އަރުޖުން ރާމްޕާލް ކަންގަނާ ރަނާވަތު އެކީގައި ފެނިގެންދާ ފިލްމު "ދާކަދް" ގެ ޓީމާ ގުޅިއްޖެއެވެ.
ރަޒްނީޝް ރާޒީ ޑައިރެކްޓްކުރާ މިފިލްމަކީ ފިލްމު "އޯރް ޕިޔާރް ހޯގަޔޭ، އަންދޯލަން" ފަދަ ފިލްމުތައް ގެނެސްދީފައިވާ ސުހައިލް މަކްލައި ޕްރޮޑަކްޝަން ހައުސްގެ އުފެއްދުމެކެވެ.
އަރުޖުން މިފިލްމާ ގުޅުނުކަން އޭނާގެ އިތުރުން ބަތަލާ ކަންގަނާވެސްވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
އިންޑިއާގެ ނޫސް އެޖެންސީއަކަށް ދިން ބަސްދީގަތުމެއްގައި އަރުޖުންބުނީ ފިލްމުގެ ސްކްރިޕްޓް އޭނާއަށް ވަރަށް ކަމުދިޔަކަ މަށާއި މިފިލްމަށް އޭނާ ސޮއިކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.
މިވަގުތު އޭނާދަނީ ފިލްމުން އޭނާ ފެނިގެންދާ ރޯލަށް ތައްޔާރުވުމުގެގޮތުން އެކަމާ ގުޅޭ ހާއްސަ ތަމްރީނުތަކެއް ހަދަމުންނެވެ.
ޑައިރެކްޓަރ ރަޒްނީޝް އަލަށް ޑައިރެކްޓްކުރާ މިފިލްމަކީ އެކްޝަން ތްރިލަރއެކެވެ.
މީގެކުރިން ކަންގަނާ ބުނެފައިވަނީ މިފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ސީރީސް ފިލްމު "ރެސިޑެންޓް އެވިލް" އާ ދާދި އެއްކަހަލަ ފިލްމެކެވެ.
އެހެންކަމުން އަރުޖުންއާއެކު ކަންގަނާވެސް މިފިލްމުގައި ވަރަށް ތަފާތު އެކްޝަން މަންޒަރުތަކުން ފެނިގެން ދާނެއެވެ.
އަދި ހަމައެއާއެކު މިފިލްމުގެ ކްރޫއިންގެ ތެރޭގައި ބައިނަލްއަގްވާމީ ފިލްމު އިންޑަސްޓްރީތަކުގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރުން ހިމެނޭކަމަށްވެސް ޚަބަރުލިބެއެވެ. އޭގެތެރޭގައި ޖަޕާން އަދި ފްރާންސްއަށް ނިސްބަތްވާ ސިނެމަޓޮގްރާފަރުން ހިމެނެއެވެ.
އަރުޖުންގެ އިތުރުން ކަންގަނާވެސްދަނީ މިފިލްމުގައި އޭނާ ކުޅެން ހަމަޖެހިފައިވާ ރޯލަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނުތަކުގައި ބައިވެރިވަމުންނެވެ.
މިފިލްމުގެ ޓީސަރވަނީ 2019 ވަނަ އަހަރުގެތެރޭ ބެލުންތެރިންނަށް ދައްކާލާފައެވެ.
މިފިލްމުގެ ވާހަކަ ފެންމަތިވެފައިމިވަނީ ފިލްމުގެ މަސައްކަތް މެދުކަނޑާލާފައިވާކަމަށް ބުނެ މީގެކުރިން ބޮލީވުޑްގެ ބައެއް ފަރާތްތަކުން އަޑުފަތުރާފައި ވަނިކޮށެވެ. އެހެންނަމަވެސް އޭރުވެސް ފިލްމުގެ ޕްރޮޑަކްޝަން ޓީމުންވަނީ އެވާހަކަ ދޮގުކޮށްފައެވެ.