އެމެރިކާ ކޮންގްރެސް އިމާރާތަށާއި، އެ އިމާރާތް ހުންނަ ސަރަހައްދަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަނެ ރޭގެ ވަގުތެއްގައި ހިންގި ހަމަނުޖެހުންތަކުގައި 4 މީހުން މަރުވެފައިވާ ކަމަށް ވޮޝިންޓަންގެ ފުލުހުން ބުނެފިއެވެ.

ކޮންގްރެސް އިމާރާތުގައި ބެރިކޭޑް ޖަހާފައިވާ ދޮރެއް ފަޅާލާފައި ބަޔަކު ވަދެގަންނަން އުޅުމުގެ ތެރޭގައި ފުލުހުން ބަޑިޖެހުމުގެ ސަބަބުން އަންހެނަކުވަނީ މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށެވެ.

ރޭގެ ހަމަނުޖެހުންތަކުގައި ދެން މަރުވެފައިވާ ތިންމީހުންނަކީ، ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި މަރުވި މީހުންކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އެމީހުން މަރުވި ސީދާ ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ވޮޝިންޓަންގެ މެޓްރޯޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓްގެ ވެރިޔާ ރޮބަޓް ކޮންޓީ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ، ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން މިހާތަނަށް 52 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 26 މީހުންނަކީ ކޮންގްރެސް އިމާރާތް ހުންނަ ސަރަހައްދުން ހައްޔަރުކޮށްފައިވާ މީހުން ކަމަށާއި، އެހެން މީހުންނަކީ ކާފިއުއާ ޚިލާފްވެގެން ހައްޔަރު ކޮށްފައިވާ މީހުން ކަމަށްވެސް ކޮންޓީ ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވާ ބައެއް މީހުންނަކީ ލައިސަންސް ނެތި ހަތިޔާރު ގެންގުޅުމާއި، އެނޫން ހަތިޔާރު ގެންގުޅުމުގެ ކުށުގައި ހައްޔަރުކުރި މީހުން ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮންގްރެސް އިމާރާތުގެ އެކި ދިމަދިމާއިން ފުލުހުންވަނީ ބޮމާއި، ގޮވާތަކެތިވެސް ހޯދާފައެވެ. ކޮންގްރެސް އިމާރާތުގައި ހުންނަ ޑިމޮކްރެޓިކް ޕާޓީގެ އޮފީހާއި ރިޕަބްލިކަން ޕާޓީގެ އޮފީސް ކައިރިންވެސް ދެ ޕައިޕްބޮން ފެނުނު ކަމަށް ފުލުހުން ބުނެއެވެ.

އެމެރިކާގެ ގަޑިން މެންދުރު 1:00 އެހާއިރު، ރާއްޖޭގެ ގަޑިން ރޭ މެންދަމުގެ ވަގުތެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެތައްސަތޭކަ ސަޕޯޓަރުން ސަލާމަތީ ފެންސު ފަޅާލާފައިވަނީ ކޮންގްރެސް އިމާރާތް ހުންނަ ގޯތިތެރެއަށް ވަދެގަތީ، ކޮންގްރެސް ކުރިއަށްދިޔަ އިލެކްޓޯރަލް ކޮލެޖް ވޯޓް ސެޓިފައި ކުރުމުގެ މަސައްކަތަށް ހުރަސްއަޅަން ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލެއްވުމާ ގުޅިގެންނެވެ.

90 ވަރަކަށް މިނެޓް ގޯތިތެރޭގައި ތިބުމަށްފަހު ޓްރަމްޕްގެ ސަޕޯޓަރުންވަނީ ކޮންގްރެސް އިމާރާތުގެ ދޮރުތަކުގެ ބޭރުގައި ޖަހާފައިހުރި ބެރިކޭޑުތައް ފަޅާލައި، އިމާރާތުގެ އެތެރެއަށް ވަދެގެންފައެވެ. އޭރު ބައެއް ދިމަދިމާއިން ބަޑިޖަހާ އަޑުވެސް އިވެމުންދިޔައެވެ.

ޓްރަމްޕްގެ ސަޕޯޓަރުން ކޮންގްރެސް އިމާރާތަށް ވަދެގަތުމުން، އެވަގުތު ޖަލްސާކުރާ ޗެމްބަރުގައި ތިއްބެވި ހައުސްއާއި، ސެނޭޓްގެ މެމްބަރުން ރައްކާތެރިކޮށް ހިމާޔަތްދޭށެވެ. އެ މެމްބަރުން ސަލާމާތް ހޯދީ، ކޮންގްރެސް އިމާރާތުގައި ހުންނަ ބިންގަރާސް ދޮރުތަކުން ބޭރަށް ނުކުމެވަޑައި ގެންނެވެ.

މީޑިއާ ރިޕޯޓްތައް ބުނަމުންދިޔައީ، ޓްރަމްޕްގެ ސަޕޯޓަރުން ރާވާފައިއޮތީ ކޮންގްރެސް އިމާރާތް އެއްކޮށް ހިސާރުކޮށްގެން ތިބުމަށް ކަމަށެވެ.

ނަމަވެސް، އިތުރު އެހީއަށް ފުލުހުން އެދުމާއެކު، ނޭޝަނަލް ގާޑުން އެކްޓިވޭޓްކޮށް ރަޔަޓް ގިޔަރުގައި ނޭޝަނަލް ގާޑުން މާ ގިނައިރެއް ނުވަނީވެސްވަނީ އެ ސަރަހއްދަށް ގޮސްފައެވެ.

އަދި އެމެރިކާ ގަޑިން އިރުއޮއްސި 6:00 އިން ފެށިގެން ވޮޝިންޓަންގައި ކާފިއު ހިންގަން ވޮޝިންޓަން ޑީސީގެ މޭޔަރު އިޢްލާން ކުރެއްވުމާއެކު، އެ ވަގުތު ޖެހުމާއެކު ސަލާމަތީ ބާރުތަކުންވަނީ އާންމުން ދުރަށްޖައްސާފައެވެ.

ކޮންގްރެސް އިމާރާތުން މީހުން ނެރުމާއި، ގޯތި ތެރެ ހުސްކުރުމަށް ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުގައި، ޓްރަމްޕްގެ ބައެއް ސަޕޯޓަރުން ގަދަދައްކައި، ސަލާމަތީ ބާރުތަކާ ކުރިމަތިލާފައި ވެއެވެ. މިކަމުގެ ސަބަބުން ފުލުހުންގެ ބައެއްމީހުންނަށް އަނިޔާވެ، އެކަކު ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

ކޮންގްރެސް އިމާރާތަށް ވަދެގަތް މީހުންވަނީ އެ އިމާރާތުގައި ހުންނަ އެކި އޮފީސްތަކަށް ބޮޑެތި ގެއްލުންތައްދީ، ގޮނޑިތައް ހަލާކުކޮށް ދޮރުތަކުގެ ބިއްލޫރިތައް ތަޅައި ސުންނާފަތި ކޮށްލާފައެވެ.