ނުރައްކާތެރި ކޮރޯނާ ވައިރަސް، އިންސާނުން ފަނާކުރާ މިންވަރު އިތުރުކުރަމުންދާއިރު ސައިންޓިސްޓިންގެ ފަރާތުން މިހާރު އަޑު އިވެމުންދަނީ ޒަމާނެއްގައި ވަރަށް މަދުންނޫނީ ފެނިފައިނުވާ ޢަލާމާތެއް ފެންނަމުންދާ ވާހަކައެވެ.

ސައިންޓިސްޓުންގެ ބިރު މިހާރު އެންމެ ބޮޑުވާ ކަމަކީ ދިގު ދެމިގެންވާ ގޮތެއްގައި އިންސާނާގެ ޞިއްޙަތު ރަނގަޅު ކާނާއާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އެކަމުގެ އަސަރު ކޮށްފާނެތީއެވެ.

2020 ވަނަ އަހަރުގެ މާރޗްމަހު ހުރިހާ އެއްޗެއްގައި ކަރުދާހުގެ ރަހަނޫން ރަހައެއް ނުލާ ހިސާބަށްދަންދެން ކެތަރިން ހެންސަންއަކީ އެއްޗެއްގެ ވަސް ބަލައިގެން ރެސްޓޯރެންޓެއްގައި ތައްޔާރު ކޮށްލާ އެންމެ މީރު ކާނާވެސް ތައްޔާރުކުރެވޭ ވަރުގެ އަންހެނެކެވެ. އެކަމަށްޓަކައި އޭނާއަށް ރިސިޕީއެއްވެސް ބޭނުމެއް ނުވެއެވެ. ހަމައެކަނި ވަހާއި ރަހައިން ހުރިހާކަމެއް ފުރިހަމަ ކޮށްލެވެއެވެ.

މިހެން އޭނާ ދުވަސްތައް ގުނަމުންދަނިކޮށް މުޅި ދުނިޔެ ސިއްސުވައިލި ކޮރޯނާ ވައިރަސް އައިސް އޭނާއާއި ގައިގޯޅިވެލައިފިއެވެ. އޭނާއަށް ފުރަތަމަ ޢަލާމާތަކަށްވީ އެއްޗެތީގެ ވަސް ދުވުން ގެއްލި ދިއުމެވެ. އެއަށްފަހު އެއްޗެތީގެ ރަހައެވެ. އަދި މިއަދުވެސް އޭނާއަށް އެއްވެސް އެއްޗެއްގެ ރަހައެއް ނުލައެވެ. އަދި ކާއެއްޗެއް އަނގަޔަށްލައިގެން ހަފައިލުމަކީ ކުޅަދާނަވަރުގެ ކަމެއް ނޫންކަމަށް އޭނާ ބުނެއެވެ. އެހެންވީމާ މިހާރު އޭނާގެ މައިގަނޑު ކެއުމަކީ ސުރުވާ ފޮދަކާއި ކިރުފޮދެކެވެ.

މިސް ހެންސަން ބުނިގޮތުގައި މިއަދު އޭނާއަކީ ފުރާވަރަށް އެޅުނު ފަހުން ލޮލުގެ ފެނުން ގެއްލިފައިވާ މީހެއްފަދަ އަންހެނެކެވެ. އެއީ ލޮލަށް ނުފެންނަ މީހަކަށްވެސް އެއްޗެއް ހުންނާނެ ސިފަ އަންދާޒާ ކޮށްލެވޭނެއެވެ. އެހެންވީމާ އޭނާއަށް އެއްޗެއްގައި ލާނެ ރަހަ އަންދާޒާ ކޮށްލެވޭނެއެވެ. ނަމަވެސް ލާ ރަހައެއް ނޭނގޭނެއެވެ.

