އިންޑިއާގެ ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ކޮވިޑް-19 ވެކްސިންގެ ރައްކާތެރިކަމާމެދު ޝައްކުތައް އުފެދޭގޮތް ވެއްޖެއެވެ.
މިކަމާހެދި ޝައްކުތައް އުފެދި، ސުވާލު އުފެދޭގޮތްވީ، އިންޑިއާގެ ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާއިން ބާރަތު ބަޔޯޓެކްގެ ވެކްސިން، އިމަޖެންސީ ބޭނުންމަށް އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަދިނީ، އެ ކުންފުނިން ކުރިއަށް ގެންދިޔަ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާގެ އިތުރު މައުލޫމާތު ދިނުމަށް އެ އިދާރާގެ "ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީން" އެދުނުތާ އެއްދުވަސްފަހުންކަން ހާމަވުމާ ގުޅިގެންނެވެ.
ބާރަތު ބަޔޯޓެކް އިންޓަރނޭޝަނަލް ލިމިޓެޑްގެ ވެކްސިނަށް ހުއްދަ ދެވޭނީ އެ މައުލޫމާތު ދިނުމުންކަމަށް، "ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީން" ބުނެފައިވާކަން ހާމަވެފައިވަނީ، އަންގާރަދުވަހު ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާއިން ހާމަކޮށްފައިވާ މައުލޫމާތުންނެވެ.
ވެކްސިންއަށް ހުއްދަ ދިނުމާ ގުޅޭގޮތުން އެ ކޮމިޓީން ބައްދަލުކޮށްފައިވަނީ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުއެވެ.
ނަމަވެސް، ޖެހިގެން އައިދުވަހު ހަމަ އެ ކޮމިޓީންވަނީ ބާރަތު ބަޔޯޓެކްގެ ވެކްސިން، އިމަޖެންސީ ބޭނުންތަކުގައި އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.
ހަމަ އެއާއެކު، އިނގިރޭސިވިލާތުގެ އޮކްސްފޯޑު ޔުނިވަރސިޓީއާއި އެސްޓްރަޒެނެކާ ގުޅިގެން ތަރައްގީކޮށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޑް ވެކްސިންވެސް އިންޑިއާގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެދުވަހުއެވެ.
ބާރަތުގެ ކޮވިޑް ވެކްސިނަށް ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާއިން ހުއްދަ ދިންދުވަހުވެސް، ކޮވިޑް ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާ އެ ކުންފުނިން ހާމަކޮށްފައި ނުވާކަން މީޑިއާއިން ފާހަގަ ކުރިއެވެ.
ކްލިނިކަލް ޓްރައިލްސްގެ ފުރިހަމަ މައުލޫމާތު ބާރަތު ބަޔޯޓެކުން ހާމަކޮށްފައި ނުވާތީ، އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި، ސިއްހީ ތަޖުރިބާކާރުންގެ ދެކޮޅުވެރިކަމާއި ނުރުހުން އެކަމަށް އަމާޒުވަމުން އެބަދެއެވެ.
ބާރަތު ބަޔޯޓެކުން ތަރައްގީކޮށް އުފެއްދި ވެކްސިނަށް ދީފައިވާ ނަމަކީ "ކޮވެކްސިން" އެވެ.
އެ ވެކްސިންގެ ކްލިނިކަލް ޓްރައިލްސްގެ ތިންވަނަ އަދި އެންމެ ފިޔަވަހީގެ ޓެސްޓްތައް އަދި ނުނިމޭ ކަމަށާއި، ޓެސްޓްތައް މިހާރުވެސް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޑްރަގްސް ކޮންޓްރޯލަރ ޖެނެރަލް އޮފް އިންޑިއާއިން ބާރަތުގެ ވެކްސިނަށް ހުއްދަދިނުމުން ގިނަބައެއްގެ ނުރުހުމާއި ދެކޮޅުވެރިކަން ބޮޑަށް ކުރިމަތިވެގެންދިޔައީ އެހެންވެގެންނެވެ.
އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު މެމްބަރެއް ކަމަށްވާ މަނީޝް ތިވާރީވަނީ، ބާރަތުގެ ވެކްސިނަށް ހުއްދަދިނީ މީހަކު އަންގައިގެންތޯ ސުވާލު ކުރައްވާފައެވެ. އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާވަނީ ފާހަގަ ކުރައްވާފައެވެ.
ސިއްހީ ތަޖުރިބާކާރުން ގެންދަވަނީ، ބާރަތުގެ ކޮވިޑް ވެކްސިންގެ އިތުރު ތަހުލީލުތަކާއި، ޓެސްޓްތަކުގެ ނަތީޖާއަށް އެދުމަށްފަހު އެއްދުވަސްފަހުން އެ ވެކްސިނަށް "ސަބްޖެކްޓް އެކްސްޕާޓް ކޮމިޓީން" ހުއްދަދިނީ ކީއްވެގެންތޯ ސުވާލު ކުރަމުންނެވެ.
އޯލް އިންޑިއާ ޕީޕަލްސް ސައިންސް ނެޓްވޯރކުން ބުނެފައިވަނީ، ބާރަތުގެ ވެކްސިންގެ ޓެސްޓުތަކުގެ ޑޭޓާއަށް އެދުމަށްފަހު ޖެހިގެން އައިދުވަހު އެ ވެކްސިނަށް ހުއްދަދިނީ ރޭގަނޑުގެ ވަގުތުގައި އައި ޕްރެޝަރުތަކެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.
ބާރަތު ބަޔޯޓެކްގެ ވެކްސިނާއި، އެސްޓްރަޒެނެކާގެ ވެކްސިނެއް، އިމަޖެންސީ ބޭނުންތަކުގައި އިންޑިއާގައި ބޭނުންކުރުމުގެ ހުއްދަ ދިނުމާއެކު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެކަމަށް އުފާކުރައްވައި ޓްވީޓެއް ކުރެއްވިއެވެ.
މޯދީގެ ޓްވީޓްގައި ވިދާޅުވެފައިވަނީ، މިއީ، ކޮވިޑްބަލިން އަރައިގަތުމަށް އިންޑިއާއިން ކުރަމުންދާ ހަނގުރާމައަށް ލިބުނު އިތުރު ހިތްވަރަކާއި ބާރެއް ކަމަށެވެ.
ހަމައެއާއެކު، އިމަޖެންސީ ބޭނުންތަކުގައި ބޭނުންކުރުމުގެ ހުއްދަދެވުނު ދެ ވެކްސިނަކީވެސް އިންޑިއާގައި އުފައްދާފައިވާ ވެކްސިނަށްވުމަކީ އިންޑިއާގެ ހުރިހާ ރައްޔިތުންނަށް ލިބޭ ފަޚުރެއް ކަމަށް ވިދާޅުވިއެވެ.
ވެކްސިން ލިބެންވާއިރަށް އަހަރެމެން ގައުމުގަ ތިޔަ ރައްކާކޮށްފަ ބަހައްޓާނެ ތަނެއް ހެދިއްޖެބާ
ތިމީހުންގެ ތިޔަވެކުސިން ވެސް ހަދާފަ ހުންނާގެ ގޮތް ވިސްނާލަންވެސް ޖެހިލުންވޭ
ތިވެކްސިން ގައި އަނެއްކާ ގެރީގެ ކުޑަކަމުދާ ތަކެތި ނެތިއްޔާ ކިތައްމެހާވެސް ރަނގަޅު