ގާނޫނުއަސާސީގައި ބުނާ ގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަންވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރު މާޗު މަހު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެކަމުގައި ޖުމްހޫރީ ޕާޓީން ދެކޭ ގޮތާއި ގުޅޭގޮތުން ވީިނިއުސްއާއި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް ވިދާޅުވީ ގާނޫނުގަ ބުނާ ގޮތަށް ލޯކަލް ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށާއި މި އިންތިޚާބަކީވެސް ރައްޔިތުންގެ ހައްގުތަކެއް ހިމާޔަތް ކުރުމަށްޓަކައި ބާއްވާ އިންތިޚާބަކަށްވުމުން ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެހެންކަމުން ޑިމޮކްރެޓިކް ވެއްޓެއްގައި އެ ކައުންސިލެއްގެ ކައުންސިލަރުން އިންތިޚާބު ކުރުމުގެ ހައްގު ރައްޔިތުންނަށް ލިބެންޖެހޭކަން ފާހަގަކުރައްވާ އަލީ އާރިފް ވިދާޅުވީ ކައުންސިލަރުކަން ބޭނުންވާ ނުވަތަ އެ މަގާމަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށްވެސް ހައްގުތަކެއް ލިބިގެންވާ ކަމަށެވެ.

އެހެންކަމުން މި ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި ގާނޫނު އަސާސީގަ އެ ބުނާ ހަމަތަކުގެ މަތިން އިންތިޚާބު ބޭއްވެންވާނެ. ދެން އެކަމަކު މިއަދު އިންތިޚާބު ލަސްކުރުމުގެ ގާނޫނުގަ ލިޔެފަ އޮތް ގޮތުން ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކޮށްފައި އޮންނަ އިރަކު އެ ގާނޫނު ބުނާ ގޮތުން އިންތިޚާބެއް ނުއެއް ބޭއްވޭ."
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް

ޖުމްހޫރީ ޕާޓީގެ ވިސްނުމަކީ އިންތިޚާބު ބޭއްވުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ގާނޫނީ އިމުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭ ކަމަށެވެ. އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއާއެކު ގާނޫނަށް ބަދަލެއް ގެންނަން ޖެހުނު ނަމަވެސް އެކަން ކޮމިޝަނުން ކުރަންޖެހޭ ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ.

އިންތިޚާބު ލަސްކުރުމަށް ފާސްކުރި ގާނޫނުން އިންތިޚާބު ބޭއްވުމަށް ޖާގަ ނުދޭ ކަމަށްވާނަމަ އެ ގާނޫނަށް ބަދަލުގެނެސްގެން ނަމަވެސް ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭ ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެނިހެން ގައުމުތަކުގައިވެސް ރައްކާތެރިކަމާއެކު އިންތިޚާބުތައް ބާއްވަމުން އަންނަކަން ފާހަގަ ކުރައްވާ އަލީ އާރިފް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އިިންތިޚާބު ބޭއްވޭނެ އެންމެ އަވަސް މުއްދަތެއްގައި އެކަން ކުރެވިގެންދިޔުމަކީ އެ ޕާޓީން ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަަމަށެވެ.