައިގެން 62 އިންސައްތައިގާ ހުރެއްޖެނަމަ އެއްވެސް މީހަކު އެވެކްސިން ބޭނުމެއް ނުކުރާނެ ކަމުގައެވެ.

ނަމަވެސް ރަސްމުސެންއާއި ޞިއްޙީ އެހެނިހެން ތަޖުރިބާކާރުން ވިދާޅުވަނީ ދެންއަންނަ ވެކްސިންގެ ރާޅަކީ އޭގެ އަގު ވަޒަންކުރުމަށް ކޮންމެހެން މޮޑާރނާއާއި ފައިޒާއިން ކަނޑައަޅައިފައިވާ 95 އިންސައްތައިގާ ހުންނަންޖެހޭ އެއްޗެއް ނޫންކަމުގައެވެ.

އެބޭފުޅުން ބޮޑަށް ވާހަކަ ދައްކަވައިފައިވަނީ ދުނިޔަވީ ޙަޤީޤަތްތަކުގެ މައްޗަށެވެ. ވެކްސިން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ރައްކާކޮށްފައި ބެހެއްޓުން ފަދަ ކަންކަމުގެ މައްޗަށެވެ. ނުވަތަ މެދުމިންވަރެއްގައި ކާމިޔާބުކަމާއިއެކު ބޭނުންކުރުމަށް ދެ ޑޯޒަށްވުރެ އެއް ޑޯޒުން ފުއްދައިލުންފަދަ ކަންކަމާއި މެދުގައެވެ.

އިމަރޖެންސީ ރޫމްގައި ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި، ބެލްޓިމޯރގެ ހެލްތު ކޮމިޝަނަރުގެ މަޤާމުގައި ކުރީން ހުންނެވި ލިއާނާ ވެން ވިދާޅުވީ މިއަދު ކުރިމަތިލާން ޖެހިފައި މިވަނީ ވަބާއަކާއި ކަމުގައެވެ. އަދި ރަނގަޅުގެ ދުޝްމަނަކަށް އެންމެ ފުރިހަމަ ވެގެން ނުވާނެ ކަމުގައެވެ. މާނައަކީ ސައްތައިން ސައްތައަކީ ކަސްރެއްގެ ބައިކުޅަބައިން ކުޑަކުޑަ ދަހަމަލައެއްގެ ތަފާތު ދެއްކުމަކީ ދެރަ ނަތީޖާއެއްކަމުގައި ނުނިންމުމެވެ.

އެންމެނަށްވެސް އެންމެ ކާމިޔާބު ވެކްސިނެއް ދިނުމަކީ އެންމެންވެސް އެދޭ ގޮތެވެ. އެހެންނަމަވެސް އޮތްގޮތަކީ އެންމެ ކާމިޔާބު ވެކްސިން ލިބުންތޯ ނުވަތަ އެއްވެސް އެއްޗެއް ނުލިބުންތޯ ކަނޑައަޅައިގެން ތިބުން އެއީ އެދެވިގެންވާ ގޮތެއްނޫނެވެ. އަދި ރައްކާތެރިކަމެއްލިބޭ ކޮންމެ މިންވަރެއްވެސް ލިބިގެންދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ދެކެން ޖެހޭނެ ކަމަށް ލިއާނާ ވިދާޅުވިއެވެ.

ކޮވިޑް-19 ވެކްސިންގެ ހިޔާވަހިކަމުގައި

2021 ވަނައަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެކްސިންގެ ރާޅުތައް ފެތުރިގެެންދާނެކަން މިހާރު މިވަނީ ޔަޤީންވެފައެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައި ކޮވިޑް-19 އަށް ވެކްސިން ދިނުން ކުރިއަށްދާނެއެވެ. އަދި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުން އެ ޤައުމެއްގެ ކޮންމެ ރައްޔިތަކަށް ވެކްސިން ދެއްވާނެކަމަށް ވިދާޅުވަމުން ގެންދަވާއިރު ދުނިޔޭގެ ބާޒާރަށް 2 ވަނަ އަދި 3 ވަނަ ވެކްސިނެއްވެސް އޮންނާނީ ނިކުމެއެވެ.

