އައްޑޫ ފްލައިން ސްކޫލްގެ މައްސަލައިގައި 2 ވުޒާރާއެއްގެ އިސްބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިއަދު ހާޒިރުކުރަން ނިންމައިފިއެވެ.

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިއަދު 2 ވުޒާރާއެއްގެ އިސްބޭފުޅުން ހާޒިރުމިކުރަނީ ފްލައިން ސްކޫލު ގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ މެމްބަރުން ފްލައިން ސްކޫލާ ގުޅުންހުރި ކަނބޮޑުވުންތަށް ބައްލަވާފައިވާ ވަގުތެއްގައެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މިއަދު ހެނދުނު 11:30 ގައި އޮންނަ ކޮމިޓީ ބައްދަލުވުމަށް ހާޒިރުކުރަން ނިންމާފައިވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ބޭފުޅުންގެ އިތުރަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ބޭފުޅުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ބެއްލެވުމަށްޓަަކައި އައްޑޫއަށް ކުރެއްވި ދަތުރުގައި ވަނީ ސުކޫލްގެ ދަރިވަރުންނަށް ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ކަމާއިގުޅޭ ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގައި އައްޑޫ ފްލައިން ސްކޫލް ހިންގުމުގެ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި އަލުން ބީލަމަށް ހުޅުވާލަންވެސް ވަނީ ނިންމަވާފައެވެ.