ޗައިނާގެ ސިނޮފާރމްއިން އުފެއްދި ކޮވިޑް ވެކްސިން އިމަޖެންސީ ބޭނުންތަކުގައި މިސްރުގައި ބޭނުން ކުރުމުގެ ހުއްދަ އެގައުމުން ދީފިއެވެ.
މިކަން އިޢްލާން ކުރެއްވީ މިސްރު ސަރުކާރުގެ ހެލްތު މިނިސްޓަރ ހާލާ ޒައިދެވެ.
މިސްރުގެ އެމްބީސީ މަސްރް ޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ހެލްތު މިނިސްޓަރ ހާލާ ޒައިދު ވިދާޅުވީ، ސިނޮފާރމް ވެކްސިން މިސްރުގައި ބޭނުން ކުރުމުގެ ހުއްދަ ކަމާބެހޭ އިދާރާއިން ދިނީ އިއްޔެ ކަމަށެވެ.
މިސްރު ސަރުކާރުން މިހާރު ތައްޔާރުވަމުން ގެންދަނީ، މި ޖެނުއަރީ މަހުގެ ފަހުކޮޅު އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފެށުމަށެވެ.
ހެލްތު މިނިސްޓަރ ހާލާ ޒައިދު ވިދާޅުވީ، ޗައިނާގެ ކުންފުނިން އުފެއްދި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ޑިސެމްބަރުމަހު މިސްރަށް އެތެރެކޮށްފައިވާ ކަމަށެވެ.
އަދި ދެވަނަ ޝިޕްމަންޓް ޖެނުއަރީމަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާ ތެރޭގައި މިސްރަށް ލިބޭނެ ކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
މިސްރަށް އެތެރެކުރާ ކޮންމެ ޝިޕްމަންޓެއްގައި 50،000 ޑޯޒްގެ ވެކްސިން ހިމެނެއެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ، ސިނޮފާރމްގެ 40 މިލިއަން ޑޯޒްގެ ވެކްސިން މިސްރަށް ގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިސްރުން ނިންމާފައިވަނީ، އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ދިނުމަށެވެ.
މިސްރަކީ އަރަބި ގައުމުތަކުގެ ތެރެއިން އެންމެ އާބާދީބޮޑު ގައުމެކެވެ.
އާބާދީގައި ގާތްގަނޑަކަށް 100 މިލިއަން މީހުން ހިމެނޭއިރު، އެގައުމުން މިހާތަނަށް 140،000 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، ބަލީގައި 7،800 މީހުން މަރުވެފައި ވެއެވެ.
މިބަލިމަޑުކަމުން އަރައިގަތުމަށް މިސްރުން ޗައިނާގެ ސިނޮފާރމްގެ ކޮވިޑް ވެކްސިން އެތެރެކުރަން ފަށާފައި ވާއިރު، ސިނޮފާރމްއިން އުފެއްދި ކޮވިޑް-19 ވެކްސިން އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ ޗައިނާގެ ނޭޝަނަލް މެޑިކަލް ޕްރޮޑަކްޓްސް އެޑްމިނިސްޓްރޭޝަނުން ރަސްމީގޮތުން ދީފައިވަނީ މިދިޔަ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހުއެވެ.
އެކަމަކު، އޭގެކުރިންވެސް ސިނޮފާރމްގެ ވެކްސިން ޔޫއޭއީގައި އާންމުކޮށް ބޭނުން ކުރުމުގެ ހުއްދަ އެގައުމުގެ ކަމާބެހޭ އިދާރާތަކުން ޑިސެމްބަރުމަހުގެ ތެރޭގައިވަނީ ދީފައެވެ.
ސިނޮފާރމްގެ ވެކްސިންގެ ކްލިނިކަލް ޓްރައިލްސް 79.34 އިންސައްތަ އިފެކްޓިވް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ޗައިނާއިން މިހާތަނަށް ކޮވިޑް-19 އަށް 5 ވެކްސިނެއް ތަރައްގީކޮށްފައި ވެއެވެ. އެއީ، ސިނޮވެކްގެ ވެކްސިން، ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕްގެ 2 ވެކްސިން، ކެންސީނޯ ބަޔޮލޮޖިކްސްގެ ވެކްސިން އަދި ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްގެ ވެކްސިނެވެ.
މީގެތެރެއިން ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕުން އުފެއްދި 2 ވެކްސިނާއި، ސިނޮވެކް ބަޔޯޓެކް ގްރޫޕުން އުފެއްދި ވެކްސިން، ބައެއް މަސައްކަތްތެރިންނާއި، ހައިރިސްކް ގްރޫޕްތަކުގެ މީހުންނަށް މިއަހަރުގެ ޖުލައިމަހުން ފެށިގެން ދޭން ފަށާފައިވެއެވެ.
އެގޮތުން، މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 4.5 މިލިއަން މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.