"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.

ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

--

ފިއްލަދޫގައި އޮތް ކައިވެނީގެ ހަފުލާއަށް އެފަހަރު އިހަވަންދޫން 7 ދޯނި ފުރެންދެން މީހުން ދަތުރުކުރިއެވެ. ލަވަކިޔައި ބެރުޖަހައި، ދިދަފަތި ދަމައިގެން ބޮޑު މާލޫދަށް، ރަށްރަށަށް މީހުން އަންނަހެން، ފިއްލަދުއަށް އިހަވަންދޫ މީހުން ދިޔަ ކައިވެނި އެއީ ހަލީމަގެ ހިތުން ދުވަހަކުވެސް ފޮހެވޭނޭ ހަނދާނެއް ނޫނެވެ. އެދުވަހު ނެގި ފޯރި މިއަދު ނެތަސް އެހަނދާންތައް އާވަމުން ދެއެވެ.

ހަލީމައަކީ މުރާލި ހަރަކާތްތެރި އަންހެނެކެވެ. އިސްކޮޅާ އެއްވަރަށް ރޫފަހުރި ޅަނބާޅަ އަންހެނެކެވެ. ގައިގެ ކުލަ އަލިވެފައި، މޫނަށް ޖަންބުކުލަ އަރައެވެ. ހެދުން އެޅުމުގައި އަދިވެސް އިހުގެ ގޮތް ދޫނުކުރާ ހަރުދަނާ ސިފަތަކެއް ހުރި މީހެކެވެ. މިހާރުވެސް މަސައްކަތުގައި އަވަދިނެތި އުޅޭ، އާއިލާގެ އިސް މީހާއެވެ. ކަންކަމުގައި އެންމެ ފަހުބަސް ބުނާ މީހާއެވެ. ހަލީމަގެ ނަމުގައި ދެ މަސްއޮޑި މިހާރުވެސް ދުވެދުވެ ހުރުމުން އެއިން ލިބޭ އާމްދަނީން ރަނގަޅު ފާގަތި ދިރިއުޅުމެއް އުޅެވެއެވެ.

ހަސަންފުޅާ އިނުމުގެ ކުރިން ހަލީމާ ވަރަށް ލޯބިވި މީހަކު އޭނާގެ އަތުން ބީވެގެން ދިޔައެވެ. އެއީ އިހަވަންދޫގެ ޒުވާނެކެވެ. އޭނާގެ ލޯބި ހަލީމައަށް ކާމިޔާބެއް ނުވިއެވެ. އެ ޒުވާނާ ހަލީމަގެ ލޯތްބަށް އެދުނެވެ. އަދި އެލޯބި ގަބޫލުކޮށް ސިއްރިޔާތުގައި ލޯބީގެ ކުޅިގަނޑު ފެށިއެވެ. އެއީ އިބުރާހިމެވެ. އިބުރާހިމުގެ އާއިލާއާއި ހަލީމަގެ އާއިލާއާ ދެމެދު ކުރިން އުފެދިފައިވާ ރުޅިވެރިކަމެއްގައި ދެ އާއިލާގެ މީހުން ތިބީ މޫނު ދިމާކުރަން ނުކެރޭ ވަރަށް ދުރުވެފައެވެ. މިކަމުގެ ސަބަބުން ލޯބި އޮތީ ދެ އާއިލާގެ މީހުންނަށް ސިއްރު ކުރެވިފައެވެ. ސިއްރު ކުރެވުނީ ކުޑަ ދުވަސް ކޮޅަކަށެވެ. ފަޅާ އެރުމާއެކު ދެ އާއިލާގެ މީހުންވެސް އެކަމާ ނުގަބޫލުވެ ވަގުތުން އެކަން ހުއްޓައިލުމަށް އެންގިއެވެ.

ހަލީމަ، އޭނާގެ މަންމައާއި ބައްޕަ ގާތުގައި ރޮއި އާދޭސް ކުރިއެވެ. ނަމަވެސް އެކަމަށް އެމީހުން ދިނީ ބީރު ކަންފަތެކެވެ. ގޭ މީހަކާ އެކުގައިނޫނީ ގެއިން ބޭރަށް ނުދެވޭ ގޮތަށް ހެދިއެވެ.

