ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސްގެމެނޭޖިން ޑިރެކްޓަރަކަށް މުހައްމަދު މިހާދު އައްޔަންކުރައްވައިފިއެވެ.

މޯލްޑިވިއަންގެ އެމްޑީކަމުގެ މަގާމު ކުރިން އަދާކުރެއްވި މުހައްމަދު ރިޒްވީ އެމަގާމުން ވަކިކޮށް އޭނާ މިހާރު އައްޔަންކޮށްފައިވަނީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ އެމްޑީގެ މަގާމަށެވެ. ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފައްދާފައިވާ ކުންފުންޏެކެވެ.

މިހާދު މޯލްޑިވިއަަންގެ އެމްޑީ ކަމުގެ މަގާމަށް އައްޔަންކުރެއްވުމާ ހަމަޔަށް ހުންނެވީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީލްގެ ބޯޑް މެމްބަރެއްގެ ގޮތުގައެވެ.

މުހައްމަދު މިހާދަކީ މީގެކުރިން ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނަވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޓީޑީސީގެ އެމްޑީކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައެވެ.

މީގެއިތުރުން ރައީސް މައުމޫންގެ ވެރިކަމުގައި ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްކަންވެސް ކުރެއްވިއެވެ. އަދި އެއާޕޯޓްގެ ބޯޑް މެމްބަރުކަންވެސް ކުރައްވާފައިވެއެވެ.

މިހާދަކީ އިންޓަނޭޝަނަލް ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިއާއިން މާސްޓާޒް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.