މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއިން ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ނަމުގައި 2018 ވަނަ އަހަރު ކުރިއަށްގެންދިޔަ މީހުން ތަމްރީންކުރުމުގެ ޕްރޮގްރާމް މިއަހަރު އަލުން ފެށުމަށް ނިންމައިފިއެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމް ގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިބާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓީސީސީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށެވެ. 2021 ވަނަ އަހަރުގެ ހުނަވަރު ޕްރޮގްރާމް ކުރިޔަށް ގެންދާނީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އެގޮތުން ފުރަތަމަ ފިޔަވަހި ކުރިޔަށް ގެންދާނީ އެމްޓީސީސީން އުމްރާނީ ތަރައްޤީއާއި އިމާރާތްކުރުމުގެ ދާއިރާގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ފަންނުވެރިން ބިނާކުރުމަށް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން ބުނީ ހުނަވަރުގެ ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ކަނޑާއި އެއްގަމުގައި ދުއްވާ އުޅަނދުފަހަރާއި މެޝިނަރީ އޮޕަރޭޓްކުރުމުގެ ޤާބިލްކަން ލިބިފައިވާ ހުނަރުވެރި މަސައްކަތްތެރިން ބިނާކުރެވޭނެ ކަމަށެވެ. ހުނަވަރު 2021 ގެ ފުރަތަމަ ފިޔަވަހި ހާއްސަކޮށްފައިވަނީ ދެކުނުގެ ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީއަށެވެ.

މި ޕްރޮގްރާމްގެ ދަށުން ތަމްރީން ދެވޭނީ އެމްޓީސީސީގެ މަޝްރޫޢުތަކުގައި ބޭނުންކުރާ ޓަގް، ބާޖު، ބަސް، ލޮރީ، ބުލްޑޯޒަރު، އެކްސްކަވޭޓަރު، ކްރޭން، ލޮރީ، ރޯލާ، ޕޭވަރ، ލޯޑަރު އަދި ގްރޭޑަރު ފަދަ އުޅަނދުފަހަރާއި މެޝިނަރީ ދުއްވާ އޮޕަރޭޓްކުރުމަށް ކަމަށާ މި ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިހިނގާ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު ފުވައްމުލަކުގައި އަދި ޖަނަވަރީ 11 ވަނަ ދުވަހު އައްޑޫގައި އޯޕަންޑޭއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މިއޯޕަންޑޭގެ ތެރެއިން ތަމްރީންގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މިކަމަށް ޝައުޤުވެރިކަން ފާޅުކުރެވޭނެ ކަމަށާ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ބައިވެރިން ހޮވާ، އެމްޓީސީސީގެ ސައިޓްތަކުގައި 3 މަސް ވަންދެން ފަންނީ ތަމްރީން ދެވޭނެކަމަށެވެ. މިތަމްރީނަށް ހޮވޭ ބައިވެރިންނަށް ކޮންމެ މަހަކު 5000 ރުފިޔާ އެލަވަންސްގެ ގޮތުގައި ލިބޭނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި ތަމްރީން ފުރިހަމަކުރާ ފަރާތްތަކުން 1 އަހަރުގެ ބޮންޑެއްގެ ދަށުން އެމްޓީސީސީގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

2018 ވަނަ އަހަރު އެމްޓީސީސީއިން އިފްތިތާހުކުރި ހުނަވަރު ޕްރޮގްރާމަކީ ވަޒީފާގެ މާހައުލަށް ބޭނުންވާ މުހިންމު ބައެއް ދާއިރާތަކުން މީހުން ހޯދުމަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ މަޤްސަދުގައި އެމްޓީސީސީން ތަޢާރަފްކުރި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެތެރެއިން ހެވީވެހިކަލް އޮޕަރޭޓްކުރުމާއި، ކަނޑުގައިދުއްވާ އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި، އިންޖިނިއަރިން، ވެލްޑިން، ޑްރެޖިން އަދި އެންވަޔަރމެންޓަލް ސާވޭއިންގެ ދާއިރާއިން ގިނަ ބައިވެރިންތަކެއް ތަމްރީނުކުރެވޭނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.