ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ޓެރަރިސްޓް ޖަމާޢަތްތަކާއި، ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް އުނިއިތުރު ނުގެނެސް ސަރުކާރުން އަލުން އާންމުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު ގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާޢަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި، 31 އޮކްޓޫބަރު 2019 ގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅައިފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުރާޖަޢާކޮށްފައިވާކަމަށެވެ.

ނަމަވެސް އެ ލިސްޓުތަކަށް އުނިއިތުރެއް ގެނައުމަށް މިވަގުތަށް ނުފެންނަ ކަމަށް، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާތީ، 31 އޮކްޓޫބަރު 2019 ގެ ތާރީޚުގައި ކަނޑައަޅައިފައިވާ ގޮތަށް ދެމެހެއްޓުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަޙައްދުތަކުގެ ލިސްޓު އާންމުކޮށް އަންގައި އިއުލާނުކުރާ ކަމަށް ސަރުކާރުން ބުނެއެވެ.

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)، އަލް ޤައިދާ، ޖަބްޙަތުއް ނުސްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)، ލަޝްކަރޭ ޠައިބާ، އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ، އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް، އަބޫ ސައްޔާފް ގްރޫޕް، ބޮކޮ ހަރަމް/ ބޯކޯ ހަރަމް، އަލް ޝަބާބް، އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް، ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)ޙަރަކާތުލް ޖިހާދު އަލް އިސްލާމީ، ޖައިޝޭ މުޙައްމަދު، އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)، ނޭޝަނަލް ތައުޙީދް ޖަމާޢަތް، ޖަމާޢަތު މިއްލަތޭ އިބްރާހީމް، ވިލާޔަތް އަލް ސޭލާނީ، ހައިއަތު ތަހްރީރު އަލް ޝާމް، ހުއްރާސް އައް ދީންއެވެ.

ހަނގުރާމަވެރި ސަރަޙައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ ސީރިޔާގެ ހުރިހާ ސަރަހައްދެކެވެ.