އަންނަ ފެބްރުއަރީމަހުގެ މެދަކާ ހަމައަށް އިންގްލެންޑް ލޮކްޑައުން ކޮށްފިއެވެ.

މިކަން އިޢްލާން ކުރެއްވީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއެވެ.

އިނގިރޭސިވިލާތުގެ އިންގްލެންޑް އަލުން ލޮކްޑައުންކުރީ، އެގައުމުން އަލަށް ފެނިގެންއުޅޭ ކޮވިޑް-19 ވައިރަހުގެ އައު ވޭރިއެންޓް ވަރަށް ހަލުވިކަމާއެކު ފެތުރެމުންދިއުމާއި، ބަލިޖެހޭ މީހުން ގިނަވެ، ހޮސްޕިޓަލްތަކަށްވެސް ބާރުބޮޑުވާން ފެށުމާ ގުޅިގެންނެވެ. ބަލީގެ ހާލަތު އެންމެ ގޯސްވެފައިވާ ރަށްތަކުގެ ތެރޭގައި ވެރިރަށް ލަންޑަންވެސް ހިމެނެއެވެ.

ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބޮޑުވަޒީރު ބޮރިސް ޖޯންސަން ރޭގައިވަނީ، މާޗްމަހުގެ ފުރަތަމަ ލޮކްޑައުންއެކޭ އެއްގޮތަށް، މިފަހަރުވެސް ރައްޔިތުން ގޭގައި ތިބުމަށް އެދިވަޑައިގެންފައެވެ.

ބޮޑުވަޒީރު ވިދާޅުވީ، ކޮވިޑްބަލި އެންމެ ފުރަތަމަ ފެނުނު ދުވަސްވަރެކޭ އެއްގޮތަށް، މިހާރު ހޮސްޕިޓަލްތަކަށް ބާރުބޮޑުވަމުންދާ ކަމަށެވެ.

ބަލި ފެތުރުން ހުއްޓުވަން އިނގިރޭސި ސަރުކާރުން ގައުމު އަލުން ލޮކްޑައުން ކުރިއިރު، ޕްރައިމެރީ އަދި ސެކަންޑަރީ ސްކޫލްތަކާއި، ކޮލެޖްތަކަށް ދަރިވަރުން ގޮސްގެން ކިޔަވައި ނުދޭގޮތަށް، ސްކޫލްތައް ބަންދުކުރަން ވަނީ ނިންމާފައެވެ. އަދި ފެބްރުއަރީ މެދުތެރެއާ ހަމައަށް ޔުނިވަރސިޓީތައްވެސް ބަންދުކުރަން ވަނީ ނިންމާފައެވެ.

އަސާސީ ޚިދުމަތްދޭ ފިހާރަތައް ނޫން ހުރިހާ ވިޔަފާރިއެއް ބަންދުކުރުމަށާއި، ބޯކޮށުންފަދަ ޚިދުމަތްދޭ ތަންތަންވެސް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ރެސްޓޯރަންޓްތަކަށް ހުއްދަދޭން ނިންމާފައިވަނީ ޓޭކްއަވޭގެ ޚިދުމަތް ދިނުމަށް އެކަންޏެވެ.

އިއްޔެގެ ނިޔަލަށް އިންގްލެންޑްގެ ހޮސްޕިޓަލްތަކުގައި 26،626 ކޮވިޑް ބަލިމީހުން އެޑްމިޓްކޮށްފައި ވެއެވެ. މިއީ، މީގެ ހަފްތާއެއް ކުރިއާ އަޅާބަލާއިރު %30 އިތުރު އަދަދެކެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 29 ގެ ފަހުން އިނގްލެންޑުން ކޮންމެ ދުވަހަކު ދަނީ 50،000 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވަމުންނެވެ. ހޯމަދުވަހު އެކަނިވެސް 407 މީހުން މަރުވެ، ކޮވިޑް ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު 75،431 އަށް އަރާފައި ވެއެވެ.

އިނގިރޭސިވިލާތުގެ އިންގްލެންޑް ލޮކްޑައުންކުރިއިރު، ޖެނުއަރީގެ ނިޔަލަށް ސްކޮޓްލެންޑް ލޮކްޑައުން ކުރިކަން ސްކޮޓްލެންޑްގެ ލީޑަރ ނިކޮލާ ސްޓަޖަންވަނީ އިޢްލާން ކުރައްވާފައެވެ. މިކަމުގެ ސަބަބުން، އަސާސީ ބޭނުމަށް ބޭރަށް ނުކުތުން ފިޔަވައި، މިއަދުން ފެށިގެން ރައްޔިތުން ގޭގައި ތިބުމަށް ވަނީ އަންގާފައެވެ.

އިންގްލެންޑާއި ސްކޮޓްލެންޑް ލޮކްޑައުންއަށް ދިޔައިރު، އިނގިރޭސިވިލާތުގައި ހިމެނޭ އަނެއް ދެ ގައުމު ކަމަށްވާ ނޮތަރން އަޔަރލޭންޑާއި ވޭލްސް މިހާރުވެސް އޮތީ ލޮކްޑައުންގައެވެ.

ލޮކްޑައުން ކުރިއިރު، އިނގިރޭސިވިލާތުން ވަނީ އެގައުމުގެ ރައްޔިތުންނަށް ކޮވިޑްގެ 2 ވެކްސިނެއްވެސް ދޭން ފަށާފައެވެ. އެއީ، ފައިޒަރ އަދި އެސްޓްރަޒެނެކާގެ ވެކްސިނެވެ. އިނގިރޭވިލާތް ވެފައިވަނީ ކޮވިޑްގެ ދެ ވެކްސިނެއް ބޭނުންކުރަމުންދާ ހަމައެކަނި ގައުމަށްވެސް މެއެވެ.