އިއްޔެ އެކަނިވެސް 6 ގެސްޓްހައުސްއެއް އަލަށް ހުޅުވާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކުވެސް އާންމުކުރަމުން އަންނަ ތަފާސްހިސާބުން ދައްކާގޮތުން މިދޔަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހިދުމަތަށް ހުލުވާލުމާއެކު މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހިދުމަތް ދެމުންދިޔައީ 269 ގެސްހައުސްއެއްގައެވެ. ޓުއަރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުން ދެއްކި ގޮތުން މިއަދު މި އަދަދު ވަނީ 275 އަށް އިތުރުވެފައެވެ.

އިއްޔެ އިތުރު 6 ގެސްޓްހައުސްއަކުން ހިދުމަތް ދޭން ފަށައި، 106 އެނދު ވަނީ ހިދުމަތަށް ހުޅުވާލާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިއާއެކު ގެސްޓްހައުސްތަކުން އެކަނިވެސް 5،274 އެނދު ހިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން 141 ރިސޯޓެއް ހިދުމަތަށް ހުޅުވާލާފައިވާކަމަށާއި، ރިސޯޓުތަކުން 32،636 އެނދު ހިދުމަތަށް ހުޅުވާލާފައިވާކަން ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަކުރެއެވެ. 11 ހޮޓަލެއްގައި 1،458 އެނދު ހިދުމަތަށް ހުޅުވާލާފައިވާ ކަމަށާއި، 130 ސަފާރީއެއްގައި 2،504 އެނދު އޮޕަރޭޓްކުރަމުންދާކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މީގެ އިތުރުން މިއަހަރުގެ ފުރަތަމަ 6 ދުވަހުގެ ތެރޭ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18،086 އަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކުރެއެވެ. މިމަހު ރާއްޖެ ޒޔާރަތްކުރާ ފަތުރުވެރިން 10 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށާއި، މިމަހުގެ ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެވްރެޖް ގޮތެއްގައި އުޅެނީ 3،014 ކަމަށްވެސް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

މިއާއެކު މިދިޔަ ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 573،485 އަށް އަރާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ވަނީ މިއަހަރު ނިމުމުގެ ކުރިން 1.5 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. އަދި މި އަމާޒަށް ވާސިލްވުމަށް ޓުއަރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ ގުޅިގެން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.