ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައިވެސް ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ފެތުރެންފެށި މި ވައިރަސް ރާއްޖެއަށް އަތްގަދަކުރަންފެށީ މިނިމުނު 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެހާހިސާބުން ފެށިގެން ރާއްޖޭގެ ހެލްތް ޕްރޮޓެކްޝަން އޭޖެންސީންނާއި ސިއްހީ ބޭފުޅުން ގެންދަވަނީ މި ވައިރަހަށް ރާއްޖެ ފަނާކޮށްނުލެވޭނެހެން ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ އެހެންގައުމުތަކުން ކުރަމުންދާ މަސައްކަތްތަށްވުރެ ރާއްޖޭގައި ތިއްބެވި ސިއްހީ ބޭފުޅުން ކުރައްވާ މަސައްކަތް މާ ކާމިޔާބޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ. ސަބަބަކީ އެހެން ގައުމުތަކުގައި މިބަލި ފެތުރި މީހުން އެޑްމިޓް ކުރަންޖެހުނު އަދަދާއި މީހުން މަރުވި އަދަދު މައްޗަށް ދިޔަ ނަމަވެސް، ރާއްޖޭގެ ސިއްހީމާހިރުންގެ ލަފަޔާއި މަސައްކަތުން މިއިން އެއްވެސް އަދަދެއް އަތްނުފޯރާ ފަށަށް ރާއްޖޭގައި މައްޗަށް ނުދިއުމެވެ.

ސިއްހީ މާހިރުންގެ ލަފަޔާއެކު އަޅުގަނޑުމެންގެ ދިވެހިން ކުރި ހިތްވަރަށްވެސް ސާބަސް ހައްގެވެ. އެހެންނަމަވެސް ސިއްހީ ބެފުޅުންގެ މިމަސައްކަތަށް ކޮންމެ ފަހަރަކުވެސް ގޮންޖެހުމަކާ ކުރިމަތިލާން މިޖެހެނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އަޅުގަނޑުމެންނަށް ޚިލާފުވެވުމުންނެވެ. ރާއްޖޭގެ ވެރިރަށް މާލެއިން ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވީ ވެސް ހަމަ ގައިޑްލައިންތަކާ ޚިލާފަށް އެއްވުމާ ޕާޓީ ބޭއްވުމުގެ ސަބަބުންނެވެ. އެޗްޕީއޭއިން އޭރުވެސް އޮތީ އެއްވުންތަކާ ޕާޓީތައް ބޭއްވުން މަނާކޮށްފައެވެ. އުސޫލުތަކާ ޚިލާފުވުމުގެ ނަތީޖާއަކަށްވީ މުޅި މާލެ ހިމެނޭ ސަރަހައްދު ފުރަބަންދަކަށް ދާންޖެހުމެވެ. އެވަގުތު މާލެ ސަރަހައްދުގެ މީހުން އުޅެންޖެހުނު ދަތި އުނދަގޫ ހާލު އަދި ހަނދާންނެތޭހާ ދުވަހެއްވެސް ނުވެއެވެ. އޭރު ދެއްކި އެއްބައިވަންތަކަމާއި ކެތްތެރިކަން އަދިވެސް ހަމަ ބޭނުންވެއެވެ. އެހެންނަމަވެސް ހިތާމައަކީ އެދަތިތައް ރައްޔިތުން ހަނދާންނެތިއްޖެހެން ހީވާފަދަ މަންޒަރުތައް އަނެއްކާވެސް ފެންނަން ފެށުމެވެ.

އެޗްޕީއޭއިން ވަނީ މާލޭގައި ކޭސްތައް މަދުވާން ފެށުމުން އޭޕްރީލްމަހުން ފެށިގެން ބަންދުކޮށްފައޮތް ރާއްޖޭގެ މައި ބޯޑަރު ހުޅުވާލާ މާލޭގެ ފުރަބަންދުވެސް އުވާލާފައެވެ. އަދި އެތައް ކަމަކަށް ލުއިތައް ދީފައެވެ. ހަފްލާ ތަކާއި ޕާޓީތައް ބޭއްވުމަށްވެސް ހުއްދަދީ އެކަމަށްވެސް ގައިޑްލައިނެއް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ. މިގައިޑްލައިންގައިވާ ގޮތުން ހަފްލާތަކާއި ޕާޓީތައް ބާއްވާއިރު މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، އަދި ބުފޭ ކެއުން ހެދުމުގެ ބަދަލުގައި ވަކިން ސާރވް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށާއި ބުފޭ ކެއުންބާއްވާނަމަ މީހުން އަމިއްލައަށް އެއްޗެހި އެޅުމުގެ ބަދަލުގައި އެއްޗެހި އަޅައިދޭން ވަކި މީހަކު ހަމަޖެއްސުމަށް ގައިޑްލައިންގައި ވަނީ ބުނެފައެވެ.

