މިސްރަށް އުފަން ލިވަރޕޫލްގެ ފުޓްބޯޅަ ތަރި މުހަންމަދު ސަލާހްގެ ދީލަތި އެހީ މިސްރުގެ އެތައްބަޔަކަށް ލިބެމުން އެބަދެއެވެ.
މުހަންމަދު ސަލާހް ނުވަތަ ފުޓްބޯޅަ ދަނޑުގެ ނަމުންނަމަ މޯ ސަލާހް މިސްރުގެ އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދަނީ، މުހަންމަދު ސަލާހް އުފައްދާފައިވާ ދަރުމައަށް އެހީވާ ޖަމްޢިއްޔާއެއް ކަމަށްވާ ނަގްރިގް ޗެރިޓީ އެސޯސިއޭޝަން މެދުވެރިކޮށެވެ. މި ޖަމްޢިއްޔާ އުފައްދާފައިވަނީ 2017 ވަނަ އަހަރުއެވެ.
ނަގްރިގަކީ މުހަންމަދު ސަލާހްގެ އުފަން އަވަށެވެ.
ނަގްރިގް ޗެރިޓީ އެސޯސިއޭޝަން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ މިސްރުގެ ބަސިޔޫން ސިޓީގައެވެ.
މުހަންމަދު ސަލާހް އެންމެފަހުން ދިން އެހީއަކީ، ބަސިޔޫން ސިޓީގައި ހުންނަ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ ބަސިޔޫން ސެންޓްރަލް ހޮސްޕިޓަލަށް އޮކްސިޖަން ޓޭންކެއް ހަދިޔާކުރުމެވެ.
މުހަންމަދު ސަލާހް ހޮސްޕިޓަލަށް އޮކްސިޖަން ޓޭންކެއް ހަދިޔާ މިކުރީ، އެ ހޮސްޕިޓަލުން އޮކްސިޖަން ހުސްވެ، ކޮވިޑް ބަލިމީހުންތަކެއް މަރުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.
މިސްރުގައި މިޒާތުގެ އިޖުތިމާއީ މައްސަލައެއް ނުކުންނަ ކޮންމެ ދަނޑިވަޅެއްގައި މުހަންމަދު ސަލާހްއާއި، އޭނާގެ ދަރުމައަށް މަސައްކަތްކުރާ ޖަމްއިއްޔާއިން އެހީތެރިކަން ފޯރުކޮށްދެއެވެ.
މުހަންމަދު ސަލާހް މީގެކުރިންވަނީ، އަލްއަޒްހަރު ޔުނިވަރސިޓީގެ ރިލިޖަސް އިންސްޓިޓިއުޓް އޭނާގެ އަމިއްލަ ޚަރަދުގައި ބިނާކޮށްދީފައެވެ.
ބަސިޔޫން ސިޓީ ހިމެނޭ ޣަރްބިޔާގައި އެމްބިއުލެންސް ޔުނިޓެއް ގާއިމްކުރުމާއި، މިސްރުގެ ނޭޝަނަލް ކެންސަރ އިންސްޓިޓިއުޓްގައި 2019 ވަނަ އަހަރު ކާރުބޮމެއް ގޮއްވާލި ހާދިސާއަށްފަހު އެތަން އަލުން ހަދަން މުހަންމަދު ސަލާހްވަނީ 50 މިލިއަން މިސްރު ޕައުންޑްވެސް ހަދިޔާކޮށްފައެވެ.
މީގެއިތުރުން، މުހަންމަދު ސަލާހްގެ ނަގްރިގް ޗެރިޓީ އެސޯސިއޭޝަނުން ގެންދަނީ، މިސްރުގެ ޔަތީމު ކުދިންނާއި، ހުވަފަތްވެފައިތިބޭ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އަދި ބަލި މީހުންނަށްވެސް ކޮންމެ މަހަކު ފައިސާގެ އެހީ ވަމުންނެވެ. އެގޮތުން، ގާތްގަނޑަކަށް 400 އާއި 500 އާ ދެމެދުގެ މީހުންނަށް މުހަންމަދު ސަލާހް ކޮންމެ މަހަކު ފައިސާގެ އެހީ ދެމުންނެވެ.
ކޮވިޑްބަލީގެ މީހުންނަށް ފަރުވާދިނުމަށް މުހަންމަދު ސަލާހްއާއި، އޭނާގެ އާއިލާއިންވަނީ ނަގްރިގް އަވަށަށް އޮކްސިޖަން ސިލިންޑަރުވެސް ހަދިޔާކޮށްފައެވެ.
ކޮވިޑް ބަލިމަޑު ހާލަތުގެ ސަބަބުން އެ އަވަށުގެ ރައްޔިތުންނަށް ކުރިމަތިވި ދަތި ހާލަތުން އަރައިގަތުމަށް މުހަންމަދު ސަލާހްވަނީ، އެ އަވަށުގެ ރައްޔިތުންނަށް އެތައްހާސް ޓަނެއްގެ ކާބޯތަކެތިވެސް މިދިޔަ އަހަރުގެ ތެރޭގައި ހަދިޔާކޮށްފައެވެ.
މިނޫންވެސް އެތައް އެހީއެއް، ސަލާހްއާއި އޭނާގެ އާއިލާއިން ގެންދަނީ މިސްރުގެ ރައްޔިތުންނަށް ދެމުންނެވެ.