ޅ. ކުރެއްދޫ ރިސޯޓުން ކޮވިޑްއަށް ޝައްކުކުރެވުނު މީހާގެ މަޢުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުރި މައްސަލައިގަ އެރިސޯޓާ ދެކޮޅަށް ދައުވާ ނުކުރީ ހެކި ނެތުމުންކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ، ކުރެއްދޫ ރިސޯޓުގައި ކޮވިޑް-19އަށް ޝައްކު ކުރެވުނު މީހާގެ މައުލޫމާތު ކަމާބެހޭ އިދާރާތަކަށް ހާމަނުކުކުރިކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރުމަށް މިދިޔަ އަހަރުގެ މާޗްމަހުގެ 10 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރުކޮށްފައިވާނެ ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހަށް ހުށަހެޅުމުން މިމައްސަލާގައި ޖިނާއީ ދައުވާއެއް ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވާތީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ދައުވާނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ތަހުގީގުކުރުމަށް ކޮށްފައިވާ އަމުރާ އެއްގޮތްވާގޮތުގެ މަތިން މައްސަލަ ހަވާލުކުރެވިފައިވާ ޕްރޮސިކިއުޓަރަށް ގަވާއިދުން މައްސަލައިގައި ކަން ހިނގަމުންދާގޮތް ހިއްސާކޮށް، ޕީޖީ އޮފީހުގެ ލަފާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހޯދާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ފަހަގަކޮށްފައި ވެއެެވެ.

ޕީޖީ އޮފީހުން ބުނީ، އެމައްސަލައިގައި ދައުވާ ކުރެވެން ނެތްކަމަށް ނިންމީ، އެމައްސަލައިގައި ހާދިސާ ހިނގައިފައިވާ ގޮތް ބެލިއިރު، އެމައްސަލައިގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ގަވާއިދުން ފޮނުވަންޖެހޭ ބައެއް މައުލޫމާތު، އެކަމަށް ކަނޑައެޅިފައިވާ ވަގުތުތަކުގައި ފޮނުވިފައިވާކަން ނުވަތަ ނޫންކަމާއި، އެއާ ގުޅުންހުރި ބައެއް ކަންކަން ސާފުވެފައިނުވާތީ ކަމަށެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސް މިދިޔަ އަހަރުގެ މާޗް މަހުގެ 7 ވަނަ ދުވަހު ފެނިފައިވާއިރު، އެއީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވި ދެމީހެކެވެ.