ނިޔާމަ ރިސޯޓުން ކޮވިޑް-19 އަށް 7 މީހުން ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓު މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، ނިޔާމަ ރިސޯޓް މޮނިޓަރިންއަށް ލާފައިވަނީ އިއްޔެ އެރަށުން ކޮވިޑްގެ 7 ކޭސް ފެނުމާގުޅިގެން ކަމަށެވެ.

އޭގެތެރޭގައި 2 ފަތުރުވެރިންނާއި 5 ސްޓާފުން ހިމެނޭ ކަމަށާއި، މިމީހުން ތެރެއިން 2 ފަތުުވެރިންނާއި 3 ސްޓާފުން ޓެސްޓް ކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރެގެން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ އިތުރު ދެ ސްޓާފުން ޓެސްޓް ކުރުމުން އެމީހުންވެސް ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް އެރިސޯޓުން 17 ސާމްޕަލްއެއް ޓެސްޓް ކޮށްފައިވެއެވެ.

"ރިސޯޓު މިވަގުތު މޮނިޓަރިންގަ އޮތުމާއެކު އެރަށައް ސްޕްލިޓް ސްޓޭ ހެދުމާ، ސްޓާފުން އެކިތަންތަނަށް ދިޔުންވެސް މިވަނީ ހުއްޓިފަ. އިރާދަކުރެއްވިއްޔާ މާދަމާ އަޅުގަނޑުމެން ޓެސްޓު ކުރުމާއި، ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފައްޓާނަން"
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް

ޑރ.ނަޒްލާ ވިދާޅުވީ ދ. އަތޮޅު ހޮސްޕޮޓަލާއި، ނިޔާމަ ރިސޯޓްގެ ޓީމާ އެއްކޮށް ރެންޑަމް ސާމްޕަލް ނެގުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރިސޯޓްތަކުގައި 70 އަށްވުރެ ގިނަ އެކްޓިވް ކޭސް މިވަގުތު އެބަތިއްބެވެ.

ބޯޑަރު ހުޅުވާލިފަހުން 2 ލައްކައަސްވުރެ ގިނަ މީހުން ރާއްޖެއަށް އައިސްފައިވާއިރު، މީގެތެރޭގައި ގިނައީ ފަތުރުވެރިންނެވެ.