މަޑުމަޑުން ނޭފަތުން ވަސްކެނޑުމަކީ ކޮވިޑް-19 ގެ ޢަލާމާތެއް ކަމަށް ތުންތުންމަތިން ދެކެވެމުންދިޔައެވެ. އެހެންވިޔަސް މިހާރު އެއީ ކޮވިޑް-19 އިން ޖައްސާ ބައްޔަކަށް ވެފައިވެއެވެ. މިއީ ބައެއް މީހުނަށް ކުރިމަތިވާ ކޮވިޑް-19 ގެ ފުރަތަމަ ޢަލާމާތް ކަމަށްވެއެވެ. އަދި ބައެއް މީހުނަށް ކުރިމަތިވާ ހަމައެކަނި ޢަލާމާތަށްވެސް ވެއެވެ. އެއާއެކު ކާބޯތަކެތީގެ ރަހަ ކެނޑިގެން ދެއެވެ. އެއްފުށުން އޮތް އެއްޗެއް އަނެއްފުށުން ޖަހައިލާހެންނެވެ.

އެހެން ޑޮކްޓަރަކު ވިދާޅުވީ މިކަމަކީ ފަރިވެ ފޮޅިފައިވާ މަލެއް މިލައި މޯޅިވެ ހިކިގެންގޮސް އޭގެ ވަސް ގެއްލޭފަދަ އިޙުސާސެއް ކުރެވޭ ކަމެއް ކަމުގައެވެ. އަދި މީހެއްގެ ހަށިގަނޑަށް ނޭފަތުން އިޙުސާސް ގެންވުވައިދޭ ވަސް ނުދުވަން ފަށައިފިނަމަ އެމީހަކު ދިރިއުޅޭ ވެށިވެސް އެމީހަކަށް ބަދަލުކޮށްލާ ކަމުގައެވެ. އަދި އެމީހަކު އެ މާޙައުލަކާމެދު ދެކޭ ގޮތްވެސް ބަދަލުކޮށްލާ ކަމުގައެވެ. އެމީހެއްގެ ހެޔޮޙާލު މަޑުމަޑުން ދަށްވަމުންދެއެވެ. ކަންކަން ކަނޑައެޅުމުގައި ވާނުވާ ނޭނގި ވަށައިގެންވާ ހުރިހާއެއްޗެއްގެ ރީތިކަންވެސް ގެއްލި ދެއެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އެގޮތަށް ހިއްސެއްގެ ބާރު ކެނޑިގެން ދިއުމަކީ ނުތަނަވަސްކަން ގެނުވައިދޭ ކަމެކެވެ. އަދި އެއީ އެހެން މީހުނަށް ނުފެންނަ ކަމެއްގެ ސަބަބުން އަނެކާއަށް އިޙުސާސްވެސް ނުކުރެވޭ ކަމަކަށް ވެފައިވެއެވެ. ތިމާގެ އަމިއްލަ ވިސްނުމުން ނުވަތަ އިޙުސާސަކުން ބުނެ ނުދެވޭ ކަންތައްތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

ފޭސްބުކްގެ ދަރުމަ ގުރޫޕެއްކަމަށްވާ އެބްސެންޓުގައި ބައިވެރިވި 9 ހާސް ކޮވިޑް-19 ގެ ބަލިމީހުންގެ ދިރާސާއެއް މިކަމުގައި އިނގިރޭސި ސައިންޓިސްޓުންވަނީ ކޮށްފައެވެ. މާރޗް މަހުގެ 24 އިން ސެޕްޓެމްބަރު މަހުގެ 30 އަށް ކުރިއަށް ގެންދިޔަ މި ދިރާސާގައި ގިނަމީހުން ހަމައެކަނި ކެއުމާ ގަޔާވުން ކުޑަވީ ނޫންކަމަށް ބުނެއެވެ. އެމީހުންގެ އިޖުތިމާޢީ ގުޅުންތަކަށްވެސް އަސަރު ކުރުވައި މީހުނާ ބައްދަލުވުންވެސް ކެނޑިގެންދިޔަ ކަމަށް ބުނެއެވެ. ޒާތީ ދިރިއުޅުމަށްވެސް އަސަރުކޮށް އެކަހެރި ކަމުގެ އިޙުސާތަކެއްވެސް ކުރެވޭ ކަމަށް ބުނެއެވެ. އަދި ޙަޤީޤަތާއި ދުރަށް މީހާ ގެންދާ ސަބަބަކަށް ވެއެވެ.

