(28 ޑިސެމްބަރު 2020 އާ ގުޅޭ ....)
މަންމަ: ދަރިފުޅާ! އޮފީހަށް ދާންވާނެ.. ދަރިފުޅު ބޮސްގެ ސެކެޓްރީއަކަށްވީމަ މިއަދު މަންމަ ވަރަށް އުފާވޭ.. އަސްލު އޮފީސް އެހެން ކުދިންވެސް ހަސަދަވަނީ ތިކަމާހެން މަންމައަށް ހީވަނީ..
ވަފާ: މަންމާ! އަސްލު ބޮސް ވަރަށް ރަނގަޅު. ހަމަގައިމުވެސް އަހަރެންނަކަށް ގޯހެއް ނޫން.. ދެން ނޭނގެ އެހެން ކުދިން އަހަރެން ދެކެ ރުޅި އަންނަންވީކަމެއް.
މަންމަ: ދަރިފުޅާ! އަޅާނުލާ! މިހާރު އެއޮއްގެން 8 ޖެހީ. ދޭ ތައްޔާރުވެގެން އޮފީހަށް.
މަންމަ މިހެން ބުނުމުން ވަފާ އަވަހަށް ތައްޔާރުވެގެން އޮފީހަށް ދިޔައެވެ. އޮފީހަށް ވަތްއިރު ވެރިމީހާ އޮފީހުގައި އުޅެއެވެ. އޭނަޔަށް އަހަރެން ފެނުމާއެކު އޭނަގެ އޮފީހަށް ވަނުމަށް އިޝާރަތް ކުރިއެވެ. އަދި ދަތުރުގެ މަޖާ ވާހަކަ ދައްކައިވެސް ހެދިއެވެ. އަދި މި ދަތުރާއި ބެހޭގޮތުން ޔައުމިއްޔާއެއް ތައްޔާރުކުރުމަށް އެންގިއެވެ. އަހަރެން ޔައުމިއްޔާ ތައްޔާރުކުރުމުގެ މަސައްކަތައިގެން އަވަދިނެތި އުޅެން ފަށައިފީމެވެ. އަހަރެން ކޮމްޕިއުޓަރ ކައިރީ ޔައުމިއްޔާ ލިޔަން އިންއިރު ބޮސް ވައްކަޅިން އަހަރެންނާއި ދިމާއަށް ބަލަމުންދާހެން ހީވެއެވެ. އެކަމަކުވެސް އެކަމަކާ މާބޮޑު ފަރުވާލެއް ނުބަހައްޓަމެވެ. އިރުކޮޅެއް ނުވެ ބޮސް ތެދުވެގެން އައިސް އަހަރެން ކައިރީ މަޑުކޮށްލިއެވެ. އަދި ބުންޏެވެ. ވަފާ ވަރަށް މުރާއްޔެވެ. ކެރޭ ކުއްޖެއް ދޯއެވެ. މިހެން ބުނުމަށްފަހު ވަރަށް އަވަހަށް އެހެން ރިސޯޓަކަށް ދަންޖެހޭ ކަމަށާއި، އެ ދަތުރުގައި ވަފާވެސް ދާންވާނެކަމަށް ބުންޏެވެ. އަދި ކޮފީތައްޓެއް ހަދާލައިގެން އައުމަށް ބޮސް އަހަރެންނަށް އެންގިއެވެ.
އަހަރެން ބޮސްގެ އެދުމުގެމަތިން ކޮފީތައްޓެއް ހިފައިގެން އަތުވެއްޖައީމެވެ. އަދި ކޮފީތަށި ދިއްކޮށްލުމާއެކު އަހަރެންގެ އަތުގައި ބޮސް ހިފިއެވެ. އެވަގުތު އަހަރެންނަށް ސިހުން ލިބުނެވެ. އަދި ލަދުވެސް ގަތެވެ. އަދި އަތުން ދޫކޮށްލައި ދިނުމަށް އެދުމުން މިއީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، މިހެން އުޅޭއިރު މިކަހަލަ ކަންކަން ހިނގާނެކަމަށް ބުންޏެވެ. އަހަރެން ވަރަށް ބިރުގަތެވެ. އަދި ދެން ގެއަށް ދިޔައަސް އޯކޭތޯ އެހުމުން ބޮސް އިންކާރުކުރިއެވެ. އަދި މިރޭ ކޮންމެހެންވެސް ހޭލާ އިނދެގެންވެސް ޔައުމިއްޔާ ނިންމަން ޖެހޭނެ ކަމަށާއި، އަދިވެސް އިތުރު މަސައްކަތްތައް ހުރިކަމަށް ބުންޏެވެ. އަދި މިރޭ ހޭލާއިނދެފައި މާދަމާ އޮފީހަށް ނަޔަސް އޯކޭކަމަށް ބުނެ މަސައްކަތައިގެން ކުރިއަށް ދިއުމަށް އެންގިއެވެ.
