ކޮވިޑް-19 ޖެހިގެން، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުޖްތާޒް ފަހުމީ އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 60 އަހަރުގައި މުޖުތާޒު އަވަހާރަވެފައިވަނީ، ރޭ ދަންވަރު 2:00 ހާއިރުއެވެ.
މުޖުތާޒުގެ އާއިލާއިން ބުނީ މުޖުތާޒަށް ކޮވިޑް ޖެހުނުކަން އެނގުނީ ލ. އަތޮޅަށް ކުރެއްވި ދަތުރުގައި ހުންއައިސްގެން ޓެސްޓް ކުރުމުން ކަމަށެވެ.
ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށް މުޖުތާޒު ޕޮޒިޓިވްވިކަން އެނގުމުން، ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފައިވަނީ އިއްޔެ ހަވީރުއެވެ.
މުޖުތާޒު ފަހްމީ ވަނީ ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެެއް ވަންދެން ހިދުމަތް ކޮށްދެއްވާފައެވެ.
މުޖުތާޒު ފަހްމީއަކީ 2008 ވަނަ އަހަރުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ސުޕްރީމް ކޯޓު ގާއިމުކުރެވުމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި އައްޔަންކުރެވުނު ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
2008 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އޭނާ ވަނީ އިންތިގާލީ މާރުހަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ.
ޝަރުއީ ދާއިރާއަށް 29 އަހަރަށް ހިދްމަތް ކުރެއްވުމަށް ފަހު މުޖުތާޒު ހުންނެވީ ފަނޑިޔާރުކަމުން ރިޓަޔަރ ކުރައްވާފައެވެ.
ﷲ ސުބުޙާނަޙޫ ވަތައާލާ މަރްޙޫމް ގެ ފުރާނަޔަށް ރަޙުމަތް ލައްވާށި އާމީން