އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަދި އެމެރިކާ ސަރުކާރުގެ އިތުރު 47 އޮފިޝަލަކު ހައްޔަރުކުރަން ރަތްނޯޓިސް ނެރެދިނުމަށް އީރާނުން އިންޓަރޕޯލްގައި އެދިއްޖެއެވެ.

ތެހެރާނުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އީރާނުގެ ޖުޑިޝަރީގެ ތަރުޖަމާނު ޣުލާމްހުސައިން އިސްމާއިލީ ވިދާޅުވީ، އެމެރިކާގެ ރައީސް ޓްރަމްޕާއި، އެމެރިކާގެ އިތުރު 47 އޮފިޝަލުން ހައްޔަރުކުރަން ރަތް ނޯޓިސް ނެރެދިނުމަށް އީރާނުން އިންޓަރނޭޝަނަލް ޕޮލިސް އޮގަނައިޒޭޝަންގައި މިހާރު އެދިފައިވާނޭ ކަމަށެވެ.

މި އެންމެންނަކީވެސް، އީރާނު ސިފައިންގެ އިސް ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމުގައި އެކި ގޮތްގޮތުން ބައިވެރިވެ، އެކަމުގައި އިސް ރޯލެއް ކުޅެފައިވާ ފަރާތްތައް ކަމަށްވެސް އީރާނު ޖުޑިޝަރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޖެނެރަލް ސުލައިމާނީ މިދިޔަ އަހަރުގެ ޖެނުއަރީމަހުގެ 3 ވަނަ ދުވަހު އަވަހާރަ ކޮށްލާފައިވަނީ، ބަޣުދާދުގައި އުޅުއްވަނިކޮށް އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާއެއްގައެވެ. އެ ހަމަލާ ދީފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުފުޅަށެވެ.

"އެ ޖަރީމާ ހިންގި މީހުން ހިފައި ހައްޔަރުކޮށް އެމީހުންނަށް އަދަބުދިނުމަކީ އީރާނު ސަރުކާރުން ވަރަށް ސީރިއަސްކަމެއް ދީގެން ކުރަމުންދާ ކަމެއް"
ޣުލާމްހުސައިން އިސްމާއިލީ

ސުލައިމާނީ އަވަހާރަކޮށްލި ހަމަލާއާ ގުޅިގެން ޓްރަމްޕާއި، އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއާއި، އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ އިސްވެރިންތަކެއް ހައްޔަރުކުރަން ރަތްނޯޓިސް ނެރެން އީރާނުން މީގެކުރިންވެސް އިންޓަރޕޯލްގައި އެދިފައި ވެއެވެ.

ނަމަވެސް، އިންޓަރޕޯލްއިން އެފަހަރުވަނީ އީރާނުގެ ހުށަހެޅުން ބަލައިނުގެންފައެވެ. ބުނެފައިވަނީ، އެކަމަކީ، އިންޓަރޕޯލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ.

ޓްރަމްޕް ހައްޔަރުކުރަން ރަތްނޯޓިސް ނެރެދިނުމަށް އީރާނުން ދެވަނަފަހަރަށް މި އެދުނީ، މިމަހުގެ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމުން ޓްރަމްޕް ވަކިވެވަޑައިގަންނަވާ ވަގުތު ގާތްވެފައި ވަނިކޮށެވެ.

އީރާނުން އުންމީދުކުރަމުން ގެންދަނީ، އެމެރިކާގެ ރައީސްކަމުން ފައިބާވަޑައިގަތުމުން، ޖެނެރަލް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާގެ ބަދަލު ޓްރަމްޕްގެ ކިބައިން ހިފޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އީރާނުގެ ޖުޑިޝަރީގެ ވެރިރާ އިބްރާހިމް ރައީސީ ވިދާޅުވީ، އީރާނުން ކުރާ ޝަރީއަތުގެ މައި އަމާޒަކީ ޓްރަމްޕް ކަމަށެވެ. އެމެރިކާގެ ރައީސްކަމުގައި ހުރުމަކުން ޓްރަމްޕަށް ހިމާޔަތް ލިބިގެން ނުވާކަމަށްވެސް އިބްރާހިމް ރައީސީ ވިދާޅުވިއެވެ.

އީރާނުގެ ނުފޫޒުގަދަ ދުސްތޫރީ މުއައްސަސާ، ގާޑިއަން ކައުންސިލުން މިދިޔަ ހަފްތާގައި ބުނެފައިވަނީ، ޓްރަމްޕް ވައިޓްހައުސް ދޫކޮށްލުމާއެކު ޝަރީއަތަށް ހާޟިރުކުރުމަށްޓަކައި ގާނޫނީގޮތުން ކުރެވެންއޮތް ހުރިހާކަމެއް އިރާނުން ކުރާނެ ކަމަށެވެ.

ގާނޫނީ ބައެއް ފަރާތްތަކުން ބުނަނީ، އެމެރިކާގެ ރައީސްކަމުގައި ޓްރަމްޕް ހުންނެވުމުން އަދި ގައުމުގެ އެންމެ އިސްވެރިޔާކަމުން ގާނޫނީގޮތުން ހިމާޔަތް ލިބިދޭތީ ކަމެއް ނުކުރެވުނަސް، ވެރިކަމުން ފައިބާވަޑައިގަތުމުން ޓްރަމްޕާ ދެކޮޅަށް ޝަރީއަތް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.