2021ވަނަ އަހަރުގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް 15،678 ފަތުރުވެރިން ޒިޔާރާތްކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެެވެ. އެދުވަހުގައި 4195 ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފައިވެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 4940 ފަތުރުވެރިން ޒިޔާރާތްކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 1395 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިންނަށް ހިދުމަތްދޭ 552 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

އެގޮތުން 141 ރިސޯޓަކާއި، 11 ހޮޓެލް އަދި 131 ސަފާރީގެ އިތުރުން 269 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެެވެ. މިއީ 41،792 ބެޑް ކެޕޭސިޓީއެވެ.

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުގެ ތެރެއިން ބެޑް ކެޕޭސިޓީ އެންމެެެ ގިނައީ ރިސޯޓުތަކުގައެވެ. ރިސޯތުގަކުގެ ބެޑް ކެޕޭސިޓީއަކީ 32،636 އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ރާއްޖެ ޒިޔާރާތްކޮށްފައިވަނީ 555،399 ފަތުރުވެރިންނެވެ.

މިދިޔަ އަަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން 63،905 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. ދެވަނައަށް އޮތް ރަޝިއާއިން 61،388 ފަތުރުވެރިން ޒިޔަާތްކުރިއިރު، އިނގިރޭސިވިލާތުން 52،716 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

މީގެއިތުރުން އިޓަލީ، ޖަރުމަނުވިލާތް، ޗައިނާ އަދި ފްރާންސްގެ އިތުރުން ޔޫއެސްއޭއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މިދިޔަ އަހަރު ޒިޔާރާތްކުރިކަމަށް ތަފާސްހިސަބުތަކުން ދައްކައެވެ.