މިއަހަރުގެ ފުރަތަމަ ތިން ދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދިހަހާހުން މައްޗަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކުވެސް އާއްމުކުރަމުން އަންނަ ތަފާސްހިސާބުން ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

މިއަހަރުގެ ފުރަތަމަ ތިންދުވަހު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10،360 އަށް އަރާފައިވާއިރު، އިއްޔެ އެކަނިވެސް 4،195 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދެއްގެ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ.

އެގޮތުން ތިން ދުވަހުގެ ތެރޭގައި ރަޝިއާގެ 3،226 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކުރެއެވެ.

ދެވަނައަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޔޫކްރެއިނުންނެވެ. އެއީ 979 ފަތުރުވެރިންނެވެ. ތިންވަނައިގައި އިންޑިއާ ހިމެނިފައިވަނީ 778 ފަތުރުވެރިންނާ އެކުއެވެ.

މީގެ އިތުރުން އިއްޔެގެ ނިޔަލަށް 541 ޓުއަރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއް ހިދުމަތަށް ހުޅުވާލައި، 41،660 އެނދު އޮޕަރޭޓްކުރަން ފަށާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ ތެރޭގައި 141 ރިސޯޓެއްގައި 32،636 އެނދު އޮޕަރޭޓް ކުރަމުންދާ ކަމަށާއި، 11 ހޮޓަލެއްގައި 1،458 އެނދު އަދި 130 ސަފާރީއެއްގައި 2،504 އެނދު އޮޕަރޭޓްކުރަން ވަނީ ފަށާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 15 އިން ފެށިގެން އެކި ސަރަހައްދުތަކުގައި ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަ ދިނުމާއެކު، މިހާތަނަށް 12 އަތޮޅެއްގެ 40 ރަށެއްގައި 259 ގެސްޓްހައުސް އޮޕަރޭޓް ކުރަމުންދާ ކަމަށާއި، މި ގެސްޓްހައުސްތަކުގައި 5،062 އެނދު އޮޕަރޭޓް ކުރަމުންދާކަން ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން މިވަގުތު އެންމެ ގިނަ އަދަދެއްގެ ގެސްޓްހައުސް ހިންގަމުންދަނީ ކ. އަތޮޅުގައެވެ. ކ. އަތޮޅުގައި މިވަގުތު 119 ގެސްޓްހައުސްއެއްގައި 2،902 އެނދު އޮޕަރޭޓްކުރަމުން ގެންދެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް، ދުވަސްތަކެއް ވަންދެން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް ގެނައުމާ ގުޅިގެން މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އެހެން އަހަރުތަކާ އަޅާބަލާއިރު، ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.

އެހެންނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ މިއަހަރު 1.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް އަމާޒު ހިފާފައެވެ.