ވެކްސިންގެ ވިޔަފާރިވެސް މާލީ ފައިދާ ނެގުމުގެ ނީލަމުގެ ތެރެއަށް ވަދެގެން ދާނެއެވެ.

ޓްރަމްޕުވެސް ވިދާޅުވީ އެމެރިކާގެ ކޮންމެ ރައްޔިތަކަށް ކޮވިޑް-19 ގެ ވެކްސިން ހޫނު މޫސުމް ނިމުމުގެ ކުރީން ލިބޭނެކަމަށެވެ. އަދި ޓްރަމްޕުގެ ސަރުކާރުންވަނީ ކުރީން އޯޑަރު ކުރި ވެކްސިންގެ 2 ގުނަ އިތުރަށް މިހާރު ފައިޒަރއާއި މޮޑާރނާ ވެކްސިން ގަތުމަށް އޯޑަރު ދެއްވައިފައެވެ. ކޮންމެ ކުންފުންޏަކުން 200 މިލިއަން ޑޯޒް މިމަހު ގަތުމަށް ނިންމައިފައެވެ.

މިއިން ކޮންމެ ކުންފުންޏަކުން އުފެއްދި ވެކްސިނަކީވެސް ކޮންމެ މީހަކަށް ދެ ޑޯޒް ދޭންޖެހޭ ވެކްސިނެކެވެ. އެހެންވީމާ އެމެރިކާއިން ގަންނަ 200 މިލިއަން ޑޯޒް ދެވޭނީ އެ ޤައުމުގެ 200 މިލިއަން މީހުންނަށެވެ. ނަމަވެސް ތަޞައްރަފް ފުދިފައިވާ 250 މިލިއަން ތިބިއިރު 50 މިލިއަން މީހުނަށް އެ ވެކްސިން މަދުވާނެތާއެވެ.

މީގެ އިތުރުން ކުއްލިޙާލަތުގައި އިތުރު ވެކްސިންތަކަށް ހުއްދަދޭ ހިސާބަށް ހިނގައްޖެނަމަ ކުއްލިއަކަށް ވެކްސިންތައް ގަނެ އެއްކުރުން އިތުރުވެގެންދާނެކަން ކަށަވަރެވެ. އަދި ފުރާވަރު ކުދީންނަށާއި ކުޑަކުދީންނަށް ވެކްސިން ދެވޭނެގޮތް މެދުވެރިވެ އެންމެނަށްވެސް ވެކްސިން ދެވޭގޮތްވާނެއެވެ.

ޖޯންސަން އެންޑް ޖޯންސަންއިން ގެންދަނީ ވެކްސިންގެ ކާމިޔާބުގެ ނިސްބަތް ހާމަކުރާ ތަފާސްހިސާބުތައް ޢާންމުކުރުމުގެ ތައްޔާރީތައް ވަމުންނެވެ. އެކުންފުނިން އުފެއްދީ އެއްޑޯޒް ދޭ ވެކްސިނެކެވެ. އަސްޓްރާ ޒެނީކާއިންވެސް އެމީހުން ކުރި އެންމެ ފަހުގެ ތަޖުރިބާތަކުގެ ތަފާސް ހިސާބުތައް އަންނަމަހު ހާމަކުރާނެ ކަމަށް ބުނެއެވެ. ނަމަވެސް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި ކުރި ތަޖޖުރުބާތަކުގެ އިތުރު ތަފްޞީލެއް އަދި ނެތްކަމުގައެވެ.

ކޮވިޑް-19 އާއި އަސްޓްރާ ޒެނީކާ

ކޮވިޑް-19 ގެ ވެކްސިން ރޭހުގައި އެންމެ ކުރީގައި އޮތް އަސްޓްރާޒެނީކާއަކީ އެހެން އެއްވެސް ކުންފުންޏަކާ ވާދަކޮށްލެވޭ ވަރަށްވުރެވެސް ކުރީގައި އޮތް ކުންފުންޏެކެވެ. އެހެން އެއްވެސް ބަޔަކަށް ނުވިއްކޭހާ ގިނަ ކޮވިޑް-19 ވެކްސިން ޑޯޒް އެމީހުން ވިއްކައިފައިވެއެވެ.