އެކަކު ލިޔެފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ހީވަނީ އޭނާއަކީ އަމިއްލަ ނަފްސާއި ގުޅުންކެނޑިފައިވާ އޭލިއަނެއް ކަމުގައެވެ. އަދި އެއީ ދުނިޔެއަށް އޭނާ އެކަނި ކުރުވި ކަމެއް ކަމުގައެވެ. އަދި ނޭފަތުން ވަސްކެނޑިގެން ދިއުމަކީ ހަށިގަނޑުން ބައެއް އުނިިވުންފަދަ އިޙުސާސެއް ކުރުވާ ކަމެއް ކަމުގައެވެ. ހަމައެއާއެކު ޢާންމު ދިރިއުޅުމުގެ ހުރިހާ ޖަޒުބާތުތަކެއް އެއްފަހަރާ އޭނާގެ ކުރިމަތީގައި އެނބުރޭހެން ހީވާކަމަށް ބުނެއެވެ.

އެހެންމީހަކު ލިޔެފައިވާ ގޮތުގައި އޭނާއަށް އިޙުސާސްކުރެވެނީ ވާނުވާއެއްގައި އުޅޭ މީހެއް ފަދައިންނެވެ. އޭނާގެ ވުޖޫދު ގެއްލިފައިވާ ފަދައެވެ. ގޭތެރޭގެ އިޙުސާސްގެއްލި ގޭގައި އުޅެވޭކަންވެސް އިޙުސާސް ނުކުރެވޭ ކަމުގައެވެ. ސާފު ވައި ނުލިބެއޭ ބުނުން ނުވަތަ ބޭރަށް ނިކުމެލުމުން ދުވާ ގަސްގަހާގެހީގެ ވަސްވެސް ނުދުވާ ކަމުގައެވެ. ވާރޭގެ ތެރެއަށް ނިކުތުމުގެ އިޙުސާސްވެސް ގެއްލިފައިވާ ކަމަށް ބުނެއެވެ.

ނޭފަތުން ވަސް ކެނޑިގެން ދިއުމަކީ ފިކުރުބޮޑުވުމާއި ހިތާމައާއި ހިތްދަތިކަން ގެނުވައިދޭ އެއް ނުރައްކަލެވެ. އެހެންވީމާ ދިގު މުއްދަތަށް ނުވަތަ ފުޅާދާއިރާއެއްގައި ނޭފަތުގެ ވަސް ގެއްލި ދިއުމަކީ އެތައްކަމެއް ކުރިމަތިވެ ފުން އަސަރުތަކެއް ނަފްސާނީ ގޮތުން ކުރިމަތި ކުރުވާ ކަމެއްކަމުގައި ނަފްސާނީ ބަލިތަކާބެހޭ ތަޖުރިބާކާރުން ވިދާޅުވިއެވެ.

ޑރ. މެލަސްޕީނާ އާއި ތަހުލީލުތައް ކުރައްވާ އެހެނިހެން ބޭފުޅުން ވިދާޅުވީ ވަސްދުވުމުގެ ނިޒާމު ރޫޅުމުން ގިނަފަހަރަށް ނަފްސާނީ އޮޅުން ބޮޅުންތަކެއްގެ ތެރެއިން އިޖުތިމާޢީ ދުރުމިނަކަށް މީހާ ގެންގޮސް އެންމެ ޞިއްޙަތު ރަނގަޅު ކަމަށްފެންނަ މީހާވެސް އެހެން މީހުނާ އެކަހެރި ކުރުވާ ކަމެއް ކަމުގައެވެ.

