ކުޅަދާނަ ބަތަލާ އަދި ޕްރޮޑިއުސަރ އަނުޝްކާ ޝަރްމާ އާއި އިންޑިއާގެ ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާތު ކޮލީއަށް ލިބެންއުޅޭ ދަރިފުޅު ބޮޑުކުރަން ބޭނުންވަނީ، ވީހާވެސް ބޮޑަށް އާއްމުންގެ ސަމާލުކަން ނުލިބޭނެފަދަ ގޮތަކަށްކަމަށް އަނުޝްކާ ބުނެފިއެވެ.
ދާދިފަހުން އިންޑިއާގެ ވޯގްއަށް ދިން އިންޓަވިއުއެއްގައި އަނުޝްކާ ބުނެފައިވަނީ، އެދެމަފިރިންވެސް ގަސްތުކޮށްފައިވަނީ ލިބެންއުޅޭ ދަރިފުޅު ސޯޝަލް މީޑިއާއާއި ދުރުގައި ގެންގުޅެން ކަމަށެވެ.
އެހެންގޮތަކަށް ބުނާނެނަމަ އާއްމުންގެ މެދުގައި މާބޮޑު ސަމާލުކަމެއް ލިބި ދަރިފުޅަށް މާބޮޑު އެޓެންޝަނެއް އާއްމުންގެ ފަރާތުން ލިބެން އަނުޝްކާ އަދި ވިރާތުވެސް ބޭނުމެއްނުވެއެވެ.
އަނުޝްކާ ބުނެފައިވަނީ ކޮންމެ ކުއްޖަކުވެސް ބޮޑުވަމުން އަންނައިރު ސޯޝަލް މީޑިއާގައި އެކުއްޖަކު އުޅޭނެތޯ ނުވަތަ ނޫންތޯ ކަނޑައަޅަނީ އެކުއްޖަކު ކަމަށާއި، އެއްވެސް ކުއްޖަކީ އަނެއް ކުއްޖާއަށްވުރެ ޚާއްސަ ކުއްޖެއްކަމަށް އާއްމުން ނިންމައިގެން ނުވާނެ ކަމަށެވެ.
އަންނަމަހު ވިހެއުމަށް ހަމަޖެހިފައިވާ ބަތަލާ އަނުޝްކާ ބުނީ މާބަނޑުވުމަށްފަހު ފާއިތުވެދިޔަ މަސްތަކަކީ މިހާތަނަށް އޭނާއަށް ވަރަށް އުފާވެރި ތަޖުރިބާތަކެއް ކުރެވުނު ދުވަސްތަކެކެވެ.
މަންމައަކަށް ވުމަކީ މިދުނިޔެމަތިން އެމީހަކަށް ލިބިގެންދާނެ އެންމެ ބޮޑު އުފާ ކަމަށާއި އެ އިހުސާސްކުރުމުގެ ނަސީބު ލިބުމުން އޭނާ އެކަމަށް ޝުކުރުވެރިވާކަމަށް ބަތަލާ/ޕްރޮޑިއުސަރ ބުނެފައިވެއެވެ.
އަނުޝްކާއާއި ފިރިމީހާ ވިރާތުއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު ދެފަންނާނުންނެވެ.
ހަމައެއާއެކު އިންޑިއާގެ ބައިނަލްއަޤްވާމީ ކްރިކެޓް މުބާރަތްތަކުން ލިބޭ ނާކާމިޔާބީއާއި ގުޅުވައިގެން އާއްމުންގެ ގިނަ ފާޑުކިއުންތައްވެސް މިދެ ފަންނާނުންނަށް، ހާއްސަކޮށް ބަތަލާ އަނުޝްކާއަށްވަނީ އަމާޒުވެފައެވެ.
ދަރިފުޅު ލިބުމަށްފަހު އެންމެ ބޮޑު އިސްކަމެއް ދެމީހުން ދޭނީ ދަރިފުޅާއެކު ވަގުތު ހޭދަކުރުން ކަމަށް ވީނަމަވެސް ވަރަށް އަވަހަށް ފިލްމީ މަސައްކަތަށް އެނބުރި އަންނާނެކަމަށް ދާދިފަހުން އަނުޝްކާވަނީ ބުނެފައެވެ.
އަނުޝްކާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ އެކްޓަރު ޝާހުރުކް ޚާންއާއެކީ ކުޅުނު ފިލްމު "ޒީރޯ" އިންނެވެ. އަދި ފިލްމު "އަންގްރޭޒީ މީޑިއަމް" ގެ ލަވަޔަކުން ޚާއްސަ ފެނިލުމަކުން އޭނާވަނީ ފެނިގެންގޮސްފައެވެ.
އަނުޝްކާ މިއަހަރު އުފައްދާފައިވާ ވެބް ސީރީސްކަމަށްވާ "ޕާތަލް ލޮކް" އަށްވަނީ މިއަހަރު ބޭއްވި ފިލްމުފެއަރ އެވޯޑްގެ އެންމެ މޮޅު ވެބް ސީރީޒް ޕްރޮޑިއުސަރުގެ އެވޯޑް ހާސިލުކޮށްފައެވެ.
މީގެ އިތުރުން ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ބުލްބުލް" އަށްގިނަ ބައެއްގެ ތައުރީފް ލިބިގެންދިޔައެވެ.