ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ.) އަށް އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާ ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސިއާ އެސްޕިނޯސާ ތަޢުރީފު ކުރައްވައިފިއެވެ.

މިކަން އެކަމަނާ ފާހަގަ ކުރައްވާފައިވަނީ، ރާއްޖޭގެ އެން.ޑީ.ސީ ހުށަހެޅުމާއި ގުޅިގެން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުނީ ކޮވިޑް 19 ގެ ގޮންޖެހުންތަކާއެކުވެސް ކަނޑައެޅިފައިވާ މުއްދަތަށް ރާއްޖޭގެ އެންޑީސީ އަޕްޑޭޓްކޮށް ހުށަހެޅުމަކީ ފަހާގަކޮށްލެވޭ ކަމެއްކަމަށް ޕެޓްރީސިއާގެ ސިޓީފުޅުގައި ހާމަ ކުރައްވާފައިވާ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖެއިން، ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމަށް ކުރިޔަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހުށަހަޅާފައިވުމާއި އަދި ވަސީލަތްތައް ތަނަވަސް ވެއްޖެނަމަ 2030 ވަނަ އަހަރުގެ ނިޔަލަށް " ނެޓް ޒީރޯ " ޙާސިލްކުރުމުގެ ޢަޒުމުގައި ތިބުމަކީ ވަކިން ޚާއްސަކޮށް ފާހަގަކޮށްލެވޭ ކަންތައްތަކެއް ކަމަށް އެކަމަނާ ހާމަކުރައްވާފައިވާ ކަަމަށެވެ.

މީގެ އިތުރުން، ޕެޓްރީސިއާގެ ސިޓީފުޅުގައި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ހުށަހެޅުމާއި، މީގެ ތެރޭގައި ކާރިސީ ހިރާސް އިތުރުކުރުމާއި، މިދާއިރާއިންވެސް މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވުމަކީ، ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަމަށް އެންމެ ބޮޑަށް ހުރަހެޅިފައިވާ ޤައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ރާއްޖެއިން އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގިނަ މުނާސަބަތުތަކުގައި ފާހަގަ ކުރައްވާފައެވެ. ވަކިން ޚާއްސަކޮށް 2030 ގެ ނިޔަލަށް " ނެޓް ޒީރޯ " އެމިޝަން ޙާސިލުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އަދި މިކަމާއި ގުޅިގެން ގިނަ މަސައްކަތްތަކެއް މިނިސްޓްރީގެ ފަރާތުން ކަމާގުޅުންހުރި ދާއިރާތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފައެވެ.