އަންނަ ލޯކަލް ކައުންސިލް އިންތިޚާބު މާޗު މަހުގެ 6 ވަނަ ދުވަހު ނުބޭއްވޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވޭނެ ދުވަހަކާ ގުޅޭގޮތުން ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ އަންނަ ކައުންސިލް އިންތިޚާބު މާޗު މަހުގެ 6 ވަނަ ދުވަހު ނުބޭއްވޭނެ ކަމަށާއި އެގޮތަށް ނިންމީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމާއި ގުޅިގެން ކަމަށެވެ.

އަދި 3 ފެބްރުއަރީގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައި ކަމުގައިވީނަމަވެސް އިންތިޚާބު މާޗު މަހުގެ 6 ވަަނަ ދުވަހުގައި ނުބޭއްވޭނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

އިންތިޚާބު ބޭއްވުމަށް ގާތްގަނޑަކަށް މަދުވެގެން 2 މަސްދުވަސް ބޭނުންވާނެ. އެއީ އިންތިޚާބު ބާއްވާނެކަން އިއުލާންކުރާތާ 2 މަސްދުވަސް ބޭނުންވާ ވާހަކަ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ވަކިގޮތެއް ކަނޑައެޅުމަށްޓަކައި ނުވަތަ ބާއްވާނެ އިތުރު ތާރީޚެއް ކަނޑައެޅުމަށްޓަކައި އަންނަ ބުދަ ދުވަހު އިލެކްޝަންސް ކޮމިޝަންސްގައި މަޝްވަރާގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މިމަހުގެ 5 ވަނަ ދުވަހުގެ ކުރިން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަން އެޗްޕީއޭއިން އިއުލާން ނުކޮށްފިނަމަ މާޗް މަހުގެ 6 ވަނަ ދުވަހުގައި ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 1 އަހަރު ދުވަހުގެ ތެރޭގައި ބާއްވައި ނިންމަންޖެހޭ ގޮތަށް މަޖިލީހުން ވަނީ ހާއްސަ ބިލެއްވެސް ފާސްކޮށްފައެވެ.

އެ ބިލުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވަން ޖެހޭނީ އަންނަ އަހަރުގެ މެއި 10ގެ ކުރިންނެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ޤާނޫނު" ގައި ބުނެފައި ވަނީ ފަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު ބާއްވަން ޖެހޭނީ އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި ކަމަށެވެ.