ކޮވިޑް-19 ގެ ހާލަތުގައިވެސް ނިމިދިޔަ 2020 ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިފަދައިން ވިދާޅުވީ، މިފެށުނު 2021 ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު ސްޓެލްކޯގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމް މެދުވެރިކޮށް އެކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާއި މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މުޣުނީ ވަނީ، 2020 ވަނަ އަހަރު ނިމިގެން ދިޔައިރު މަސައްކަތްތަކުގެ މައްޗަށް ނަޒަރު ހިންގާ ބަލާލަންޖެހޭ ކަމަށާއި، އަދި ކުރިއަށް މިސްރާބު ކަނޑައެޅުމުގައި ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭ ކަމަށާއި، ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ސްޓެލްކޯއަށް 2020 ވަނަ އަހަރަކީ ކާމިޔާބުގެ އަހަރެއް ކަމަށާއި، ކޮވިޑް-19 ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވީ، ކުންފުނިން ފޯރުކޮށްދޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށް އެތެރޭގައި 220 މުވައްޒަފުން ފުރަބަންދު ވެގެން ކަމަށާއި، އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއްކަން މުޣުނީ ފާހަގަކުރެއްވިއެވެ.

އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއް ކަމަށާއި، ލޮކްޑައުންގައި ގޭގައި ތިބެގެން މަސައްކަތް ކުރި މުވައްޒަފުންގެ ސަޕޯޓިންގ މަސައްކަތާއި އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ކޮށްދެއްވި މަސައްކަތްތަކަށް މުޣުނީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ކޮވިޑް-19 ގެ ދުވަސްވަރުގައި މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ އެކުންފުނިން ހޭދްކޮށްފައިވާ ކަންވެސް މުޣުނީ ފަހަގަކުރެއްވިއެވެ.

ކޮވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ގައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ NEOC ގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާ ކަން މި ފާހަގަ ކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރި ވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައި ވާނެ
ހަސަން މުޣުނީ

މީގެ އިތުރުން އެ އުދަނގޫ ދަނޑިވަޅުގައި މެދުނުކެނޑި ކަރަންޓު ފޯރުކޮށްދިނުމާއި، ވޮލަންޓިއަރ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވަރހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި ހިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިންވެސް ލިޔެވިގެންދާނެ ފަހުރުވެރި މަސައްކަތްތަކެއް ކަމަށާއި، ރާއްޖޭގެ ބިޔަ ބޮޑެތި މަޝްރޫއުތަކުގެ ގޮތުގައި ވާ "ފިފްތު ޕަވަރ މަޝްރޫއު" އާއި "އިންޓަރ ކަނެކްޝަން" މަޝްރޫއު މަސައްކަތްވެސް ނުހުއްޓި އެހާލަތުގައިވެސް ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި، އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާކުރުމާއި، ސޯލާގެ ވިޔަފާރި ފުޅާކުރުމަށް ކުރި މަސައްކަތުން ހުސްވި އަހަރު ނިންމާލީ ސްޓެލްކޯގެ އަމިއްލަ ޕްރޮޖެކްޓެއް ކަމަށްވާ ފްލޯޓިން ސޯލާގެ "ސްޓެލްކޯ ސޯލާ ޕޮޑް–ގުރީން ލައިފް" ލޯންޗުކުރުމާއެކު ކަމަށް މުޣުނީ ވިދާޅުވިއެވެ.

މިއީ މި ސިނާއަތަށް އެކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއްކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާގޮތަށް މިފެށުނު އައު އަހަރަކީ ގައުމު އާރަސްތުކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މިއަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އައު ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި، ސްމާޓް މީޓަރުފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމުގައި މުޣުނީ ވިދާޅުވިއެވެ.