މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ ޝޯވްއެއް ނެޓްފްލިކްސްއާ ގުޅިގެން ގެނެސްދިނުމަށް ތައްޔާރު ވަމުންދާކަމަށް އޭނާ ބުނެފިއެވެ.

ނެޓްފިލްކްސްއިން ގެނެސްދޭނީ ކޮން ޝޯވްއެއްކަމާއި އޭގެ މާބޮޑު ތަފްސީލެއް ކަޕިލް ހާމައެއް ނުކުރެއެވެ.

ސޮނީ އެންޓަޓެއިންމެންޓްއިން ގެނެސްދޭ ހެއްވާ މަޖާ ޝޯވް "ދަ ކަޕިލް ޝަރުމާ" ގެ ހޯސްޓްއަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު އަދި ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ.

ކަޕިލްވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ނެޓްފްލިކްސްއާ ގުޅުނުކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.

ނެޓްފްލިކްސް މެދުވެރިކޮށް އާއްމުންނަށް ޝޯވްއެއް ގެނެސްދިނުމަކީ އަބަދުވެސް އޭނާ ކުރަން ވަރަށް ބޭނުންވި ކަމެއްކަމުގައި ކަޕިލްގެ ވީޑިއޯ މެސެޖުގައި އޭނާ ބުނެފައިވެއެވެ.

މިޝޯވް ވެގެންދާނީ ނެޓްފްލިކްސް މެދުވެރިކޮށް ކަޕިލް ގެނެސްދޭނެ ފުރަތަމަ ޝޯވް ނުވަތަ އޭނާގެ ފުރަތަމަ ޕްރޮޖެކްޓަށެވެ.

އެހެންކަމުން މިޕްރޮޖެކްޓް ވެގެންދާނީ އޭނާއަށް ވަރަށް ޚާއްސަ ޕްރޮޖެކްޓެއްކަމަށް ކަޕިލް ބުނެފައިވެއެވެ. އަދި ވަރަށް އަވަހަށް މީގެ އިތުރު ތަފްސީލީ މައުލޫމާތު އޭނާގެ ފޭނުންނާއި ހިއްސާކުރާނެ ކަމަށްވެސް ކަޕިލްވަނީ ބުނެފައެވެ.

ދާދިފަހުން އެކްޓަރު އަނިލް ކަޕޫރު ބައިވެރިވި ކަޕިލްގެ ޝޯވްގައި ކަޕިލްއަށް އަނިލްއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނުކަމަށް ކަޕިލްވަނީ ބުނެފައެވެ.

އެހެންނަމަވެސް އޭރު އެފުރުސަތު ދޫކޮށްލަން ޖެހުނީ ސޮނީން ގެނެސްދެމުން އަންނަ ކޮމެޑީ ޝޯވް "ދަ ކަޕިލް ޝަރުމާ" ގެ ޝޯވް ކަޕިލްއަށް ލިބި އެޝޯވްއަށް މާބޮޑަށް ވަގުތު ދޭންޖެހުމުންކަމަށް ކަޕިލްވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ކަޕިލްއަކީ ބޮލީވުޑްއިން އިންތިޒާމްކުރާ ގިނަ ހަފްލާތަކާއި އެވޯޑް ޝޯވްތައްވެސް ހުށަހަޅައިދޭ ޝޯވް ހޯސްޓެކެވެ.

ކަޕިލްވަނީ މިހާތަނަށް ބޮލީވުޑުގް ދެ ފިލްމުން ފެނިފައެވެ. އެއީ 2015 ގައި ރިލީޒްކުރި ފިލްމު "ކިސް ކިސްކޯ ޕިޔާރު ކަރޫ" އަދި 2017 ވަނަ އަހަރު ނެރުނު ކަޕިލްގެ އަމިއްލަ ފިލްމު "ފިރަންގީ" އެވެ.