އެމީހުން ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިތުރުން އިންޑިއާގެ އިނޮވޭޝަން އެންޑް ސީރަމް އިންސްޓިޓިއުޓާއި ކޯލިޝަން ފޯރ އެޕިޑެމިކް ޕްރިޕެއަރޑްނަސް އާއެކު އެއްބަސްވުންތަކެއްވެސް ޤާއިމް ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވަނީ ދުނިޔޭގެ ޤައުމުތަކަށް 1 ބިލިއަން ޑޯޒް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. ނަމަވެސް މީގެތެރޭގައި އެމެރިކާއަށް ވިއްކަންބުނި 300 މިލިއަން ޑޯޒް ނުހިމެނެއެވެ.

އަސްޓްރާޒެނީކާއިން އުފެއްދި ވެކްސިނަކީ ފައިޒަރ ފަދަ ކުންފުނިތަކުގެ ވެކްސިނާއި ޚިލާފަށް ރައްކާކުރަން ފަސޭހަ އަދި އެއްޤައުމުން އަނެއް ޤައުމަށް ނުވަތަ އެއްތަނުން އަނެއްތަނަށް އުފުލަން ފަސޭހަ ވެކްސިނެކެވެ. އަދި ވަރަށް އަގުވެސް ހެޔޮ ވެކްސިނެކެވެ.

އެހެންނަމަވެސް ފައިޒަރ ވެކްސިނަކީ ވަރަށް ގަދަފިނީގައި ނުވަތަ ޑްރައި އައިސް ނުވަތަ ފަސޭހައިން ނުވިރޭ ވައްތަރުގެ ބަރަފުގައިނޫނީ ރައްކާ ނުކުރެވޭ ވެކްސިނެކެވެ. އެހެންވީމާ މިއީ ދުރު ހިސާބުތަކާއި ޒަމާނީ ވަސީލަތްތައް މަދު އަދި ޤައުމީ އުފެއްދުންތެރިކަމުން ލިބޭ އާމްދަނީމަދު ޤައުމުތަކާއި ހިސާބަށް ގެންދިއުމަށް އުނދަގޫ ކަމެކެވެ. އެމެރިކާއަށްވެސް މިއީ ވަރަށް އުނދަގޫ ކަމަކަށްވެއެވެ.

އަސްޓްރާޒެނީކާއިން ނޮވެމްބަރުމަހު ރިޕޯރޓު ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ 3000 ވޮލަންޓިއަރުންނަށް ކޮވިޑް-19 ގެ ވެކްސިން ދިންއިރު އޮޅުމެއް ހިނގައިފައި ވެއެވެ. އެއީ އެމީހުންނަށް ދެވުނީ ވެކްސިންގެ ބާރު ދެބައިކުޅަ އެއްބައި ދަށް މިންވަރެއްގައި ކަމުގައެވެ. މިއީ އަސްޓްރާޒެނީކާގެ ވެކްސިންއާއި މެދު ކިލަނބުކަމެއް އުފެދިފައިވާ ކަމެއްކަމަށް ފާހަގަ ކޮށްފައިވެއެވެ. ނަމަވެސް އެމީހުން ފުރަތަމަ މަރުޙަލާގައި ހާމަކުރި ނަތީޖާތަކަށް ބަލާއިރު އެ ވެކްސިނަކީ 90 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. އެއީ 62 އިންސައްތަ ކާމިޔާބު ކަމަށް ދެއްކި ދެ ޑޯޒަށްވުރެ ފުރިހަމަ ނިސްބަތެކެވެ.