ހަލީމައާ ކައިވެނި ނުކުރެވޭނެކަން އެނގޭތީ މާބޮޑު ލޯބީގެ ގުޅުމެއް ނުބާއްވާ އިބުރާހިމު އެހެން މީހަކާ ކައިވެނިކުރުން ވީ ހަލީމާއަށް ހިތްދަތި އަސަރުތަކެއް ކުރުވި ކަމަކަށެވެ. އެ އަސަރުތަކާ ދުރަށް ދެވުނީ ހަސަންފުޅާ އިނުމަށް ފަހުއެވެ. ހަސަންފުޅާ އިނީވެސް އެ އަސަރުތަކާ ދުރުވުމަށް ޓަކައެވެ.

ހަލީމަ ފުރަތަމަ ދިރިއުޅުނީ ފިއްލަދޫގައެވެ. ހަސަންފުޅު ވަޢުދުވެފައި އޮތީ ހަލީމައަށް އިހަވަންދޫގައި ރީތި ގެއެއް އަޅައިދިނުމަށެވެ. ހަލީމާގެ ނަމުގައި އިހަވަންދޫން ގޯއްޗެއް ހޯދައިދީ ފައްކާކޮށް ގެއެއް އިމާރާތްކޮށް ނިމި ބަދަލުވެވުނީ ދޮށީ ދަރިފުޅަށް 5 އަހަރު ފުރުނު ފަހުންނެވެ. ކައިވެންޏަށް 9 އަހަރު ވީއިރު 5 ކުދިން ތިއްބެވެ. ތިން ފިރިހެން ކުދިންނާއި ދެ އަންހެން ކުދިންނެވެ.

ހަލީމައަކީ ދަރިން ދެކެ ނުހަނު ލޯބިވާ ގެވެހި މީހަކަށް ވުމުން ހަސަންފުޅަށް ވަރަށް ބޮޑު ފަސޭހަކަށް ވިއެވެ. ވަޑާމުގެ މަސައްކަތުގައި ބުރަކޮށް އުޅެމުން އާއިލާއާމެދު ފިކުރުކޮށް ހަދާކަށް ނުޖެހެވެ. ރަށުން ދެވެން ހުރި ތަޢުލީމަކަށް ފަހު މާލެ ފޮނުވައިގެން ހުރިހާ ކުދިންނަށް ތަޢުލީމު ދިނެވެ. ތިން ފިރިހެން ކުދިންވެސް ދިރިއުޅެނީ މާލޭގައެވެ. ރަނގަޅު ވަޒީފާތަކުގައެވެ. ޗުއްޓީއެއް ލިބިއްޖެނަމަ ރަށަށް އައިސް މަންމަ މެންނާއެކު އުޅެއެވެ.

ހަލީމަގެ މައިން ބަފައިންގެ ފަރާތުން ވާރުތަވެފައިވާ މަސްއޮޑި ދުއްވުމުގެ ހުރިހާ ޒިންމާއެއް އުފުލީ ހަސަންފުޅެވެ. ހަސަންފުޅު ނިޔާވިއިރު އިތުރު ދެ އޮޑި ބަނދެ ކުރީގެ ބާއޮޑި ވަނީ ދޫކޮށް ލައިފައެވެ. މިހާރު ދެ އޮޑި ދުއްވުމުގައި އިސް މީހެއްގެ ގޮތުގައި އުޅެނީ ރަށުގައި ދިރިއުޅޭ ހަލީމާގެ އަންހެން ދަރިފުޅު މަރީނާގެ ފިރިމީހާ އަލީ ހުސޭނެވެ. ފައިސާ ރައްކާ ކުރުމާބެހޭ އިސް މީހަކީ އަދިވެސް ހަލީމައެވެ. އެއީ ގޭގެ މައި މުލެވެ.