ނިއުޔޯރކުގެ ބޭސައިޑްގައި ދިރިއުޅެމުންދިޔަ މިޝެލް މިލާ ނަމަކަށްކިޔާ އަންހެނަކަށް މާރޗްމަހު ކޮރޯނާ ވައިރަސްޖެހި އޭނާއަށް ވަސްދުވުމުގެ ޙިއްސު ކެނޑިގެން ދިޔައެވެ. އަދި ވަރަށްފަހުން ކުރިމަތިވި ޙާދިސާއަކީ ކުއްލިއަކަށް އޭނާގެ ފިރިމީހާއާއި އޭނާގެ އަންހެންދަރިފުޅު ގޮވައިގެން ގެއިން ބޭރަށް ނިކުންނަން ޖެހުމެވެ. ސަބަބަކަށްވީ މުޅި ގޭތެރޭގައި ކައްކާ ގޭހުގެ ވަސް ދުވަން ފެށުމެވެ.

މިޝެލް މިލަރ: ކޮވިޑް ޖެހުނުފަހުން މާޙައުލުގައި ދުވާވަސްވެސް ގެއްލުނު

މިލާ ބުނި ގޮތުގައި އޭނާގެ ޚިޔާލަށްވެސް އެފަދަ ކަމެއް ހިނގައިފިކަން ނުގެނެވުނީއެވެ. ރަހައާއި ވަސް ކެނޑިގެން ދިއުމަކީ އޭގެ އެއް ސަބަބު ކަމަށާ އެހެން ނަމަވެސް އެއީ އުނދަގުލާއި ޙާލަތުގައި ދިރިއުޅުން ކުރިއަށް ގެންދިއުން ކަމުގައެވެ.

އިންސާނުން އަބަދުވެސް އެމީހުން ދިރިއުޅޭ ވެށި ދެނެގަންނަނީ ހަމައެކަނި ފެންނަ ފެނުމަކަށްނޫނެވެ. އެ ވެށީގެ ތެރެއިން ލިބިދާނެ ގެއްލުމެއްގެ އިތުރުން އެ ވެއްޓެއް ބަދަލުވަމުންދާގޮތް ދެނެގަންނަ އެއްކަމަކަށް އޭނާއަށް ދުވާ ވަސް އިޝާރާތް ކޮށްދެއެވެ. ނަމަވެސް އެއީ އަބަދު އޭނާ ހޭލުންތެރިކުރުވާފައި ހުންނަ ކަމެއް ނޫންކަމަށް މޮނެލް ކެމިކަލް ސެންސް ސެންޓަރުގެ ޑޮކްޓަރު ޑާލްޓަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަހަކީ ދުނިޔަވީ ސިފަތަކުގެ ޙާލަތު ސިކުނޑިއަށް ސިފަކޮށްދޭ އެއްކަންތައް ކަމުގައެވެ. މިސާލަކަށް ހެދުންތައް ދާވެ، ނުފެނި އެހެން ނަމަވެސް ދުވާވަހަކުން އެއްޗެއްގެ އުނދަގޫ، ކާބޯތަކެތި މުޅަވެ މިފަދަކަމެއް ފާހަގަ ނުވުންފަދަ ކަންކަމެވެ. އަދި މީސްމީހުން ތަކެއްޗާއިމެދު ގައިމުކަމެއް ގެނެސްދޭ ސިފައަކަށް ވަސް ހިމެނޭ ކަމުގައެވެ.

އަދި އެއަށްވުރެ ގޯސް ޙާލަތަކަށް ދާއިރު ކޮވިޑް-19 އިން ސަލާމަތްވާ ބައެއްމީހުންގެ ވަސްދުވުމުގެ ޙިއްސަށް އަސަރުކުރުމުން އޭނާއަށް ދުވާ ޚިޔާލީ ވަސްތަކުން މުޅި މީހާގެ ގައިން ހީބިހި ނަގުވައެވެ. ނުވަތަ އޭނާއަށް އެވަހެއްގެ ވިހައިން ބުރާންތިވެ ހޭހުސްވާގޮތްވާ ފަދަ ވަސްތައްވެސް އޭނާގެ މައްޗަށް އެއްވެސް ރަޙުމެއްނެތި އަނިޔާދެއެވެ. ޕްލާސްޓިކާއި ރަބަރު އަނދައިގެންދާއިރު ދުވާވަހާއި އެމޯނިއާފަދަ ފުރާނައަށް ނުރައްކާ ވަސްތަކާއި ފުޅަނަޖިހުގެ ވަސްވެސް އޭނާއަށް ނޭނގި އެތެރެހަށްޓަށް ދަމައިލެވިގެން ދެއެވެ. ޙަޤީގަތާއި އަޞްލުން އިންސާނާ އެކަހެރިކުރާ މި ޢަލާމާތަށް ކިޔަނީ ޕެރޮސްމިއާއެވެ.