ވެކްސިނާއިބެހޭ ތަޖުރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި އެތައްހާސް ބަޔަކު ވެކްސިންގެ ޓްރައިލްގައި ބައިވެރިވުމަށް ރެޖިސްޓްރީ ކޮށްފައިވާއިރު 3000 މީހުންނަކީ ވަރަށް ކުޑަ ނިސްބަތެއް ކަމަށްވުމުން ދަށް މިންވަރުގެ ޑޯޒަކީ ތަފާސްހިސާބުން ބަލާއިރު ރަނގަޅު ނިސްބަތެއް ކަމަށެވެ. އަނެއްބަޔަކު ދެކޭ ގޮތުގައި އެކަމުން ސާފުކޮށް އިޝާރާތް ކޮށްދެނީ އެއީ ރަނގަޅު ގޮތެއް ކަމަށެވެ.

އަސްޓްރާޒެނީކާއަށް އޮތީ ކުއްލި ޙާލަތުގައި އެމީހުންގެ ވެކްސިން ބޭނުންކުރަން ފެށުމުގެ ހުއްދައަށް އެދުމުގެ ކުރީންވެސް ދަށްމިންވަރުގެ ޑޯޒް ދެވޭގޮތް ފުރިހަމައަށް ޓެސްޓު ކުރުމެވެ. އަދި އެކުންފުންޏަށް ބޭނުންވެފައިވަނީ އެމީހުންގެ އެންމެފަހުން ދިން ޑޯޒަށްފަހު، ޓްރައިލްގައި ބައިވެރިވި މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ވާގޮތެއް ބަލަން ބޭސް އުފައްދާކުންފުނިތަކުން މަދުވެގެން ދެމަސްދުވަސްވަންދެން އިންތިންތިޒާރު ކުރުމަށެވެ.

އެހެންނަމަވެސް އަސްޓްރާޒެނީކާއިން އިތުރަށް ބުނެފައިވަނީ މިވަގުތަށް އެމީހުންގެ ޕްލޭންތައް ހުށަހެޅުމަސް އެމެރިކާއާއި ޙިއްޞާކުރަންޖެހޭ އެއްޗެއް ނެތް ކަމުގައެވެ.

ކޮވިޑް-19 ވެކްސިން

ކަން މިހެން އޮތް ނަމަވެސް ބައިލަރ ކޮލެޖް އޮފް މެޑިސިންގެ ނެޝަނަލް ސްކޫލް އޮފް ޓްރޮޕިކަލް މެދިސިންގެ ޑީން އަދި ވައިރޮލޮޖިސްޓް ޕީޓަރ ހޯޓޭޒް ވިދާޅުވީ ފެޑަރަލް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ހޯދަން ބޭނުންވާ އެންމެ ކުޑަ މިންވަރުގައިވެސް ބޭހުގެ ނަތީޖާގެ ފުރިހަމަ މަޢުލޫމާތު ހިމަނައިފައި ނުވާ ކަމުގައެވެ.

ހޯޓޭޒް ވިދާޅުވީ ފުރަތަމަ ދެމަސްދުވަހުގެ ފުރަތަމަ މަރުޙަލާގެ ކާމިޔާބަކީ ހުއްދަ ދިނުމަށް ނުވަތަ ކަނޑައަޅަންޖެހޭ ކަންކަމުގެ އެތައް ކަމެއްގެ ތެރެއިން އެއްބައި ކަމުގައެވެ.

ހޯޓޭޒްވެސް ގެންދަވަނީ އިންޑިއާގެ ބައިވެރީންތަކަކާއެކު ކޮރޯނާ ވައިރަސްއާ ދެކޮޅަށް ބޭނުންކުރާނެ މުހިންމު ވެކްސިނެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ އެހެން ވެކްސިންތަކުން ރައްކާތެރިކަން ދެމެހެއްޓުމާއި ބޭހަށް ހަށިގަނޑު ކެތްކުރާ މިންވަރާއި ރައްކާތެރިކަމާއި ކުޑަކުދީންނާއި ފުރާވަރުގެ ކުދީންނަށް ފައިދާހުރި ސިފަތަކެއް ގެނެސްދީފާނެ ކަމުގައެވެ. އަދި އެކަމަށްޓަކައި އިތުރު ވެކްސިން ބޭނުންވާނެ ކަމުގައެވެ.

