ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނަގައިދުނުމުގެ އަމުރަކަށް ޕީޖީން ކޯޓުގައި އެދިއްޖެއެވެ.
ޕީޖީން މިކަމަށް އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާގެ މިއަދުގެ ޝަރީއަތުގައެވެ.
ރ. ފުއްގިރި ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރާ މައްސަލައެއްގައި، ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މަނީ ލޯންޑަރިންގާއި ރިޝްވަތު ޤަބޫލުކުރި ކަމުގެ ދައުވާ އުފުލާފައެވެ.
ރިޝްވަތުގެ ދައުވާ ފުރަތަމަ އިއްވުމުން ރައީސް ޔާމީން ވިދާޅުވީ އެ ދައުވާ ސާފުނުވާ ކަމަށާ ދައުވާއާ ގުޅިގެން ހޯދަން އެދިވަޑައިގަތް ލިޔުންތައް ލިބިފައި ނުވާ ކަމަށެވެ.
މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ މިހާރު ހުރި ލިޔުންތަކަށް ބަލާއިރު ދައުވާއަށް ޖަވާބުދާރީވުމުގެ މަރުުހަލާ މިވަގުތު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު ޝަރީއަތް ކުރިއަށް ދާ މިންވަރަކުން އިތުރު ލިޔުންތައް ހޯދަންޖެހޭ ނަމަ، އެކަމަށް ނެރެންޖެހޭ އަމުރެއް ނެރުއްވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށްދިޔަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ، ރިޝްވަތު ޤަބޫލު ކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އިއްވާފައެވެ. ދައުލަތުގެ ދައުވާގައި ބުނެފައިވަނީ ފުށްގިރި ކުށްޔަށްދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން 1 ލައްކަ 18 ހާސް ޑޮލަރާއި ޔާމީންގެ މިލްކިއްޔާތުގައި ހުރި އާމްދަނީއާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދޭ ކަމަށެވެ.