ށ. ފޭދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ނެރުމަތި ތިލަވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ފޭދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާމިރު ވިދާޅުވެއްޖެއެވެ.

ފޭދޫ ބަނދަރުގެ މަސައްކަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވުމާއި ގުޅިގެން ވީނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ށ. ފޭދޫ ކައންސިލްގެ ރައީސް މުހައްމަދު ޝާމިރު ވިދާޅުވީ އާބާދީން 1،307 މީހުން ދިރިއުޅޭ އެރަށުގައި މިހާރު އޮތީ 300 ފޫޓާ 200 ފޫޓުގެ ބޮޑުމިނުގެ ބަނދަރެއް ކަމަށެވެ.

އެހެންކަމުން ފަޅުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވާކަން ފާހަގަކުރައްވައި ޝާމިރު ވިދާޅުވީ އެރަށުން މާލެ ދަތުރުކުރާ ބޯޓު ފަޅުގައި އަޅާފައި އޮންނަ ވަގުތުތަކުގައި ފަޅަށް އިތުރު އެހެން އުޅަނދެއް ވަންނާނެ ޖާގަ ނޯންނަ ކަމަށެވެ. އަދި ނެރުމަތި ތިލަވުމާއި، ނެރުމަތިން ފެން އެރުމުގެ މައްސަލައަކީވެސް ހައްލު ބޭނުންވެފައިވާ މައްސަލަތަކެއްް ކަމަށް ކައުންސިލްގެ ރައީސް ޝާމިރު ވިދާޅުވިއެވެ.

ޝާމިރު ވިދާޅުވީ ފޭދޫ ބަނދަރު ތަރައްގީކުރުމުގެ ކުރެހުމަށް ބަލާލުމުން މި ހުރިހާ މައްސަލައަކަށްވެސް ހައްލު ލިބިގެންދާނެކަން ފާހަގަކުރެވުނު ކަމަށެވެ. އެގޮތުން ބަނދަރުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި، ނެރުމަތި ތިލަވުމުގެ މައްސަލައާއި، ނެރުމަތިން ރާޅު އެރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޝާމިރު ވަނީ ވިދާޅުވެފައެވެ.

(އެމްޓީސީސީ) އިން ށ. ފޭދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެއްޓުމަށް މިހާރު ވަނީ މި މަސައްކަތަށް ބޭނުންވާ މަސައްކަތްތެރިވްނާއި، މެޝިނަރީ އެރަށަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ ދަށުން 27،500 ކިއުބިކް މީޓަރުގެ ސަރަހަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނޭ.

މިއީ 33.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.