ހަސަންފުޅު ނިޔާވީ ހަމަ ކުއްލި ގޮތަކަށެވެ. އެ ޚަބަރު ވީ ހަލީމައަށް ތަހަންމަލު ކުރެވޭ ވަރަށްވުރެ މާ ހިތްދަތި ޚަބަރަކަށެވެ. ހަސަންފުޅުގެ އުފަންރަށް ފިއްލަދުއަށް ކުރި ދަތުރެއްގައި ދޯނި މަތީގައި ނިޔާވީއެވެ. ހަސަންފުޅުގެ ފުރާނަނެތް މަސްގަނޑު އިހަވަންދުއަށް ގެނައިއިރު ހަލީމައަށް މި ޚަބަރު ލިބި ހޭނެތުމުގެ ސަބަބުން ހަލީމަ ވަނީ ސިއްހީ މަރުކަޒުގައި އެނދުމަތި ކޮށްފައެވެ. ހަލީމަ ހޭ އެރީ ހަސަންފުޅު ހިނަވައިވެސް ނިމުނުފަހުން ނެވެ. މޫނު ދެއްކުމަށްޓަކައި އަތުލަފި ކޮށްގެން ގެންދިޔައަސް ހަލީމައަކަށް މާގިނައިރު އެތާކު ހުރެވޭ ގޮތެއް ނުވިއެވެ. ހޭނެތިގެން އަނެއްކާވެސް ސިއްހީ މަރުކަޒަށް ގެންދަން ޖެހިއްޖެއެވެ.

މިއީ އޭގެ ފަސް އަހަރު ފަހެވެ. ހަލީމަ ފިކުރުތަކުގެ ތެރެއަށް ގެބިފައި ވަނިކޮށް ކުއްލިއަކަށް ސިއްސައިގެން ގޮސް ބަލައިލެވުނީ މީހަކު ހަލީމާއޭ ބުނެލި އަޑަށެވެ. ރަނގަޅަށް ލޯހުޅުވައިލާފައި ބަލައިލިއިރު އެއީ ހަލީމާގެ އަލަތު ލޯބިވެރިޔާ އިބުރާހިމެވެ. އެއްޗެއް ނުބުނެ ކުޑައިރު ކޮޅަކު ބަލަން އިނދެފައި ރަނގަޅޭ ބުނެވުނީ، ލަސްލަހުން ވަރަށް އުނދަގުލުންނެވެ. އެވަގުތު ކޮޅަށްހުރި އިބުރާހިމު، ހަލީމަ ގާތުގައި އިނށީދެއްޖެއެވެ. އަދި ލަސްލަހުން ވާހަކަދައްކަން ފެށިއެވެ.

[ހަލީމާ... އަހަރެންނަކާ ވާހަކައެއް ނުދައްކާނަންތަ؟ އަނގަޔަކުން ނުބުނާނަންތަ؟] މިހެން ބުނެ ނުނިމެނީސް ހަލީމަ ބުނެފިއެވެ. [ނޫން... އަހަރެން އިބުރާހިމާއި ވާހަކަ ނުދައްކާން ވީ ކީއްވެ؟ މިހާރު އިބުރާހިމަކީވެސް އެކަނި ވެރިއެއް.. އަދި ........... ހަލީމައަކީ ވެސް މިހާރު އެކަނިވެރިއެއް. ދެ މީހުންގެ ލޯބީގެ ވާހަކައަކީ މިހާރު ލިޔެލަން ރަނގަޅު ވާހަކައަކަށް ވާނެ ހެން އަހަރެން ނަށް ހީވަނީ..]

[މި މަންޖެ ހޭލަފާނެ މާ ސިޔާސަ ވާހަކަ ނުދައްކާ!] ހަލީމަ މިހެން ހަމަ ބުނެ ނުނިމެނީސް އިބުރާހިމު ބުނެފިއެވެ. [ފަހުން ބައްދަލު ކޮށްލަން ވަރަށް ބޭނުން] [މިވަގުތު މިތަނުން އިހަށް އިބުރާހިމު ދޭ.] (ނުނިމޭ)

--

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 3 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.