ކައުންސިލް އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން ރާވައިގެން ގަސްދުގައި ކުރާ ކަމެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިލްކްޝަންސް ކޮމިޝަނުން ކައުންސިލް އިންތިޚާބު މިއަހަރުގެ މާޗު މަހުގެ ތެރޭގައި ނުބޭއްވޭނެކަން އިއުލާން ކުރުމާއި ގުޅިގެން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބު ފަސްކުރުމަކީ ސަރުކާރުން ރާވައިގެން ގަސްދުގައި ކުރާ ކަމެއް ކަމަށާއި އިންތިޚާބު ބާއްވައިފިނަމަ ސަރުކާރު ފެއިލް ވެފައިވާ މިންވަރު ރަނގަޅަށް އެނގި ހާމަވާނެތީ ކުރާ ކަމެއް ކަމަށެވެ.

އިންތިޚާބު ފަސްކުރިޔަސް ރައްޔިތުންގެ މިހާރުގެ ފިކުރު ބަދަލެއް ނުވާނެ ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން ގާނޫނަށް ބަދަލު ގެނެސްގެން އިންތިޙާބު ވަނީ ފަސްކޮށްފައެވެ. އަދި ދައުރު ހަމަވެފައިވާ ކައުންސިލަރުންގެ ދައުރު ވަނީ ދަންމާލާފައެވެ.