އިންތިޚާބު ބާއްވާނެ ގޮތާއިމެދު އެޗްޕީއޭއަކަށް ގޮތެއް ނުކިޔޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު އެންމެ އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގައި ކަމަށް ކޮމިޝަނުން އިއުލާން ކުރުމާއި ގުޅިގެން ވީޓީވީއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ، އިންތިޚާބު ބާއްވާނެ ގޮތާއިމެދު އެޗްޕީއޭއަކަށް ގޮތެއް ނުކިޔޭނެ ކަމަށެވެ.

އެޗްޕީއޭއާއެކު އެންމެ ފަހުން ބައްދަލުވުމެއް ކޮމިޝަނުން ބާއްވާފައިވަނީ މިދިޔަމަހުގެ ކުރީކޮޅުގައިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ، އިންތިޚާބަށް ރަސްމީކޮށް އިއުލާންކުރުމާއެކީގަ އެޗްޕީއޭއާއި އެކީގައި މަޝްވަރާގެ ބައްދަލުވުމެއް ބާއްވާނެ ކަމަށާއި ސަބަބަކީ އެޗްޕީއޭގެ އުސޫލުތަކާ ގައިޑްލައިނެއް އޮތުމާއެކު އާންމު ރައްޔިތުންނާއި ހަމައަށް އިންތިޚާބު ގެންދެވޭނީ ކޮންގޮތަކަށްތޯ ބެލުމަށް މަސައްކަތް ކުރުން ކަމަށެވެ.

އެޗްޕީއޭއަކަށް އަޅުގަނޑުމެން އަނެއްހެން ފުރުސަތުތަކެއްދޭން ބޭނުމެއްނޫން އިންތިޚާބު ބާއްވާނެ ގޮތާއި މެދު ގޮތްކިޔާ ކަށެއް. އެކަމަކު އަޅުގަނޑުމެން ދަންނަވާނީ ތިބޭފުޅުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުން ދިފާޢުވުމަށްޓަކައި ކުރަންޖެހޭ ސަލާމަތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކިޔާދޭށޭ. އޭރުން އަޅުގަނޑުމެން އެ ފިޔަވަޅުތަކާ އެއްގޮތަށޭ އިންތިޚާބު ބޭއްވުމުގެ އިންތިޒާމުތައް ރާވާނީ. މިސާލަކަށް މިވަނިތަނެއްގަ ތިބެންޖެހޭނީ 10 މީހުންނޭ 20 މީހުންނޭ އެހެނެއް ވިދާޅުނުވާށޭ. އެކަމަކު ވިދާޅުވާށޭ މިވަނި ގޮތަކަށޭ ތިބެންޖެހޭނީ. މިސާލަކަށް މިހާ ދުރުމިނެއްގައޭ ތިބެންޖެހޭނީ. މާސްކް އަޅައިގެންނޭ ތިބެންޖެހޭނީ."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ބައެއް ކަންތައްތަކަކީ ގާނޫނުން ކޮމިޝަނަށް ލާޒިމްކުރާ ކަންތައްތަކެއްކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އެކަންތައްތަކެއް އެޗްޕީއޭގެ ބޭނުމަކަށް މުގުރާނުލެވޭނެ ކަމަށެވެ.

އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގައިވެސް އިންތިޚާބު ބޭއްވޭނީ ވަކި ކަންތައްތަކެއް ފުރިހަމަވެގެން ކަމަށާއި އެގޮތުން އިންތިޚާބު ބޭއްވޭނެކަން ކޮމިޝަނަށް އިއުލާން ކުރެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނުގައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތްކަން އެޗްޕީއޭއިން އިއުލާން ކުރުމުންކަމުން ފުރަތަމަ ކަމަކަށް އެ މާއްދާއަށް އިސްލާހު ގެންނަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ މާއްދާ އިސްލާހުނުވާ ހިނދަކު ކޮމިޝަނަކަށް އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާން ނުކުރެވޭނެ ކަމަށާއި ނަމަވެސް ތާވަލްކޮށްގެން މަސައްކަތް ކުރެވިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުންވެސް އަދި ސަރުކާރުންވެސް އިންތިޚާބު އަވަސްގޮތެއްގައި ބޭއްވުމުގެ މަޝްވަރާ ކުރައްވާ ކަމަށާއި އެގޮތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާއި ފޯނުން ގުޅުއްވާ އިންތިޚާބު ބޭއްވުމުގައި ދިމާވެފައިވާ ދަތިތައް ހިއްސާ ކުރައްވާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ހަމައެކަނި ގާނޫނު އިސްލާހުކޮށްދެއްވާށޭ ދައުރުން ބޭރުގަ ޖަލްސާއެއް ބާއްވައިގެންނަމަވެސް ޖެނުއަރީ ނިމުމުގެ ކުރިން. ޖެނުއަރީ މަސް ނިމުމުގެ ކުރިން އިންތިޚާބު ބޭއްވޭނެކަން ކޮމިޝަނަށް އައުލާން ކުރުމުގެ ފުރުސަތު ދެއްވައިފިނަމަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބާއްވަދޭނަމޭ. އޭރުން އަޅުގަނޑުމެންނަށް ރޯދަ މަހުގެ ތެރޭގައިވެސް ރަސްމީ ނަތީޖާ އިއުލާންކޮށް ގާނޫނަށް ރަނގަޅު އިސްލާހުތަކެއް ނުގެނެވިއްޖެނަމަ ދެވަނަ ބުރުވެސް ރޯދަމަހުގެ ތެރޭގައިވެސް ބޭއްވޭނެ. ކޮމިޝަނުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެއްޖެނަމަ އިންތިޚާބުގެ ދެ ވަނަ ބުރުވެސް ބޭއްވިދާނެ ރޯދަމަހުގެ ފަހުންވެސް އަޅުގަނޑުމެންނަށް."
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

އިންތިޚާބު އިއުލާން ކުރުމުގެ ފުރިހަމަ ބާރު އޮންނަން ޖެހޭނީ ކޮމިޝަނުގައިކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ ޚާއްސަ ގާނޫނުގެ ތެރެއިން އެބާރު އޮތީ އެހެން މުއައްސަސާއަކުން ކުރާ ކަމެއްގެ މައްޗަށް ޝަރުތުކޮށްފައި ކަމަށެވެ.

އިންތިޚާބު އަވަސްކުރަން ބޭނުންނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އޮތްކަމުގައި ވީނަމަވެސް އިންތިޚާބު ބޭއްވޭނެގޮތަކަށް ގާނޫނު އިސްލާހުކޮށްދިނުމަށް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައެވެ.