"މިވާހަކަ ބިނާކޮށް ލިޔެފައިމިވަނީ ހަގީގީ ހާދިސާއެއްގެ މައްޗަށެވެ. 2004 ވަނަ އަހަރު އަޅުގަނޑު ތ. އަތޮޅުގެ ރަށްތަކަށް ކުރި ޒިޔާރަތެއްގައި އެއަތޮޅު ރަށަކުން ދިމާވި ދެމީހަކު، ލޯބިވިތާ 45 އަހަރު ފަހުން ކުރެވުނު ކައިވެންޏެއްގެ މައްޗަށް ބިނާ ކޮށެވެ. މިދެމީހުންގެ ލޯބީގެވާހަކަ އެދުވަސްވަރު "ފިޔެސް" މަޖައްލާގައި އަޅުގަނޑު ޝާއިއު ކުރީމެވެ.

ރާއްޖޭގެ ދެކުނުން ތަޖުރިބާ ކުރެވުނު މިވާހަކަ މިހާރު މިވަނީ އުތުރަށް ބަދަލު ކުރެވިފައެވެ. އަދި ވާހަކައިގައި އުޅޭ މީހުންގެ ނަންތަކާއި ރަށްވެސް މިވަނީ ބަދަލު ކުރެވިފައެވެ. މިހާރު މިވާހަކައިގެ ނަމަކީ އިބްރާހިމްގެ ހުވަފެނެވެ. މިވާހަކައިން އެނގިގެންދާނެ އެއް ހަގީގަތަކީ ސާފު ތެދުވެރި ލޯތްބަކީ ކިތަންމެ ދުވަހެއް ވިއަސް ހިތުން ފިލުވާލަން ދަތި އަސަރު ހުރި ވަރުގަދަ ބާރެއް އެކުލެވޭ ގުޅުމެއް ކަމެވެ"

--

(31 ޑިސެމްބަރ 2020 އާ ގުޅޭ)

މިވީހާ ދުވަހުވެސް އިބުރާހިމުގެ އާއިލާގެ ކަންތައް ހަލީމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. އިބުރާހިމު ދިރިއުޅޭ ގެ ހުންނަނީ ހަލީމާމެންގެ ގެއާއި ވަރަށް ކައިރީގައެވެ. 45 އަހަރަށް ފަހު މިހާކައިރިން ދެމީހުން ހަތަރު ކަޅި ހަމަކޮށް ވާހަކަދެއްކި މީ ފުރަތަމަ ފަހަރެވެ. މިހިނދުކޮޅުގައި ހަލީމައަށް ބުނެދޭން ދަތި އިހުސާސްތަކެއް ކުރެވުނެވެ. ގައިގެ ލޯލިތައް ކޮޅަށް ޖެހި ޖަޒުބާތުގެ އޮއިވަރެއް ހަށިގަނޑުގައި ހިނގައިގަތެވެ.

އިބުރާހިމާއެކު ސިއްރުން މަގޫފަލުގައި އަދި ވަލުތެރޭގައި ބައްދަލުކުރި ހަނދާންތައް އާވާން ފެށިއެވެ. އިބުރާހިމު، ހަލީމަގެ އުނގުގައި ބޯ އަޅައިލައިގެން އޮވެ ދެމީހުންގެ ދިރި އުޅުން އާރާސްތު ކުރާނެ ގޮތުގެ ޚިޔާލީފޮލާ ކައްކަމުންދިޔަ ގޮތުގެ ހަނދާން ތަކެވެ. ގޮނޑުދޮށުގައި ހަނދުވަރު ދިން ރޭތަކުގައި އަތުގުޅައިލައިގެން ހުސްފަޔާ ދޮންވެލީގައި ހިނގި ހަނދާންތަކެވެ. މަގޫގަސްތަކުގެ ތެރޭގައި ފިލާތިބެ ބައްދަލުކުރި ފޮނި ދުވަސްތަކެވެ. ބޯކެޔޮގަސްތަކާ އުނިމާ ގަސްތަކުގެ މަލުން ދުވި މީރުވަހުން ދެމީހުންގެ ލޯބި އޭގެ އެންމެ ފުންމިނަށް ފީނި ހަވީރުގެ އުފާވެރިކަމެވެ.

މަންމަމެނަށް ސިއްރުން ގޭގައި ހަދާ މީރު ކާއެއްޗެހި ހަލީމާގެ އަތުން އިބްރާހީމަށް ކާންދިން ދުވަސްތަކެވެ. އިބުރާހިމު ބަލިވެ އުޅުނުއިރު ހަލީމަގެ ބައްޕަގެ ބޭސް ފޮށިން ބައްޕައަށް ސިއްރުން ބޭސް ގެންގޮސް ދިން ދުވަހެވެ.

