ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އިތުރު ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޤައުމަށް ޚިދުމަތް ކުރާނެ ދިވެހިން ތަމްރީނު ކުރުމުގެ މަޤްޞަދުގައި އެޗްޑީސީން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 4 ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި 450 އަށް ވުރެއް ގިނަ ފޯމު މިހާތަނަށް ވަނީ ހުށަހަޅާފައެވެ. މިފަހަރު ހުޅުވާލި ފުރުސަތުގައި ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުންނާއި ވީހާވެސް ގިނަ ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން މި ޕްރޮގްރާމްގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ވިޔަފާރި ކުންފުނިތަކަށްބައިވެރިވުމުގެ ފުރުސަތު ދިނުމަށް ހަމަޖައްސާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކަށް ހުޅުވާލުމުގެ ބޭނުމަކީ އެޗްޑީސީ އަދި އެހެން ކުންފުނިތަކާއި ގުޅިގެން ގައުމުގެ މަސައްކަތުގެ މާއުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރަށް ނެރުން ކަމަށެވެ. ސީއެސްއާރް ކޮމްޕޯނަންޓެއްގެ ގޮތުގައި ހިމަނައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިގެންދާއިރު، އެ ކުންފުންޏަކަށް ބޭނުންވާ ފަންނުތަކުން މުވައްޒަފުން ބިނާކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މިޕްރޮގްރާމްގައި ބައިވެރުވުމަށް ސްޕޮންސާޝިޕްގެ ގޮތުގައި 4 ޕެކޭޖެއް އިޙްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލައިފައިވެއެވެ. މިގޮތުން ބްރޯންޒްޕެކޭޖް، ސިލްވަރ ޕެކޭޖް، ގޯލްޑް ޕެކޭޖް އަދި ޕްލެޓިނަމް ޕެކޭޖް ހިމެނެއެވެ.

އެޗްޑީސީން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންތަކާއި ސްޓޭންޑާޑްތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެޗްޑީސީން ވަނީ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއެކު 17 ޑިސެމްބަރ 2020 ވަނަ ދުވަހު އެމް.އޯ.ޔޫ އެއްގައިސޮއިކޮށްފައެވެ. މިޕްރޮގްރާމް ފުރިހަމަ ކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއްމަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.