ޝަރީއަތް ނިމެންދެން "ވާނުވާ" ނޭނގި ބަންދުގައި ތިބޭ މައްސަލައަށް މިއަހަރު ތެރޭގައި ފާހަގަކުރެވޭ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފި އެވެ.

ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން މިހެން ބުނީ، ވަނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުންގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރިޕޯޓެއްގައެވެ.

ބަންޑާރަނައިބު އެކުލަވާލާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާ ސިޔާސަތުގައިވާ ގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރާ މީހުންގެ މައްސަލައާ ގުޅޭ ރިޕޯޓެއް އަހަރަކު ދެފަހަރު އެކުލަވާލައި ޕީޖީ އޮފީހުން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ދެވަނަ ރިޕޯޓު ޑިސެމްބަރު 31 ވަނަ ދުވަހު މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

މި ރިޕޯޓުގައިވާގޮތުން ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހަކު 16 މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަން ކޯޓުތަކުން ވަނީ އަމުރުކޮށްފައެވެ. އަދި ރިޕޯޓް ތައްޔާރުކުރި މުއްދަތުގައި ޖުމްލަ 327 މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްގައި އެބަތިއްބެވެ. އޭގެ ތެރެއިން 29 މީހުންނަކީ ރިމާންޑް ޖަލުތަކުގެ ޖާގައިގެ ދަތުކަމާހެދި ރިމާންޑް ޖަލަކަށް ބަދަލު ނުކުރެވި ތިބި މީހުންނެވެ. ރިމާންޑް ޖަލަށް ބަދަލުނުކުރެވި ތިބި މީހުންގެ ތެރޭގައި ބަންދުގައި ތިބޭތާ 100 ދުވަސް ވެފައިވާ މީހުންވެސް އެބަތިބިކަމަށް ރިޕޯޓުގައިވެއެވެ.

ޕީޖީ އޮފީހުން މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ، ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށް ގާނޫނަށް ގެނައި އިސްލާހުން އެދެވޭ ނަތީޖާތަކެއް ހާސިލުކުރެވޭ ކަމަށާ އެއީ ވަރަށް ގިނަ މުއައްސަސާތަކެއް ގުޅިގެން ހައްލު ކުރަން ޖެހޭ މަސައްލައެއް ކަމަށެވެ. އެހެންކަމުން ހުރިހާ މުއައްސަސާތަކެއްގެ މަސައްކަތްވެސް އެއް މިސްރާބަކަށް ހުރިތަން މިހާރު ފެންނަމުންދާ ކަމަށް އެ ރިޕޯޓުގައިވެ އެވެ.

އަދި ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވާނުވާ ބަންދުގެ މައްސަލައަށް ފާހަގަކުރެވޭ ފަދަ އިސްލާހީ ބަދަލެއް އަންނާނެ ކަމަށް ފެންނަ ކަމަށްވެސް ޕީޖީ އޮފީހުގެ ރިޕޯޓުގައި ބުނެފައިވެއެވެ.