އަހަރެން އަހަރެންގެ މަސައްކަތައިގެން ކުރިއަށް ދިޔައީމެވެ. އަހަރެންނަށް އެރޭ ކުރަން ހުރި މަސައްކަތްތައް ގިނަކަމުން ނިމޭނެ އިރެއް ބުނެދެންވެސް ނޭގުނެވެ. އަހަރެންނާއި މަސައްކަތް ހަވާލުކުރުމަށްފަހު ބޮސް ބޭރަށް ދިޔައެވެ.
ގަޑިން މެންދަމުން އަލިވެ 3 ޖަހައިފިއެވެ. އަހަރެން ނިދި ޖެހެން ފަށައިފިއެވެ. އިސާހިތަކު އަހަރެންނަށް ނިދިއްޖެއެވެ. މީހަކު އަހަރެންގެ ގައިގައި ބީހޭހެން ހީވެގެން އަހަރެންނަށް ކުއްލިއަކަށް ސިއްސައިގެން ހޭލެވިއްޖެއެވެ. ހޭލެވުނުއިރު އޮފީސްތެރޭގަިއ އަލިކަމެއް ނެތެވެ. އެހާމެ އަނދިރިއެވެ. އަހަރެން ބިރުގަތެވެ. އަދި ތެދުވަން އުޅެން ފެށުމުން ބޮސް ނުތެދުވުމަށް އެންގިއެވެ. އަދި މީ މައްސަލައެއް ނޫންކަމަށާއި، މިހެން އުޅޭއިރު މިކަހަލަ ކަންތައްތައް ވާނެކަމަށް ބުންޏެވެ. އަދި އަހަރެން ތީ ގޯސްކަމެއްކަމަށްބުނެ ގަދަ ދައްކަންފެށުމުން ބޮސް އަހަރެން ގަދަކަމުން ހިފަހައްޓައި ބޮސް ބޭނުންވާ އެދުންތައް އެރޭ އަހަރެންގެ ކިބައިން ފުއްދިއެވެ. އަދި މިވާހަކަ އޮފީސް މީހެއްގެ ކައިރީ ނުބުނުމަށް ބުނެ ބޮސް އަހަރެންނަށް ބިރުދެއްކިއެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަދި ދުވަހަކުވެސް ދެން މިއޮފީހަށް ނާންނާނެކަމަށް ބުނެ ގެއަށް ދިޔައީމެވެ. އޭރު ގަޑިން ފަތިހު 5 ޖަހައިފިއެވެ. ވަރުބަލިވެފައި ހުރިވަރުން އެދުގައި އޮށޯވެލާއިރަށް ނިދިއްޖެއެވެ.
އަހަރެން ހެނދުނު އޮފީހަށް ދާން ނުތެދުވެގެން މަންމަ ވަރަށް ކަންބޮޑުވިއެވެ. އަދި އަހަރެންނަށް ގޮވުމުން ރޭގަ ހޭލާ އޮފީހުގައި އުޅުނީ ކަމަށް ބުނުމުން މަންމަ އަޅައެއް ނުލައެވެ. އަހަރެންނަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ގުޅަނީ އޮފީހުންނެވެ. އަހަރެން ފޯނު ނެގުމާއިއެކު އޮފީހުން ފަރީދާ ވާހަކަ ދައްކަން ފެށިއެވެ.
ފަރީދާ: ވަފާ މިއަދު އޮފީހަށް ނާންނަނީތަ؟ ރޭގަ އޮފީހުގަ ހޭލާ އިންރެއަކީތަ؟
ވަފާ: (ދެރަވެފައި) ކިހިނެއް ފަރީދާއަށް އެނގުނީ..
ފަރީދާ: މަށަށްވެސް އެނގިދާނެތާ! ބޮސްގެ ކަންކަމަށް ފާރަލާ ކުދިންވެސް މިއޮފީހުގައި އުޅޭ ވިއްޔާ!
ވަފާ: (ރޮއިފައި) ފަރީދާ. ދެން އަހަރެން ތި އޮފީހަކަށް ނުދާނަން.
ފަރީދާ: އަނެއްކާ ކިހިނެއްވީ. ބޮސް ކަމެއް ކުރީތަ؟
ވަފާ: އާނ. އަހަރެން ބޭނުން މިވާހަކަތައް ފަރީދާއަށް ހިއްސާކުރަން..