އެމެރިކާގެ ކެލިފޯރނިއާގެ ސެންޓަ މަރީއާގައި ސަލާމަތާއި ރައްކާތެރިކަން ބަލައި ބަލަހައްޓާ، ޢުމުރުން 51 އަހަރުގެ އެރިކް ރޭނޯލޑްސްއަށް ވަސްދުވުމުގެ އިޙުސާސް ކެނޑުނީ 2020 ވަނަ އަހަރުގެ އެޕަރީލްމަހު އޭނާއަށް ކޮވިޑް-19 ޖެހިގެންނެވެ. އޭނާ މިހާރު ބުނި ބުނާ ގޮތުގައި އެތަނެއްގައި ނުހުންނަ ވަސްތައް ވަރަށް ނުބައި ފާ ވަހުގެ ގޮތުގައި އޭނާއަށް ދުވާހެން ހީވެއެވެ. އަދި ޑަޔަޓް ބުއިންތަކުގައި ލަނީ ކިސަޑުރަހަ ކަމަށްބުނެއެވެ. އަދި ސައިބޯންޏާއި އެއްޗެހި ދޮންނަން ބޭނުންކުރާ ތަކެތީގައި ނަރުދަމާ ފެނުގެ ވަސް ނުވަތަ އެމޯނިއާގެ ވަސް ދުވާކަމަށް ބުނެއެވެ. އެހެންވީމާ ތައްޓެއް ނުވަތަ އެއްޗެއް ދޮވެލުމަކީވެސް އޭނާއަށް ކުރެވޭ ކަމެއް ނޫނެވެ. އޭނާ ބުނާގޮތުން އެފަދަ ކަމެއް ކުރާނަމަ ހީވަނީ ކަރުތެރެ ބެދިގެން އަންނަ ހެންނެވެ. އޭނާ ބުނާގޮތުން ކޯން ފްލޭކްސްއާއި ތެލުލި ފަލަމަޑިއާއި އެފަދަ ތަކެތީގެ ވަސް އޭނާއަށް މާވަރަކަށް ދުވައެވެ. އަދި ދުންދަނޑި އަތަރުވަސްވެސް އޭނާއަށް އަބަދު ދުވާކަހަލައެވެ.

ވާރޖީނިއާ ކޮމަންވެލްތު ޔުނިވަރސިޓީގެ ވަހާއި ރަހައާބެހޭ މަރުކަޒުގެ މެޑިކަލް ޑިރެކްޓަރ ޑޮކްޓަރ އީވާން އާރު ރެއިޓަރ ވިދާޅުވީ ކާބޯތަކެއްޗާއި މީހާ ދުރުހެލިކުރުވާ އެބާވަތުގެ އަސަރުތައް ރޭނޯލްޑްސް ފަދަ ކޮވިޑް-19 އިން ބައްޔެއް ޖައްސއިފައިވާ މީހަކަށްވުން އެއީ އާދަޔާ ޚިލާފުކަމެއް ނޫންކަމުގައެވެ.

ޑރ. ރެއިޓަރއަކީ ކޮވިޑް-19 ޖެހިގެން ވަސްދުވުމުގެ ޙިއްސަށް އަސަރުކޮށްފައިވާ 2 ހާސް މީހުންގެ ކަންކަން ބައްލަވަމުން ގެންދަވާ ބޭފުޅެކެވެ.