މިފްކޯއިން ވިއްކާ ފަސްމީރު ބްރޭންޑުގެ ވަޅޯމަހުގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ އެކުންފުނިން މީގެ ކުރިން 120ރ. އަށް ވިއްކި ފަސްމީރު ބްރޭންޑުގެ ވަޅޯމަސް ކިލޯއެއްގެ އަގު 105ރ. އަށް ދަށްކޮށް ވިއްކަން ފަށާފައިވާކަމަށެވެ. މިފްކޯއިން ވަނީ މި ފަހަކުން އެ ކުންފުނީގެ ގިނަ އުފެއްދުންތަކެއްގެ އަގު ހެޔޮކޮށްފައެވެ.

އެގޮތުން ފަސްމީރު ބްރޭންޑުގެ މަސްދަޅުގެ އަގުވެސް މި ފަހަކުން ވަނީ ދަށްކޮށްފައެވެ. އެގޮތުން 13.50ރ. އަށް ވިއްކި ތެޔޮ މަސް ދަޅުގެ އަގު މިހާރު ވަނީ 12.25ރ. އަށް ދަށްކޮށްފައެވެ.

މަސްދަޅުގެ އަގަށް ގެނައި ބަދަލާއެކު މީގެ ކުރިން 640ރ. އަށް ވިއްކި 48 ދަޅުގެ ތެޔޮމަސް ދަޅު ކޭހުގެ އަގު 575ރ. އަށް ދަށްވާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

މީގެ އިތުރުން މީގެ ކުރިން 12.50ރ. އަށް ވިއްކި ފެން މަސް ދަޅުގެ އަގުވެސް ވަނީ 11.25ރ. އަށް ހެޔޮކޮށްފައެވެ.

މިއާއެކު މީގެ ކުރިން 595ރ. އަށް ވިއްކި ފެން މަސްދަޅު ކޭހުގެ އަގު 530ރ. އަށް ހެޔޮވާނެކަމަށް މިފްކޯއިން ބުނެއެވެ.