ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދުބާއީއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފިއެވެ.
ދުބާއީއަށް ރައީސް ކުރެއްވި ނުރަސްމީ ދަތުރުފުޅާ ގުޅޭގޮތުން ވީނިއުސްއާއި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ދުބާއީގެ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
ކޮވިޑާއެކު ބޯޑަރު ބަންދު ކުރި ފަހުން ރައީސް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ދުބާއީއަށް ވަޑައިގެން އަބޫދާބީގެ ވަލީއަހުދު އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ވަނީ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު މުހިންމު ކަންކަމުގެ ތެރޭގައި މަސްވެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔޫއޭއީގެ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އެގޮތުން، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) މެދުވެރިކޮށް ޔޫއޭއީގެ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި، ހިނގަމުންދާ މަޝްރޫއުތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.