ފަރީދާ: މަށަށް އެނގޭ އޭރުވެސް ބޮސްގެ ގޮތް. މަށަށްވެސް ބޮސްގެ ތި މަޅިން ސަލާމަތްވެވުނީ ހަމަ ކިރިޔާ. މަގޭ ރައްޓެއްސެއް ބޮސްގެ ވާހަކަތައް މަށާ ހިއްސާ ކޮއްފަ އޮތީމަ.
ވަފާ: ދެން ފަރީދާ ކީއްވެ ކުރިން ތިވާހަކަ މަކައިރީގަ ނުބުނީ.
ފަރީދާ: ބުނަން ނުކެރުނީ. ވަފާ ރުއި އައިސްފާނެތީވެ.
ވަފާ: ދެން އަޅާނުލާ..
ފަރީދާ: އަޅާނުލާ ހުންނާކަށް ނުވާނެ.. ހިނގާ މިމައްސަލަ ފުލުހުންނަށް ހުށަހަޅަން.
ވަފާ: ނޫން .. މަށެއް ނޫޅެން. ނޫސްތަކުގެ ފަލަ ސުރުހީތަކުގަ މަގޭ ނަން ލިޔަން.. މަށަކަށް ނުކެރޭނެ.
މިހެން ބުނެ ފޯން ކަނޑާލީމެވެ.
އެދުވަހުން ފެށިގެން އަހަރެން އޮފީހަށް ނުދާން ފެށުމުން މަންމަ ވަރަށް ސުވާލު ކުރިއެވެ. ނަމަވެސް އޮފީހަށް ދާން ފޫހިވާކަމަށާއި، އެހެން ވަޒީފާއަކަށް ނިކުންނާނެ ކަމަށްބުނެ މަންމަ ކައިރީ މިވާހަކަތައް ނުދައްކާ ކެތްކޮށްލައިގެން ހުންނަނީއެވެ. މަންމަ މިކަމާ އަހަރެން ދެކެ ވަރަށް ރުޅިއާދެއެވެ. ނަމަވެސް އަހަރެންނަށް އަންނަ ބަދަލުތައް މަންމައަށް ފާހަގަކުރެވި ސުވާލު ގިނަވެއެވެ. އެދުވަހުން ފެށިގެން އަހަރެންނަކީ ބަސްމަދު މީހަކަށް ވިއެވެ. ދުނިޔެ މަތިން ފޫހިވާން ފެށިއެވެ. ބޭރަށް ދިއުން މަދުވިއެވެ. މިއީ އަހަރެންގެ މާޒީއެވެ.
ވަފާގެ ވާހަކަތައް އަޑު އަހާފައި އަޒީމް ކައިރިއަށް ވަރަށް ރުޅިއައެވެ. އަދި މިމައްސަލަ ޖައްސާނެކަމަށް ބުނެ ވަފާ ގޮވައިގެން ފުލުސް އޮފީހަށް ދިޔައެވެ. އަދި ފުލުހުންނަށް އެ ހަޤީޤަތް ކިޔައިދިނެވެ. ފުލުހުން މިމައްސަލަ ތަޙްޤީޤްކުރިއެެވެ. އަދި މިމައްސަލައިގައި ކުށްވެރިވާ ފަރާތް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. (ނިމުނީ)
--
ނާފިއު ތަންކޮޅެއް ދިގު ވާހަކައެއް ކުރިއަށް ގެންދަން ފެނޭ
ކޮމެންޓް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިޔަބޭފުޅުން ކުރައްވާ ކޮންމެ ކޮމެންޓަކީވެސް ލިބޭ ކުރިއެރުމެއް. ކުރިޔަށް އޮތްތާގައި ވީނިއުސް މެދުވެރިކޮށް ވަރަށް ތަފާތު ހަޤީޤީ ހާދިސާތަކާއި ވާހަކަތައް ގެނެސްދެމުން ދާނަން. ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހަށް އިންތިޒާރު ކުރައްވާ!
އަދި މަ ހީކުރީ އިތުރު ބައެއް އަންނާނެ ކަމަށް..ހެހެހެ ވަރަށް ރީތި ހަމަ ހަބޭސް
ވަރަށްރީތި. އަންނަ ހަފްތާގަވެސް އާ ވާހަކައެއް އަންނާނެ ކަމަށް އުންމީދު ކުރަން.
ނާފިއުގެ މި ވާހަކަ ވަރަށް އަސްލުވެފަ ވަރަށް ރީތި. މިކަހަލަ ކަންކަމަކީ ގަބޫލްކުރަން ދަތި ނަމަވެސް މުޖުތަމަޢުގެ ތެރޭގަ ހިނގާކަންކަން. ނިމުނު ގޮތްވެސް ވަރަށް ސަޅި