ކިތަންމެ މޮޅު ގައިޑްލައިންތަކެއް ހެދިޔަސް ރައްޔިތުން އެއަށް އަމަލުނުކުރާނަމަ ނުވަތަ ފަރުވާކުޑަ ކުރާނަމަ އޭގެ ބޭނުމެއް ނެތެވެ. މިފަހަރު މިދިމާވީ އެފަދަ ގޮތެކެވެ. ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް 10 އަކާ ހަމައަށް ތިރިވެފައިވަނިކޮށް މާލޭގެ ޝީ ބިލްޑިންގައި މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއެއްގައި ކޮވިޑްގެ އަލާމާތް ހުރި މީހަކު ބައިވެރިވުމުގެ ސަބަބުން ކޭސްތައް މިވަނީ އަނެއްކާވެސް މައްޗަށް ޖެހިލާފައެވެ. އެގޮތުން ކައިވެނި ޕާޓީ ކްލަސްޓަރގެތެރެއިން މިހާތަނަށް 68 މީހަކު ޕޮޒިޓިވްވެފައިވާއިރު މީގެތެރޭގައި ހައި ރިސްކް މީހުންނާއި ކުޑަކުދިން ހިމެނެއެވެ. ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ އެކްލަސްޓަރއިން ޕްޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 229 މީހުން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ. ޑރ.ނަޒްލާ ވިދާޅުވީ މިހާރު ދީފައިވާ ލުއިތަކާއެކުވެސް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ނޫނީ ކޯވިޑް-19ގެ ވައިރަހުގެ ނުރައްކާ ކުޑަނުކުރެވޭނެކަމަށެވެ.

އެޗްޕީއޭއިން މިހާރު ދީފައިވާ ލުއިތަކަކާއެކު، ގައިޑްލައިންތަކާ އެއްގޮތަށް އަމަލުނުކުރާނަމަ އަނެއްކާވެސް އިއާދަނުކުރެވޭވަރުގެ ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެއެވެ. އެތައް މަސްތަކެއް ވަންދެން ކިޔަވަން ސްކޫލްތަކަށް ނުދެވިތިބި ކުދިން މިމަހުގެ 10 ވަނަ ދުވަހު ސްކޫލްތަކަށްދާން ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދާއިރު އެ އުންމީދު ފެނަށް ހިނގައިދާނެއެވެ. ވެކްސިން ލިބުމުގެ ކުރިން އަނެއްކާވެސް ފުރަބަންދަކަށް ގޮސް ކުދި ކުދި ގޮޅިތަކުގައި ތާށިވެދާނެއެވެ. އެހެންކަމުން އަޅުގަނޑުމެން އެންމެވެސް މަސައްކަތް ކުރަންވީ އެޗްޕީއޭގެ ގައިޑްލައިންތަކާ، ސިއްހީ މާހިރުންގެ ލަފަޔާއެކު ކޮވިޑްގެ ކޭސްތައް އިތުރު ނުވާނޭހެން ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމަށެވެ. އަޅުގަނޑުމެންގެ މިކެތްތެރިކަމަށް ކޮވިޑްގެ ވެކްސިނާއެކު ލިބިފައިވާ އުންމީދު ފުރިހަމަވުމުގެ ވަގުތުވެސް މިއޮތީ ކައިރިވެފައެވެ. އަދިވެސް އެއްބައިވަންތަކަމާ ކެތްތެރިކަން އިސްކޮށްފިނަމަ ކޮވިޑްގެ މިވަބާއިން އަޅުގަނޑުމެންނަށް ސަލާމަތްވެވިދާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެކެވެ.