އެމެރިކާގެ ބޭސް އުފައްދާ ކުންފުނި މޮޑަނާއިން ތަރައްގީކޮށް އުފައްދާފައިވާ ކޮވިޑް ވެކްސިން އިމަޖެންސީ ބޭނުމަށް ޔޫރަޕްގައި ބޭނުން ކުރުމުގެ ހުއްދަ، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން މިއަދު ދީފިއެވެ.

އީއެމްއޭގެ މި ނިންމުމުގެ ސަބަބުން، ކޮވިޑަށް އުފެއްދި 2 ވެކްސިނެއް ޔޫރަޕް ސަރަހައްދުގައި ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ.

މޮޑަނާގެ ކޮވިޑް ވެކްސިން ޔޫރަޕްގައި ބޭނުން ކުރުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ދިން ނަމަވެސް، ޔޫރަޕްގައި މި ވެކްސިން ބޭނުން ކުރަން ފެށޭނީ ޔޫރަޕިއަން ކޮމިޝަނުން އެންމެފަހުގެ ނިންމުން ނިންމުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޔޫރަޕިއަން ކޮމިޝަނުން ވަރަށް އަވަހަށް އެ ހުއްދަ ދޭނެއެވެ.

ޔޫރަޕިއަން ޕާލަމެންޓްގެ އެންވަޔަރަންމަންޓް، ޕަބްލިކް ހެލްތު، ފޫޑް ސޭފްޓީ ކޮމިޓީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އީއެމްއޭގެ ރެކޮމެންޑޭޝަނާ އެއްގޮތަށް މޮޑަނާގެ ވެކްސިން އީޔޫގައި ބޭނުންކުރުމުގެ ހުއްދަ ޔޫރަޕިއަން ކޮމިޝަނުން ވަރަށް އަވަހަށް ދޭނޭ ކަމަށް ބެލެވޭ ކަމަށާއި، ހުއްދަ ލިބުމާއެކު، ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަ ލެޔެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މޮޑަނާގެ ވެކްސިންއަކީ ރައްކާތެރި، އަދި ބަލިން ދިފާއުކޮށްދޭ ވެކްސިނެއްކަން ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ރެކޮމެންޑް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އީއެމްއޭގެ ނިންމުމަކީ، ޔޫރަޕް ސަރަހައްދު ކޮވިޑް-19 ބަލިމަޑު ހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތަށް ލިބުނު އުފާވެރި ކަބަރެއް ކަމަށްވެސް އުރްސުލާ ވިދާޅުވިއެވެ.

މޮޑަނާގެ ކޮވިޑްވެކްސިން ޔޫރަޕްގައި ބޭނުންކުރުމުގެ ހުއްދި ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ދިންއިރު، މޮޑަނާގެ ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައިދީ، އަދި އެ ވެކްސިން އެމެރިކާގައި މިހާރުދަނީ ބޭނުންވެސް ކުރަމުންނެވެ.

މޮޑަނާއިން ތަރައްގީކުރި ވެކްސިންއަކީ ކްލިނިކަލް ޓްރައިލްސްތަކުން %95 އިފެކްޓިވް ކަމަށް ނަތީޖާ ދައްކާފައިވާ ވެކްސިނެކެވެ.