މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތައް ގެނެސްދިނުމަށް ވީމީޑިއާއި، މީ ޕްރޮޑަކްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވީމީޑިއާގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު، އަހްމަދު އުމަރުއެވެ. މީ ޕްރޮޑަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޕްރޮޑަކްޝަންގެ ވެރިޔާ އަހްމަދު އަބޫބަކުރެވެ.

އެއް އަހަރު ދުވަހުގެ މުއްދަތުގެ މި އެއްބަސްވުމުގެ ދަށުން ކޮންޓެންޓް އުފެއްދުމުގައި ވީޓީވީގެ ގައިޑްލައިނާއި، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާގޮތަށް މީ ޕްރޮޑަކްޝަނުން ތައްޔާރުކުރާ މުނިފޫހިފިލުވައި ދިނުމުގެ ދާއިރާގެ އުފެއްދުންތައް ވީމީޑިއާއިން ދައްކާނެއެވެ.

މިއެއްބަސްވުމުގެ ދަށުން އުފައްދާ ޓީވީ ޕްރޮގްރާމުތަކާއި، ޑްރާމާ، ސީރީޒް ނުވަތަ ފިލްމު އުފައްދައިގެން ލިބޭ އާމްދަނީން ދެފަރާތުން އެއްބަސްވެފައިވާ ހިއްސާއެއް ވީ މީޑިއާއަށް ލިބޭނެއެވެ.

ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މީ ޕްރޮޑަކްޝަންގެ ވެރިޔާ މުހަންމަދު އަބޫބަކުރު ވިދާޅުވީ، އެ ޕްރޮޑަކްޝަންގެ ދިގު މާޒީގައި، ވީޓީވީން ވަރަށް ބޮޑެތި އެހީތަކެއް ވެދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިކަލަކަމެއް ކުރަން ވިސްނައިފިއްޔާ ހަމަ އެންމެ ފުރަތަމަވެސް ވާހަކަ ދެއްކޭނީ ވީޓީވީއާ. އެއީ ވީޓީވީން އެބަހުރި ވަރަށް އެހީތެރިވެދީފަ. ފިލްމަތަކުގެ ޕްރިމިއާ ނައިޓްތަކުގަވެސް ވަރަށް ބޮޑެތި ހޭދަތައް އެބަހުރި ވީޓީވީން ކޮށްފަ. އެހެންވީމަ މިއަކީ ފިލްމީ ދާއިރާގަ މަސައްކަތްކުރާ މީހެއްގެ ހައިސިއްޔަތުން ހަނދާން ނައްތާލެވޭނެ ވަރުގެ ކަމެއްނޫން"
މީ ޕްރޮޑަކްޝަންގެ ވެރިޔާ މުހަންމަދު އަބޫބަކުރު

މުހަންމަދު އަބޫބަކުރު ވިދާޅުވީ އާންމުންގެ ތަރުހީބު ވަރަށްބޮޑަށް ލިބިގެންދިޔަ ފިލްމްތަކަކާއި، ޑްރާމާތަކެއް އެ ޕްރޮޑަކްޝަނުން އާންމުންނަށް ގެނެސްދީފައިވާނެ ކަމަށެވެ.

އެހެންކަމުން ވީމީޑިއާއެކު، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންވެސް މިފަދަ ގިނަ ފިލްމްތަކަކާއި، ޑްރާމާތަކެއް ގެނެސްދޭނެ ކަމަށެވެ.

30 އަހަރުގެ ތަޖުރިބާއާއެކު އާންމުންނަށް މަގްބޫލު ފިލްމްތަކަކާއި، ޑްރާމާތަކެއް ގެނެސްދެމުން އަންނަ މީ ޕްރޮޑަކްޝަނުން އަންނަނީ އާންމުންނަށް ކަމުދާނެ ގިނަ އުފެއްދުންތަކެއް ދައްކާލުމުގެ މަސައްކަތް ކުރަމުންނެވެ.