ފައިޒަރއާއި އާއި މޮޑާރނާއިން ޢުމުރުން 12 އަހަރުގެ ކުދީންނަށް އެމީހުން އުފެއްދި ވެކްސިން ދިނުމުގެ މުޠާލިޢާތައް ކުރަންފަށައިފައިވަނީ ދާދިފަހުންނެވެ. ބޭސް އުފައްދާ އެއްވެސް ބަޔަކު އެއަށްވުރެ ކުޑަކުދީން ޓްރައިލްއެއްގައި ބައިވެރިކޮށްފައެއް ނުވެއެވެ.

ބޭހުގެ ކަންކަން ބަލާ ބޭހާބެހޭ ކަންކަން ތަންފީޒުކުރާ ފަރާތްތަކުންވެސް މާބަނޑު އަންހެނުންނާއި ބައެއް ދާއިމީ ބަލިތަކުގެ މީހުނަށް ވެކްސިން ދިނުމަށް އިތުރު ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކުރުމަށް ގޮވައިލައިފައިވެއެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ހަކުރުބަލި އަދި އެނޫންވެސް ދިފާޢީ ނިޒާމު ފޫއޅުވައިލާ ބަލިތައް ހިމެނެއެވެ. ޞިއްޙަތާއިބެހޭ ތަޖުރިބާކާރުން ވިދާޅުވަނީ މެދުމިންވަރެއްގައި ޖުމްލަކޮށް ވެކްސިންއެއްގެ ފުރިހަމަ ފައިދާ ކުރާނީ އާބާދީގެ ތެރެއިން ފާހަގަކޮށްލެވޭ މީހުންނަށް ކަމަށް ބެލެވޭ ކަމުގައެވެ. އަދި އެގޮތުން ފާހަގަ ކޮށްލެވޭ މީހުންގެ ތެރޭގައި މާބަނޑު އަންހެނުން ހިމެނޭ ކަމުގައެވެ.

މީގެ އިތުރުން ތައްޔާރީގެ މަގުމަތީގައިވާ ވެކްސިން ވެގެންދާނީ އުފައްދާ ބަޔަކަށް ފަސޭހަ އަދި އެއްތަނުން އަނެއްތަނަށް ގެންގޮސް ނުވަތަ މޮޑާރނާއާއި ފައިޒާ ވެކްސިނަށްވުރެ ދޭން ފަސޭހަ ވެކްސިނަކަށް ކަމަށް އެބޭފުޅުން ދެކިވަޑައިގަންނަވައެވެ.

މިހާރު ހުއްދަ ކުރެވިފައިވާ ދެ ވެކްސިނަކީ އާރުއެންއޭ ޓެކްނޮލޮޖީން މަސައްކަތްކުރާ ގޮތަށް އުފައްދައިފައިވާ ވެކްސިންތަކެކެވެ. އާރުއެންއޭއަކީ އިންސާނުންގެ ޑީއެންއޭ ފަދައިން ވައިރަސް އުފެދުމުގެ އަޞްލެވެ. މި ޓެކްނޮލޮޖީގެ އެހީގައި ވައިރަސްގައިވާ ޕްރޮޓީން ނުވަތަ ބާރު ކަނޑުވައިލާ ސެލްތަކެއް އުފައްދައެވެ. އަދި އެއީ ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްލާ އެއްޗެކެވެ. އެއާއި ޚިލާފަށް ޖޭ އެންޑް ޖޭއާއި އަސްޓްރާޒެނީކާއިން ބޭނުންކޮށްފައިވަނީ ތަންކޮޅެއް ސަޤާފީ ނިޒާމެކެވެ. އެއީ ކޮރޯނާ ވައިރަސްގެ ޑީއެންއޭ ބަލިކޮށްލާ ކުދިކުދި އެތިކޮޅުތަކެއް ބަދަލުކޮށްލައިގެން އުފައްދާ އެހެން ވައިރަހެކެވެ. އެއަށް މިކިޔަނީ އެޑިނޯ ވައިރަހެވެ. މި އެޑިނޯ ވައިރަސް ސެލްއެއް ނުވަތަ ޒައްރާއެއްގެ ތެރެއަށްވަދެ ޑީއެންއޭ އޮތްގޮތް ދެނެގަނެއެވެ. އަދި އެއަށް ކޮރޯނާ ވައިރަހުގައިވާ ޕްރޮޓީނެއް އުފައްދާ ކަމަށްވެއެވެ.

