އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ އެންމެ ފަހުން ރިލީޒުކުރި ހޮލީވުޑްގެ ސުޕަރ ހީރޯ ފިލްމު "ވީ ކޭން ބީ ހީރޯސް" އަށް ލިބުނު ކާމިޔާބީއާ ގުޅިގެން އެފިލްމުގެ ސީކުއެލްއެއް ތައްޔާރުކުރުމަށް ނެޓްފްލިކްސްއިން ނިންމައިފިއެވެ.

ބަތަލާ ޕްރިޔަންކާވަނީ މިފިލްމުގެ ސީކުއެލްއަށް ނެޓްފްލިކްސްއިން ތައްޔާރުވަމުންދާ ކަމަށް އިންސްޓަރގްރާމް މެދުވެރިކޮށް ފޭނުންނާ ހިއްސާ ކޮށްފައެވެ.

"ވީ ކޭން ބީ ހީރޯސް" އަކީ ކާމިޔާބު ފިލްމުތައް ޑައިރެކްޓްކޮށްފައިވާ ރޮބަޓް ރޮޑްރިގޭޒް ހަދާފައިވާ ފިލްމެކެވެ.

ނިމިގެންދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު މިފިލްމު ނެޓްފްލިކްސްއިން ރިލީޒްކޮށްފައިވާއިރު، 88 ގައުމަކުން 44 މިލިއަން އާއިލާއިން މިފިލްމު ބަލާފައިވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ ބުނެފައެވެ.

އަދި މިވަގުތު ފިލްމު ވެގެންގޮސްފައިވަނީ ކުޑަކުދިންގެ މެދުގައި އެންމެ މަޤްބޫލު ފިލްމަށެވެ.

ޕްރިޔަންކާއާއެކު މިފިލްމުގައި ބޮޑު ކާސްޓެއް ފެނިގެން ގޮސްފައިވާއިރު އޭގެތެރޭގައި ގިނައީ ހުނަރުވެރި ކުޑަކުދިންތަކެކެވެ.

ޕްރިޔަންކާގެ މިފިލްމަށް ލިބެމުން އަންނަ ކާމިޔާބީ ފާހަގަކޮށް ފިރިމީހާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްވެސް ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ.

ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހު 22 ވަނަ ދުވަހު ނެޓްފްލިކްސްއިން ރިލީޒްކުރާ ފިލްމު "ދަ ވައިޓް ޓައިގަރ" އިންނެވެ.

ޕްރިޔަންކާގެ އިތުރުން މިފިލްމުން ފެނިގެންދާނީ އެކްޓަރު ރާޖް ކުމާރް ރާއޯ، އާދާޗް ގޯރަވް އަދި އެކްޓްރެސް ސްވަރޫޕް ސާމްޕަތްއެވެ.