ގިނަ ބަޔަކު އެފިލްމަކަށް އެންމެ އިންތިޒާރުކުރާ ފިލްމު "ކޭ.ޖީ.އެފް.2" ގެ ފުރަތަމަ ޓީޒާ ރިލީޒްކޮށްފިއެވެ.
މިފިލްމުގެ އޮފިޝަލް ޓީޒާ ރިލީޒްކުރުން ރަސްމީކޮށް ހަމަޖެހިފައިވަނީ ފިލްމުގެ މެއިން ލީޑް ސައުތު އެކްޓަރު ޔަޝްގެ 35 ވަނަ އުފަން ދުވަހާއި ގުޅުވައިގެންނެވެ. އެއީ 8 ޖެނުއަރީ ވާ ހުކުރު ދުވަހުއެވެ.
އެހެންނަމަވެސް ކަނޑައެޅިފައިވާ ވަގުތުގެ އެތައްގަޑިއިރުކުރިން މިފްރެންޗައިޒްގެ ފަހު ފިލްމުގެ ޓީޒާވަނީ ޔޫޓިއުބް މެދުވެރިކޮށް ރިލީޒްކޮށްފައެވެ.
ވަރަށް ޝައުގުވެރިގޮތަކަށް ޓީޒާގައި ފިލްމުގެ ކުޑަ ތަންކޮޅެއްނަމަވެސް ވަނީ ފެނިގެންގޮސްފައެވެ.
މިފަހަރުގެ ފިލްމަށް ގިނަބަޔަކު އިންތިޒާރުކުރާ އެންމެބޮޑު އެއް ސަބަބަކީ ފިލްމުގެ ކާސްޓުން ވަރުގަދަވުމެވެ. އޭގެތެރޭގައި އެންމެ މުހިއްމު ރޯލަކުން ފެނިގެންދާ އެކްޓަރު ސަންޖޭދަތު އަދި ބަތަލާ ރަވީނާ ޓަންޑަން ހިމެނެއެވެ.
ސަންޖޭދަތު ފެނިގެންދަނީ ފިލްމުގެ މެއިން ވިލެންގެ ރޯލްއިންނެވެ.
"ކޭ.ޖީ.އެފް"ގެ ފުރަތަމަ ފިލްމުގެ ވާހަކައަކީވެސް ވަރަށް ޝައުގުވެރި ވާހަކައަކަށްވެފައި ފިލްމަށް ލިބިގެންދިޔަ ކާމިޔާބީގެ އަލީގައި މިފިލްމުގެ ދެވަނަ ބައެއް ނުވަތަ ސީކުއެލްއެއް ތައްޔާރުކުރުމަށް ފިލްމުގެ ޕްރޮޑިއުސަރު އޭރުވަނީ ނިންމާފައެވެ.
މިފްރެންޗައިޒްގެ ސީކުއެލްގެ ޝޫޓިންގް ފަށާފައިވަނީ 2019 ވަނަ އަހަރުގެތެރޭއެވެ.
އެއަށްފަހު ކޮވިޑްގެ ބަލިމަޑުކަމާހެދި ފިލްމުގެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުތެރޭއެވެ.
ފިލްމުގެ ޓީޒާ ދައްކާފައިވާއިރު ފިލްމުގެ ރިލީޒިންގ ތާރީޚެއް އަދިވެސް ހާމައެއް ނުކުރެއެވެ.
މިފިލްމަކީ މިއަހަރުތެރޭ ނެރޭނެ އެންމެ ކާމިޔާބު އެއްފިލްމުކަމަށް މިހާރުވެސް ބޮލީވުޑްގެ އެނަލިސްޓުންދަނީ ބުނަމުންނެވެ.