މިއީ ސައިންސްގެ އަލީގައި ހޯދައިފައިވާ ޢިލްމީ ސިފަތަކެކެވެ. އަދި މިސިފަތަށް ޢިލްމުގެ ޒަރީޢާއިން އުފައްދާ ވެކްސިންތަކުގައިދަނީ ބޭނުންކުރަމުންނެވެ.

ރަސްމުސެން ވިދާޅުވީ އަސްޓްރާޒެނީކާގެ ޑޯޒްތަކުގައި އޮޅުން ނުފިލާކަމަށް އޮންނަ ކަންކަމަކީ އެޑިނީނޯ ވައިރަހުގެ ފުރިހަމަ ޑޯޒަކުން ހަށިގަނޑުގެ ދިފާޢީ ނިޒާމު މާބާރަށް ހިލުވައިލަނީ ކަމުގައެވެ. އެހެންވީމާ އެ ޑޯޒުން ހަށިގަނޑު ދިފާޢު ކުރުމަށް ހަށިގަނޑަށް ލިބިފައިވާ ދިފާޢީ ބާރަށް ކޮރޯނާ ވައިރަސް ދެނެގަންނަން ވަގުތެއް ނުލިބޭ ކަމުގައެވެ. އެއީ އެ ވެކްސިންގެ އަސަރުތައް ކުރާ މިންވަރު އަވަސްވެގެން ދަނީއެވެ. މިއާއެކު މި މަޢުލޫމާތުތަކުގައި ބުރަދަނެއް ހުރުމާއެކު ޑޯޒެއްގެ ދެބައިކުޅައެއްބައި ދިނުމުން އަސަރުތައް ކުރާގޮތް ދެނެގަންނަން މަސައްކަތްތަކެއް ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އަސްޓްރާޒެނީކާއިން ދީފައިވާ ތަފާސްހިސާބުގައި އެފްޑީއޭގެ ވެކްސިނާއިބެހޭ ލަފާދޭ މިނިވަން ޕެނަލަށް މި އޮޅުންނުފިލާހުރި ކަންކަން ސާފުކޮށްދީފައި އޮންނާނެއެވެ. މި ޕެނަލުން ގެންދަނީ ޢާންމުކޮށް ފެންނަގޮތަސް ފާޅުގައި މަޝްވަރާތައް ކުރަމުންނެވެ. އެއީ ޢާންމުންނަށް މިކަމާގުޅޭ މަޢުލޫމާތު ދެފުށް ފެންގޮތަށްދީ ޢާންމުންގެ މެދުގައި އިތުބާރަކާއި ޔަޤީންކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.

އަސްޓްރާޒެނީކާއިން ބުނެފައިވަނީ ތިންވަނަ މަރުޙަލާގެ ފިޔަވަހީން ލިބިފައިވާ ހުރިހާ މަޢުލޫމާތެއްގެ ނަތީޖާ ދައްކާގޮތުން އެމީހުން އުފައްދާ ވެކްސިން 70 އިންސައްތަ ކާމިޔާބު ކަމުގައެވެ. ނަމަވެސް ވެކްސިންގެ ދެޑޯޒު ދޭ ފަރުވާއިން ކިޔައިދެނީ އެހެން ވާހަކައެކެވެ. އެއީ 90 އިންސައްތަ ކާމިޔާބުކަމަށް ދައްކަނީ މިހާރު ހުއްދަ ކުރެވިފައިވާ ވެކްސިނުން ކަމަށްވާއިރު 62 އިންސައްތަ އަޅައި ނުކިޔޭ ކަމުގައެވެ.

