މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ، އަންނަ ފެބުރުވަރީ މަހުގެ 4 ދުވަސްކަމަށް ހަމަޖައްސައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

މިދިޔަ އަހަރުގެ ތިންވަނަ ދައުރުގެ ފަހު ޖަލްސާ ނިންމައި، ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވިއިރު، ނިމިދިއަ ދައުރު ވެގެން ގޮސްފައި ވަނީ، މަޖިލީހުގެ މަސައްކަތްތައް ހަލުވި ދައުރަކަށެވެ.

އެގޮތުން އަލަށް ފާސްކުރި ގާނޫނުތަކާއި ގާނޫނަށް ގެންނަން ފާސްކުރި އިސްލާހުތަކާއެކު 37 ބިލެއް މަޖިލީހުން ފާސްކުރިއިރު، މީގެތެރެއިން 25 ބިލެއް ރައީސް ތަސްދީގު ކުރައްވާފައިވެއެވެ.

މަޖިލިސް މިހާރު ޗުއްޓީއަށް ގޮސްފައިވާއިރު، މަޖިލީހުގެ ބައެއް ކޮމިޓީތަކުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށް ގެންދެއެވެ. އެގޮތުން މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް މިއަދުވެސް މިނިސްޓަރުން ހާޒިރުކޮށް ސުވާލުކޮށްފައި ވެއެެވެ.