3:15 - އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި އިރުއޮއްސި 6:00 ގެ ފަހުން ކާފިއު ހިންގަން ނިންމައިފިއެވެ.
މިކަން އިޢްލާން ކުރަން އަމުރު ކުރެއްވީ ވޮޝިންޓަން ޑީސީގެ މޭޔަރެވެ.
އެމެރިކާއަށް މިހާރު ހަވީރު 5:11 އެވެ.
ވޮޝިންޓަންގައި މިހާރުވަނީ ނޭޝަނަލް ގާޑު ފުރިހަމައަށް އެކްޓިވޭޓް ކޮށްފައެވެ.
އަދި ކޮންގްރެސް އިމާރާތް ހިސާރުކޮށްގެން ތިބި މީހުން އެތަނުން ދުރުކުރުމުގެ މަސައްކަތް ސަލާމަތީ ފަރާތްތަކުން މިހާރު ގެންދަނީ ކުރަމުންނެވެ. އަދި ބައެއް މީހުން ދެކޮޅުވެރިކަން ފާޅުކޮށް ފުލުހުންނާ ކުރިމަތިލަމުންދާ ކަމަށާއި، ބައެއް ދިމަދިމާއިން ކަރުނަގޭސް ވެސް ޖަހަމުން ގެންދާ ކަމަށް މީޑިއާއިން ބުނެއެވެ.
މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓްގެ ވެރިޔާ ރޮބަޓް ކޮންޓީ ވިދާޅުވީ، ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިހާތަނަށް 13 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. ހައްޔަރު އެންމެންނަކީވެސް ވޮޝިންޓަން ސިޓީއަށް ނިސްބަތްވާ މީހުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
--
2:11 - ކޮންގްރެސް އިމާރާތަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޖެނުއަރީ 20 ގައި އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައި ގަންނަވާ ޖޯ ބައިޑެން ގޮވާލައްވަފައިފިއެވެ.
ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ބައިޑެން ވިދާޅުވީ، ކޮންގްރެސް އިމާރާތަށް ހަމަލާ ދެމުންދާ މީހުން ތަމްސީލުކުރަނީ ހަގީގީ އެމެރިކާ ނޫން ކަމަށާއި، އެއީ ހަމަނުޖެހުން އުފައްދާ މީހުން ކަމަށެވެ.
ބައިޑެން ވިދާޅުވީ، މިއަދަކީ އެމެރިކާއަށް ލަދުވެތި ދުވަހެއް ކަމަށާއި، ދުނިޔެ އެމެރިކާއަށް މަލާމާތް ކުރަމުންދާ ކަމަށެވެ.
ބައިޑެންވަނީ ސަޕޯޓަރުން ވަގަުތުން މައިތިރިކުރުމަށް ޓްރަމްޕަށް ގޮވާލައްވާފައެވެ.
--
1:35 - ސަޕޯޓަރުން ސުލްހަވެރި ކަމާއެކު މުޒާހަރާކުރަން ޓްރަމްޕް ގޮވާލެއްވި ނަމަވެސް، މުޒާހަރާ ރޫޅާލަން ޓްރަމްޕް އެދިވަޑައެއް ނުގަންނަވައެވެ.
އެމެރިކާގެ ޕާލަމެންޓް، ކޮންގްރެސް އިމާރާތް ހުންނ ސަރަހައްދު، ޓްރަމްޕްގެ ސްޕޯޓަރުން ހިސާރުކޮށްފިއެވެ.
ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތް، ކެޕިޓޮލް ބިންޑިންގ ކައިރިއަށް އެއްވީ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންގެ އިލެކްޓޯރަލް ކޮލެޖް ވޯޓުގެ ނަތީޖާ، ކޮންގްރެސްއިން ސެޓިފައި ކުރުމުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.
ޓްރަމްޕްގެ ސަޕޯޓަރުންވަނީ، ކޮންގްރެސް އިމާރާތުގެ ސިޑިތަކުގެ މައްޗަށް އަރައި، މުޅި ސަރަހައްދު ހިސާރުކޮށްފައެވެ.
އެމެރިކާއާއި، ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މި މަންޒަރުތައް ވަގުތުން ދުރަށް ދައްކަމުން ގެންދާއިރު، ކޮންގްރެސް އިމާރާތުގެ ތެރެއަށްވެސް އެތައްބަޔަކު ވަދެގެންފައިވާ ކަމަށް ބުނެއެވެ. އެ މަންޒަރުތައްވެސް ގެންދަނީ ދައްކަމުންނެވެ.
ކޮންގްރެސް އިމާރާތުގައި ސެނޭޓާއި ހައުސްގެ ބައެއް މެމްބަރުން އަދިވެސް ތާށިވެފައި ތިއްބެވިކަމަށް ރިޕޯޓްތައް ބުނާއިރު، ސަލާމަތީ ފަރާތްތަކުންވަނީ ބައެއް މެމްބަރުންނަށް ހިމާޔަތްދީގެން އެތަނުން ގެންގޮސްފައެވެ.
ބައެއް މެމްބަރުންވަނީ މަސްރަހް ގޯސްވުމުގެ ކުރިން އިމާރާތުން ނުކުމެވަޑައިގެންފައެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ބަޑިޖެހުމުގެ ހާދިސާތައް ހިނގާފައިވާ ކަމަށާއި، އަންހެނަކު ޒަޚަމްވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް، އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީގައި ހަތިޔާރު ގެންގުޅުމަކީ މަނާކަމެކެވެ.
ވެރިރަށުގެ ފުލުހުން މިހާރުވަނީ، ކޮންގްރެސް އިމާރާތް ހިސާރުކޮށްގެން ތިބި މީހުންގެ ކިބައިން އިމާރާތް މިނިވަން ކުރުމަށްޓަކައި އިތުރު ފުލުހުންގެ އެހީއަށްވެސް އެދިފައެވެ.
ވެރިރަށުގައި ހިނގަމުންދާ ކަންތައްތަކާ ގުޅިގެން ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ވެރިންނާއި، ސެނޭޓާއި ހައުސްގެ މެމްބަރުންނާއި، ސިޔާސީ އެތައް ފަރާތަކުން ގެންދަނީ ހަމަނުޖެހުން ހުއްޓާލަން ގޮވާލަމުންނެވެ.
އަދި ޓްރަމްޕަށް ގޮވާލައްވަމުން ގެންދަވަނީ، ސަޕޯޓަރުން މައިތިރި ކުރުމަށެވެ.