ކޮވިޑް-19

ޔުނިވަރސިޓީ އޮފް ޕެންސިލްވާނިއާގެ ވެކްސިނާއިބެހޭ ތަޖުރިބާކާރު ޕޯލް އޮފިޓް ވިދާޅުވީ ތަފާތު ދެ ޑޯޒެއްދޭ ވެކްސިންގެ ނަތީޖާތަކުގެ ތަފާސްހިސާބު އެއްކޮށް ގުޅުވައިނުލެވޭނެ ކަމުގައެވެ. އެއީ ޑޯޒްތައްދޭ ވަގުތުގެ ތަފާތާއި ތަފާތު ދެފަރުވާއެއްގެ އިމްތިޙާން ގުރޫޕަކަށްވާތީ ކަމުގައެވެ.

ޕޯލް އޮފިޓަކީ އެފްޑީއޭގެ ތަޖުރިބާކާރުންގެ ޕެނެލް ކަމުގައިވާ ވެކްސިން އެންޑް ރިލޭޓަޑް ބައޮލޮޖިކަލް ޕްރޮޑަކްޓް އެޑްވައިޒަރީ ކޮމިޓީގައިވެސް އިންނަވާ ބޭފުޅެކެވެ.

މިއީ ތާރީޚުގައިވެސް އެންމެ ބޮޑު ޤައުމީ ވެކްސިން ދިނުމުގެ ޕްލޭނަށް އުނދަގޫ ޙާލަތެއް މެދުވެރިކުރުވާނެ ސަބަބެކެވެ. މިހާރު ހުއްދަކުރެވިފައިވާ ދެ ވެކްސިންގެ ކާމިޔާބު އެއްސިފަތަކެއްގައި ހުރުމާއި އޭގެ ރައްކާތެރިކަމުގެ ސިފަތައް އެއްގޮތްވެފައި ބޭނުންކޮށްފައިވަނީ އެއް ޓެކްނޮލޮޖީއެކެވެ. އެހެންވީމާ ތަފާތު ގޮތްގޮތަށް ދެވޭ އެއްވެކްސިނެއްގެ ގޮތުގައި ވެކްސިން ދިނުން ހަމަހަމަކޮށް ބަހައިލުމަކީ އުނދަގޫ ކަމަކަށްވާނެއެވެ.

ބޮސްޓަން ކޮލެޖުގެ ގްލޯބަލް ހެލްތު ޕްރޮގްރާމުގެ ޑިރެކްޓަރ ފިލިޕް ލެންޑްރިގަން ވިދާޅުވީ ފާހަގަކޮށްލަންޖެހޭ އަޚްލާޤީ ކަންތައްތަކެއް އެބަހުރި ކަމުގައެވެ. އެއީ އެއްވެކްސިނަށްވުރެ އަނެއް ވެކްސިން ކާމިޔާބުވެފައި މޮޅުނަމަ ކޮންބަޔަކަށް ލިބޭނީ ކޮންއެއްޗެއްތޯ އޮޅުންފިލުން މުހިންމު ކަމުގައެވެ. އެއީ ސަރުކާރުން ވެކްސިން ޕްރޮގްރާމް ހިންގާގޮތް ސާފުކުރުމުގެ މުހިންމުކަން ފާހަގަކޮށްދެއްވުމުގެ ގޮތުން އޭނާ ވިދާޅުވީ ވާހަކަފުޅެކެވެ. ދެފުށް ފެންނަ ގޮތަށް އޮތުމާއި ހާމަކަން ބޮޑުކޮށް ހުޅުވައިލެވިފައި އޮތުމަކީވެސް ވެކްސިން ދިނުމުގެ ނިޒާމު ކަށަވަރުކަމާއެކު މަސައްކަތް ކުރާނެކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ ވެކްސިން ޖެހުމަށް ފަސްޖެހޭ މީހުންވެސް އެކަމަށް އެދޭނެކަމެއްކަން އޭނާވަނީ ފާހަގަ ކުރައްވައިފައެވެ.