ކައިވެނި ހަފްލާއަށްދިޔަ މީހުންގެ ތެރެއިން މިހާތަނަށް 68 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއޯއީސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ކައިވެނި ކްލަސްޓާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ކްލަސްޓަރ ކަމަަށާއި މިހާތަނަށް މިކްލަސްޓާއިން 68 ކޭސް ފެނިފައިވާ ކަމަށެވެ.
ޑރ ނަޒްލާ ވިދާޅުވީ ކައިވެނި ހަފްލާއިން 229 ޑައިރެކްޓް ކޮންޓެކްޓުން އުޅޭއިރު، މިގެތެރެއިން 68 މީހެއްގެ ގައިގައި ބަލީގެ އަލާމަތްތައްވެސް އެބަހުރި ކަމަށެވެ.
މީގެއިތުރުން، މި ކްލަސްޓަރގައި ހައި ރިސްކު 71 ކޮންޓެކްޓުން ހިމެނޭ ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މި ކްލަސްޓާއިން މިހާތަނަށް 262 ސާމްޕަލް ނަގާފައިވެއެވެ.
މިމަހުގެ 20 ވަނަ ދުވަހު ޝީ ބިލްޑިންގްގައި ބޭއްވި ކައިވެނި މިހަފްލާގައި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވެފައިވާކަމަށް އެޗްޕީއޭއިން މީގެކުރިން ބުނެފައިވެއެވެ.
މިހަފްލާއަށް ދިޔަ މީހުންގެ ތެރެއިން އެޗްޕީއޭއިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި، ވިހާވެސް ގިނަ މައުލޫމާތު ހިއްސާ ކުރުމަކީ މުހިންމު ކަމެއްކަމަށް އެޗްޕީއޭއން ވަނީ ބުނެފައެވެ.
މީގެއިތުރުން އެޗްޕީއޭއިން އަދި ގުޅިފައި ނުވިނަމަވެސް ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިބުމަށް އެދިފައިވެއެވެ.
މިފަދަ ހަފްލާތައް ބާއްވާއިރު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ.
ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމާއި، ހާޒިރުވާ ފަރާތްތައް މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރު ކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.