ހަލީމާއަށް އިބުރާހިމު ގެއްލި ދިރިއުޅުން މަތިން ފޫހިވި ދަނޑިވަޅުގައި ހަސަންފުޅުގެ ފަރާތުން ލިބުނު ލޯތްބާ ކުލުނަކީ އަލުން އާ ހަޔާތެއް ފެށުން ކަހަލަ ކަމަކަށް ހަލީމާއަށް ވިއެވެ. އެ ހަނދާންތަކާ ދުރުކޮށް ދިނުމުގައި ހިތްވަރުދީ އެހީތެރިވީ ހަސަންފުޅެވެ. ހަސަންފުޅަކީ ހަލީމައަށް ލިބުނު ރަން ގަނޑެކެވެ. ޚުލްޤު ހެޔޮ އަޚުލާޤު ރަނގަޅު ފިރިޔެވެ. ހަލީމަ ފުރަތަމަ ފިއްލަދޫގައި ދިރި އުޅެން ނިންމީވެސް އިބުރާހިމުގެ ހަނދާންތަކާ ދުރުވުމަށްޓަކައެވެ. ހަލީމަގެ މައިން ބަފައިން އެދުނީ އަމިއްލަ ވަޒަނުގައި ދިރި އުޅުމަށެވެ.

ހަސަންފުޅު ނިޔާވި ފަހުން މިކަހަލަ އިހުސާސެއް ހަލީމައަށް ކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. ހަލީމައަށް ތަފާތު މީހުންގެ ފަރާތުން ކައިވެނި ކުރުމަށް ހުށަހެޅުންތައް ލިބެމުން އައިސްފައި ވެއެވެ. ނަމަވެސް ހަލީމަގެ ޖަވާބަކީ ތިކަހަލަ ކަމަކާ ނުވިސްނާ ކަމަށެވެ. ގިނަ މީހުންގެ ބޭނުމަކީ މުދަލާ ފައިސާ ހޯދުމުގެ ދަހިވެތިކަން ކަމުގައި ހަލީމަ ގަބޫލުކުރެއެވެ.

ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ހަލީމައަށްވެސް ނިދިއްޖެއެވެ. ދެން ހޭލެވުނީ ދޯނި ފިއްލަދޫގެ ފަޅުތެރެއަށް ވަނުމާއެކު މީހުންގެ ހޭލަމޭލަވާ އަޑަށެވެ. ފިއްލަދޫ ފަޅަކީ އަތޮޅުގައި އޮތް އެންމެ ބޮޑު އެއް ފަޅެވެ. ފަޅުތެރޭގައި 30 މިނެޓް ދުއްވައިގެން ނޫނީ ރަށް އަތުޖެހޭ ގޮތެއް ނުވާނެއެވެ.

ވިލުނޫކުލައިގެ ބޮޑުފަޅުގައި ދޯނި ދުވެފައި ދާއިރު އުޑުމަތީގެ ސާފުކަމުން ވިލުގެ އަޑި ބައެއް ދިމަދިމާއިން ފެންނަނީ ވަރަށްވެސް ނަލަކޮށް އެހާމެ ހިތްގައިމުކޮށެވެ. މުރަކަތަކާ ގާތަކަށް ލިބިފައިވާ ގުދުރަތީ ރީތިކަން ބަލާ ފޫހި ވުމެއްނެތެވެ. ހަލީމަވެސް ގޮނޑީގައި ބޭރު ބަލަން އިނީ އަތްމަތީގައި ބޯ އަޅައިލައިގެންނެވެ. މިރީތި މަންޒަރުގެ ތެރެއަށް ގެއްލިފައެވެ. މިހާރު އޭނާގެ އުނގުގައި ބޯއަޅައިލައިގެން އޮތް ދަރިފުޅު ލަހުފާވެސް ހޭލައިގެން ތެދުވެއްޖެއެވެ. މަންމަގެ ކޮނޑުގައި ހިފަހައްޓައިލައިގެން ލޮނުގަނޑާ ދިމާއަށް ބަލަހައްޓައިގެން އިނެވެ.

ލަހުފާގެ ޚިޔާލުތައް ހުރީ އޭނާ ކުރިއަށްދާނެ ރޮނގަކާ ދޭތެރޭގައެވެ. އަދި މަންމަ ކައިރީ ބުނެގެން އިތުރައް ކިޔަވަން މާލެ ދެވޭނެ ގޮތެއް ހޯދާނީއޭ ވެސް ބައެއް ފަހަރަށް ހިތަށް އަރައެވެ. އޭނާގެ މަންމައަކީ އޭނާގެ އެންމެ ބޮޑު އެކުވެރިޔާއެވެ. ހުރިހާ ކަމެއްގެ ވާހަކަ މަންމައާ ދެކެވެއެވެ. ނުދެއްކޭ ވާހަކައެއް ނޯވެއެވެ. މަންމަ ކައިރީ ބުނަން ޖެހިލުންވާ ވާހަކައެއް ނޯވެއެވެ. ހަސަންފުޅު ނިޔާވި ފަހުން އެގުޅުން އިހުނަށް ވުރެން ބޮޑުވިއެވެ.

ޚިޔާލުތަކުގައި ދެމައިން ތިއްބާ ކުއްލިއަކަށް، މީހަކު މޫދަށްވެއްޓުނު އަޑާއެކު ދޯނީގައި ތިބި ހުރިހާ ޒުވާނުން ހަޅޭއްލަވަން ފެށިއެވެ. އެމީހަކު ވެއްޓުނު ދިމާއަށް އެންމެން ހެލިގަތެވެ. މޫދުގައި އޮތީ ހަލީމަގެ ދަރިފުޅު މުހަންމަދު ރަޝީދެވެ. ފިއްލަދުއަށް އެރުމުގެ ކުރިން ތެންމާލަން އޭނާގެ ރަހުމަތްތެރި ކުދިން ތިބީ ރާވައިގެންނެވެ. އެކަން ވީ އެންމެނަށް ވެސް ވަރަށް މަޖާ ކަމަކަށެވެ. ދޯނީގެ ކައްޕިތާނަކަށް ހުރީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. އޭނާ އަޑުގެ ނެއްތަނަށް ގޮވައިލިއެވެ.

"އެ ސޮރަށް އެޖެހުނީ މާކުރިން ފެންވަރަން އަދި އެއުޅެނީ ވާންއުޅޭ އަނބިގޮއްޔެ ވެސް ނުފެނިއެއްނު"

ފިއްލަދޫގެ އަތިރިމަތީގައި ގިނަ އަދަދެއްގެ މީހުން އެއްވެ ތިއްބެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރި ކަމުގެ ކުލަ ތަކެވެ. އަވިގަދަކަމުން ގިނަ މީހުން ތިބީ ހިޔާދޭ ބޮޑެތި ގަސްތަކުގެ ހިޔަލުގައެވެ. ބައެއް މީހުން ފާލަން މަތީގައިވެސް ތިއްބެވެ. ޚާއްސަ ކޮށް މުހަންމަދު ރަޝީދު ކައިވެނި ކުރަން ރަންކިޔާ ފައިވާ ފިއްލަދޫ، އިރުމަތީގޭ ސަލްމާ އަހުމަދުގެ އާއިލާގެ މީހުންނެވެ. މީގެ އިތުރުން ރަޝީދުގެ ބައްޕަ ފަރާތު އާއިލާގެ މީހުންނެވެ. ދޯނިން މީހުން ފައިބަން ފަށައިފިއެވެ. ގިނަ މީހުން ހޯދައި ބަލަނީ މުހަންމަދު ރަޝީދު ފެނޭ ތޯއެވެ. އެންމެން ފޭބިއިރު ވެސް އޭނާއެއް ނުފެނުނެވެ. އެކަމާ އެންމެ ބޮޑަށް ހާސްވެގެން އުޅެނީ ސަލްމާއެވެ.

އިރުކޮޅަކުން ފެނުނީ ފާލަމުގެ ސިޑިން ތެމިފޯވެފައި ހުރި މީހަކު އަރާތަނެވެ. އެމީހަކީ އެންމެން އިންތިޒާރު ކުރާ މުހައްމަދު ރަޝީދެވެ. ހާސްވެގެން ތެޅިތެޅި އޮތް ސަލްމާގެ ހިތަށް ފިނިކަން ލިބި ދުއްވައި ގަނެވުނެވެ. އަދި ރަޝީދު ގާތަށް ދެވުމާއެކު ރަޝީދުގެ އަތުގައި އޮޅުލައި ގަތެވެ. އެ ވަގުތު ޒުވާން ކުދި ބަޔަކު އައިސް ކުލަ ގިރުވާފައިހުރި ފެންކޮތަޅުތަކެއް ދެމީހުންގެ ގަޔަށް ޖަހައި ކުލައިން ފެންވަރުވައި ލައިފިއެވެ. ޒުވާން ކުދިން އަތްޖަހާ ހަޅޭއްލަވާ ފޯރި ނެގިއެވެ. ހީވަނީ އީދެއް އައިސްގެން އުޅޭހެނެވެ.

މިކުޅިވަރު ބަލަން ހަލީމަ ހުރިއިރު އޭނާގެ ލޮލުން ކަރުނަ ހިލެއެވެ. ފުންއަސަރުތަކެއް ދިޔައީ ކުރުވަމުންނެވެ. މީގެ ސާޅީސް ފަސް އަހަރު ކުރިން އޭނާގެ ކައިވެންޏަށް މިރަށަށް އައި ދުވަހުގެ ހަނދާން ތަކެވެ. ހަސަންފުޅު ފެނުމުން މަންމަގެ ނިވަލަށް ވަދެ ލަދުން ބަލަން ހުރި މަންޒަރެވެ. އެ ދުވަހުވެސް ފޯރި ނެގިއެވެ. ބެރުޖަހައި ލަވަ ކިޔައި ހެދިއެވެ. (ނުނިމޭ)

--

އެޑިޓަރުގެ ނޯޓު: މިވާހަކައިގެ 4 ވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ ބުރާސްފަތި ދުވަހުއެވެ.